އެ ދުވަސްވަރަކީ އޯލެވެލް ނިންމާ ހުރިހާ ކުދިން ގަދަބާރުން ދަމައި ގެނެސް ސިފައިންގެ ޔުނީފޯމް ލެއްވި ޒަމާނެވެ. މަޖީދިއްޔާ ސްކޫލްގެ ޔުނީފޯމް ބޭލުމަށް ފަހު އޭނާ ވެސް ދެން ލީ ޖަންގަލް ގްރީން ޓީޝާޓެކެވެ. އެއަށް ފަހު ސިފައިންގެ ތަމްރީނުތަކަށް ނުކުތީ އެވެ. އެންމެފަހުން ސިފައިންގެ މެމްބަރެއްގެ ގޮތުގައި ވަޒީފާ އަދާކުރަން ފެށީ އެވެ. ނަމަވެސް މިއީ އޭނާ އެއްގޮތަކަށް ވެސް ޝައުގުވެރިވި ދާއިރާއެއް އަދި ކަމެއް ވެސް ނޫނެވެ.
ސިފައިންގެ ޔުނީފޯމްގައި ހުރިއިރު ވެސް އޭނާގެ ހިތް އޮތީ ފޮޓޯގަނޑެއްގެ ތެރޭގަ އެވެ. އެ ފޮޓޯގަނޑު އޮތީ ނިކަން ލޯބިން ފްރޭމް ވެސްކޮށްފަ އެވެ. ފޮޓޯގްރާފަރަކަށް ވުމަކީ މިހާ ވެސް ލޯބިން އޭނާ ފައްކާކޮށް ކުލަޖެއްސި ހުވަފެނެކެވެ. ސިފައިންގެ އަށް ވަދެގެން ލިބުނު ފުރަތަމަ މުސާރައަށް އޭނާ ކެމެރާއެއް ގަތީ ވެސް މި ސަބަބާ ހެދި އެވެ. އޭނާ ބޭނުންވީ ބަޑިއެއް ނޫނެވެ. ގަދަ ފެހިކުލައިގެ ޝަރަފްވެރި ޔުނީފޯމެއް ވެސް ނޫނެވެ.
ކެމެރާއެކެވެ.
ނަމަވެސް ހުވަފެނެއް ހަގީގަތަކަށް ހެދުމަކީ އަދި އެހާ ފަސޭހަކަމެއް ނޫނެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އޭނާ އަށް ވެސް އެކަން ތަޖުރިބާކުރެވިއްޖެ އެވެ.
މިއީ އަލީ ނިޝާންގެ ވާހަކަ އެވެ. މަޝްހޫރު ނަމުން ނަމަ މިލްޒީރޯ އެވެ. އަދި އޭނާގެ ޕްރޮފެޝަންގެ ނަމުން ނަމަ އައިލެންޑް ކިއުޕިޑްސްގެ ވާހަކަ އެވެ.
"ސްކޫލް ނިމުނީއްސުރެވެސް އަހަރެން ބޭނުންވީ ފޮޓޯ ނަގާ މީހަކަށް ވާން. ދެން އަހަންނާ ދިމާކުރަން ވެގެން ރައްޓެއްސަކު އޭރު ބުނި ކަލޭ ބޭނުންވަނީ ފޮޓޯ ލަތީފު ހެދިގެން އުޅެންހެއްޔޭ ވެސް."
ފޮޓޯ ލަތީފަކީ މާލޭގައި އެ ދުވަސްވަރު އުޅުނު ނިކަން މަޝްހޫރު ފޮޓޯގްރާފަރެކެވެ.
"އެހެން ބުނީމަ ކުޑަކޮށް ހިޔާލު ވެސް އެނބުރުނު އޭރު. އެކަމަކު ވެސް އެންމެ ފަހުން ހިތަށް އެރީ ހެވޭ ފޮޓޯ ލަތީފަށް ވިޔަސް،" ފޮޓޯގްރެފީގެ ތެރެއަށް ވަދެވުނުގޮތާ ބެހޭ ގޮތުން ފަށައިގަންނަމުން މިލްޒީރޯ ބުންޏެވެ.
އެ ފެށި ގޮތަށް އޭނާ މި ވަނީ މި ދާއިރާގައި އޭނާގެ "ނިޝާން" ޖަހައިފަ އެވެ. އެއް އިރެއްގައި އަންހެން ކުދިންނާ ޗެޓްކުރަން މަޖަލަށް ހެދި ނަމެއް (މިލްޒީރޯ) މި ވަނީ ހުރިހާ ދިވެހިން ދަންނަ މަޝްހޫރު ބްރޭންޑަކަށްވެފަ އެވެ. ނަމަވެސް މިލްޒީރޯ އަކީ އަދި އޭނާގެ ވިޔަފާރީގެ ނަމެއް ނޫނެވެ.
ވެޑިން ފޮޓޯގްރެފީގެ ތަފާތު ހިދުމަތްތަކެއް އޭނާ ދެމުން އަންނަނީ އައިލެންޑް ކިއުޕިޑްސްގެ ނަމުގައި 2010 ވަނަ ރަޖިސްޓްރީކޮށްފައިވާ ނަމެއްގެ ދަށުންނެވެ.
އޭނާ މިހާރު ހުރި ހިސާބަށް އައިސްފައި ވަނީ ވަރަށް ވެސް ބުރަ މަސައްކަތުންނެވެ. ތަފާތު އެކި ދާއިރާތަކެއްގައި މަސައްކަތްކުރި ނަމަވެސް އެއް ކަމެއް، އެއް އަޒުމެއް ކޮނޑަށް ލައިގެންނެވެ. އެއީ އޭނާގެ ކެމެރާ އެވެ.
އެންމެ ފުރަތަމަ އޭނާ އަށް ފެނުނީ ވަން މެގަ ޕިކްސަލްގް ކެމެރާއެކެވެ. އެއީ އޭރު މަޖީދިއްޔާގައި އެކުގައި އުޅުނު ގްރޫޕް ތެރެއިން ކުއްޖެއްގެ ކެމެރާއެކެވެ. އޭރު އޭގައި އަތްލާކަށް ނުވަތަ ހިފާލާކަށް ވެސް އޭނާއަކަށް ނުކެރެވެ އެވެ. އަގުބޮޑު އާދަޔާހިލާފު އެއްޗަކަށްވީމަ ދުރުދުރުން ބަލާލައިގެން ހިތްފުރާލައިގެން ހުރީ އެވެ.
އެއަށް ފަހު މަޑުމަޑުން އޭނާ ފޮޓޯގްރެފީގެ ތެރެއަށް ވަންނަން ފެށީ އެވެ. ސިފައިންގެ އަށް ވަދެ ލިބުނު ފުރަތަމަ މުސާރައިން އޭނާ ގަތީ އޮލިމްޕަސް ކެމެރާއެކެވެ. އެއީ ޓޫ މެގަ ޕިކްސެލްގެ ކެމެރާއެކެވެ. ސިފައިންގެ ވަޒީފާގައި ހަމަޖެހިލިއިރު ވެސް އޭނާ ކޮންމެވެސް ވަރަކަށް ފޮޓޯ ނަގަ އެވެ.
ސިފައިންގޭގެ ފޮޓޯގްރެފީ ޑިޕާޓްމެންޓަށް އޭނާގެ ޝައުގުވެރިކަން ހުސްކޮށްލީ ވެސް އެހެންވެގެންނެވެ.
"ފޮޓޯގްރާފަރަކަށް ވާން ބޭނުންވެގެން ސިފައިންގެއިން އެ ފުރުސަތެއް ނުލިބުނު. އެމީހުން ނެގީ އެންމެ ކުއްޖެއް. އެ މީހުން ބުނީ އެއީ މާ މޮޅު ކުއްޖެކޭ އަހަންނަށް ވުރެ. ދެން އޭރު އަދި ފޮޓޯނެގުން އެއީ މުޅިން މަޖަލަކަށް ހޮބީއެއްގެ ގޮތުން އަހަރެން ކުރި ކަމެއް،" ފޮޓޯގްރެފީގެ އިތުރުން އައިޓީ ދާއިރާ އަށް ވެސް ހާއްސަ ޝައުގުވެރިކަމެއް ހުންނަ މިލްޒީރޯ ބުންޏެވެ.
ފޮޓޯގްރެފީ އާއި އައިޓީގެ އިތުރުން އޭނާ ދެން އެންމެ ޝައުގުވެރިވަނީ ބަގީޗާ އިންދަންކަން ޔަގީނެވެ. ފަހަރެއްގައި މިކަމަށް އޭނާގެ ކިބައިގައި ހާއްސަ ޝައުގުވެރިކަމެއް އުފެދުނީ އެންވަޔަރޮމެންޓަލް ރިސާޗް ސެންޓަރުގައި މަސައްކަތްކުރި ދުވަސްވަރު އެވެ. މި އަންނަނީ އޭނާގެ މުޅިން އެހެން ދާއިރާއެއްގެ ވާހަކަ އެވެ. މިއީ ސިފައިންގެ ވަޒީފާ ދޫކޮށްލުމަށް ފަހު މިލްޒީރޯ ދެން ގުޅުނު ދާއިރާ އެވެ. އޭރު ވެސް އަދި ފޮޓޯގްރާފަރެއްގެ ގޮތުގައި އަދި ރަސްމީއެއް ނުވެ އެވެ.
ކެމެރާއާ އެކު އޭނާ ސީދާ އެކަމަށް ނުކުތީ ރިސާޗް ސެންޓަރުން ލިބުނު ސްކޯލާޝިޕެއް ދޫކޮށްލުމަށް ފަހު އެވެ. އެއީ ފޮޓޯނަގާ މީހެއްގެ ގޮތުގައި ކެރިއަރެއް ފައްކާކުރަން އޭނާ ބޭނުންވެފައި ހުރިވަރު ބޮޑުކަމުންނެވެ.
"އެގޮތުން އެންމެ ފުރަތަމަ މަސައްކަތްކުރި ސްޓޫޑިއޯ އަކީ ޕްރޯ ސްޓޫޑިއޯ، ކިރަން ކައިރީގަ ވެސް މަސައްކަތްކުރިން. އޭރު ވެސް އަދި ނޭނގޭ ފޮޓޯގްރެފީގެ މާ ބޮޑު އެއްޗެއް،" މިހެން އުޅެނިކޮށް ފޮޓޯ ސްޓޫޑިއޯ މަތިން އޭނާ އެއްކޮށް ފޫހިވީ އެވެ.
މިލްޒީރޯ އަކީ އޭނާގެ ވިސްނުމުގެ އިން ވަރަށް ފުޅާދާއިރާއަކަށް ނިކަން މިނިވަންކަމާ އެކު ހުޅުވާލައިގެން މަސައްކަތްކުރާ ޒުވާނެކެވެ. ފަހަރެއްގައި އޭނާގެ މަސައްކަތް ތަފާތުވެފައި އޭގެ ފެންވަރު ރަނގަޅީ ވެސް މި ސަބަބާ ހެދި އެވެ.
"ސްޓޫޑިއޯ އަކީ ގޮޅިއެއް. އެ ގޮޅި ތެރޭގައި ފޮޓޯގްރެފީގެ އެންމެ ފުން މިނަކަށް ފީނައެއް ނުގަނެވޭނެ."
ސްޓޫޑިއޯ އިން މިލްޒީރޯ ނުކުތީ އެކަން އިހްސާސްވެ އޭނާ ބޭނުންވާ ގޮތަށް ފޮޓޯ ނުނެގުނީމަ އެވެ.
ސްޓޫޑިއޯ ފޮޓޯގްރެފީ ދޫކޮށްލުމަށް ފަހު ދެން އޭނާ ލީ ނޫސްވެރިއެއްގެ ޖެކެޓެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ނުފޫޒުގަދަ ދުވަހު ނޫސް، ހަވީރުގެ ފޮޓޯގްރާފަރުގެ ޖެކެޓެކެވެ.
ހަވީރު ނޫހަކީ އެ މީހުންގެ ފޮޓޯޖާނަލިޒަމް އަށް އެހާ މަޝްހޫރު ބައެއް ނޫނެވެ. ފޮޓޯ ޖާނަލިޒަމްގެ ފުން ތަސްވީރުތަކެއް އެމީހުން އަތުން ހޯދުމަކީ ވެސް ފަސޭހަކަމެއް ނޫނެވެ. ނަމަވެސް މިލްޒީރޯ އެމީހުންނާ އެކު މަސައްކަތްކުރި އިރު ވަރަށް ހިތްގައިމު ބޮޑު މަންޒަރުތަކެއް އޭނާ ނަގައިދިނެވެ.
ނަމަވެސް، އަނެއްކާވެސް އާދައިގެ މަތިން މިލްޒީރޯ، ހަވީރު ދެކެ ވެސް ފޫހިވީ އެވެ. އޭނާގެ ފިކުރާއި ވިސްނުން އެ ތަނުގެ މާހައުލަށް ވެސް ނުފެތުނީމަ އެވެ.
އެއަށް ފަހު ދެން އައީ އައިލެންޑް ކިއުޕިޑެވެ.
"ވަރަށް ޕާސަނަލް ހިދުމަތެއް މިއީ. އަހަރެމެންގެ ކްލައިންޓުން ދަސްނުކޮށް އަހަރެން އެއްވެސް ގޮތަކަށް މަސައްކަތެއް ނުކުރަން،" މިލްޒީރޯ ބުންޏެވެ.
"ވެޑިން އަކީ ވަރަށް ހާއްސަ ކަމެއް. ދީނީ ގޮތުން ބެލިޔަސް ބޮޑު އުފާފާޅުކުރުމެއް. އެހެންވީމަ އަހަރެމެން ހާއްސަވަނީ މި ހަފުލާގެ ފޮނިކޮޅު އޭގެ ގޮތުގައި ކަވަރުކޮށްދޭތީ. އަހަރެމެން މަސައްކަތްކުރަނީ ވަރަށް ވެސް ޕާސަނަލް ފޮޓޯޝޫޓަކަށް."
"އެކަމަކު މިއީ ހަމައެކަނި ލާރިއަށް ކުރާ ކަމެއް ނޫން. ބިޒްނަސް ނަމެއް މީގައި އޮތަސް އާޓަށް ބޮޑަށް ބަލަނީ. ހިދުމަތްދޭއިރު ބަލަނީ ވީހާ ވެސް އާޓިސްޓިކް ގޮތަކަށް ހިދުމަތް ދެވޭތޯ،" ރާއްޖޭގެ ކަޕްލްސްތަކުގެ އިތުރުން ރާއްޖެ އިން ބޭރުގެ ކަޕްލްސްތަކަށް އެމީހުން ބޭނުންވާ މަންޒިލަކަށް ދަތުރުކޮށްގެން ހިދުމަތް ދެމުން އަންނަ މިލްޒީރޯ ބުންޏެވެ.
ރާއްޖޭގައި އާންމުކޮށް ވެޑިން ޕާޓީއެއް މި ނިންމާލަނީ ދަރުބާރުގޭގެ ކޮންމެވެސް މާލަމެއްގަ އެވެ. އެ ތަނުގައި ހުންނަ ބެކްޑޮރޮޕެއްގެ ކުރި މަތީގައި ތިބެ އެކި މީހުން އެކި ގޮތްގޮތަށް ފޮޓޯ ނަގާލުމުން ވެޑިން ޕާޓީ އެ ނިމުނީ އެވެ. ނަމަވެސް މިލްޒީރޯގެ އައިލެންޑް ކިއުޕިޑްސް އިން ފައްކާކޮށްފައި ވަނީ މިކަހަލަ ތިލަ ހިދުމަތެއް ނޫނެވެ. މިލްޒީރޯގެ ކެމެރާ އިން ގެނެސްދެނީ ކައިވެނި ކުރާ ދެ މީހުންގެ ލައިފް ސްޓޯރީ އެވެ. އެ މީހުންގެ ހުރިހާ އިހްސާސަކާއި އެ ހަފުލާއެއްގެ އުފާވެރިކަމެވެ.
މިލްޒީރޯ އަކީ ތަނަކުން ކިޔަވައިގެން ފޮޓޯގްރެފީގެ ހިދުމަތް ދެމުން އަންނަ ފަރާތެއް ނޫނެވެ. އޭނާ ކިޔެވީ އަމިއްލަ އަށެވެ. ފޮޓޯގްރެފީގެ އަސްލު ދަސްކުރަން އޭނާ ބޭނުންކުރީ ތިން ފޮތެވެ. އޭނާ އަށް މި ހުރިހާ ފިލާވަޅެއް ނަގައިދިން އެންމެ ހާއްސަ ފޮތަކީ "ދަ ކޮމްޕްލީޓް ފޮޓޯގްރެފީ މެނުއަލް" އެވެ.
ފޮޓޯގްރެފީ ދަސްކުރަން ބޭނުންވާ ކުދިންނަށް މި ފޮތް އެހީއަކަށް ވާނެ ކަމަށް ބަލަމާ ހިނގާށެވެ.
އޭރުން މިލްޒީރޯ ޖެހި ތައްގަނޑު ނުވަތަ ނިޝާން ނުޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ.