ހަބަރު

ލޮނުމިދިލިގެއިން 4 މީހަކާ 4 ކުއްޖަކު ހައްޔަރުކޮށްފި

ފުލުހުން މިރޭ ކުރިއަށް ގެންދިޔަ ޑްރަގް ރެއިޑް އޮޕަރޭޝަންގަައި މާފަންނު ލޮނުމިދިލިގެއިން ހަތަރު މީހަކާ، ހަތަރު ކުދިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާއަށް ވީޑިއޯ އަދި ފޮޓޯ ނެގުމުގެ ފުރުސަތު ދީގެން ކުރިއަށް ގެންދިޔަ މިރޭގެ އޮޕަރޭޝަންގެ މައުލޫމާތު ހާމަކުރަމުން ފުލުހުން ބުނެފައިވަނީ މާފަންނު ލޮނުމިދިލިގެއިން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ 4 ކުދިން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ އުމުރުން އުމުރުން 18 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި، އަންހެނެއްގެ އިތުރުން ބިދޭސީ ފިރިހެނެކެވެ.

މާފަންނު ލޮނުމިދިލިގެއިން ހައްޔަރުކުރި މީހުން

  • 18 އަހަރުން ދަށުގެ ހަތަރު ކުދިން
  • 18 އަހަރުން މަތީގެ ދިވެހި ދެ ފިރިހެނުން
  • 18 އަހަރުން މަތީގެ ދިވެހި އަންހެނެއް
  • ބިދޭސީ ފިރިހެނެއް

ފުލުހުން ބުނީ މާފަންނު ލޮނުމިދިލިގެއިން ގިނަ އަދަދެއްގެ ފައިސާވެސް ފެނިފައިވާ ކަމަށެވެ.

ލޮނުމިދިލިގޭގެ އިތުރުން ޑްރަގް ރެއިޑްގައި މިހާތަނަށް ބަލާފައިވަނީ މ. ފެޝަންމީޑް، މ. ނަދީއިރުމަތީބައި، ހ. ވެލިރަންގެ، ގ. މެމޮރީވިލާ އެވެ.

މ. ފެޝަންމީޑްގެ ބަލާ ފާސްކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އެގެއިން 11 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މ. ނަދީއިރުމަތީބައި، ފާސްކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެގެއިން ހަތަރު މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ހ. ވެލިރަން، ފާސްކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެގެއިން 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ގ. މެމޮރީވެލީ ބަލާފާސްކޮށްފައިވަނީ މިމަހުުގެ 18 ވަނަ ދުވަހުއެވެ. އެގެއިން ހަތަރު މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ މިހާރު ކުރިއަށް ގެންދާ ޑްރަގް ރެއިޑް އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތަކަށް ނިސްބަތްވާ ފަރާތްތަކުން މާލޭގެ ބައެއްގެ ގޭގައި ހިންގާ މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރިކޮށް އެ ގެތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ (ކެފޭ އުސޫލުން) ހިދުމަތް ލިބޭގޮތަށް ތައްޔާރު ކުރެވިފައިވާ ގެތަކަށް އަމާޒު ކުރެވިގެން ހިންގޭ އޮޕަރޭޝަނެއް ކަމަށެވެ.

"އަދި މިކަމަކީ ގެތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުގެ ރުހުމާއެކުގައި މާލީ މަންފާ ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއްކަން ފާހަގަކުރަން. މި އޮޕަރޭޝަންތަކަކީ ގެ ތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތް ޒިންމާދާރު ކުރުމަށް ނުވަތަ ޖިނާއީ ތަހުގީގެއް ހިންގައި އެ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށްޓަކައި، ހިންގޭ އޮޕަރޭޝަން ތަކެއްކަން ފާހަގަކުރަން. މި ގޮތުން މިހާތަނަށް ފަސް ގެއެއް ވަނީ ބަލާފާސް ކުރެވިފައި." ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.

ފުލުހުން ބުނީ މި ގެ ތަކަކީ ތަކުރާރުކޮށް މިފަދަ މައްސަލަތަކުގައި ބަލާ ފާސްކުރެވިފައިވާ ގެތަކެއް ކަމަށެވެ.