ދުނިޔެ

އަފްޣާން ރިޔާސީ އިންތިހާބު ވަނީ އޮޅުވާލާފަ

Dec 23, 2019

އަފްޣާނިސްތާނުގައި މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ އޮޅުވާލާފައިވާތީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް އެގައުމުގެ ޗީޕް އެގްޒެކެޓިވް އަދި ރައީސް އަޝްރަފް ޣަނީގެ ވާދަވެރިޔާ އަބްދުﷲ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ މިހާރު ވަނީ އާންމުކޮށްފަ އެވެ. ނަތީޖާ ދައްކާގޮތުން އިންތިހާބުގައި އަބްދުﷲ އަށް ލިބުނު ވޯޓުގެ ޕަސަންޓަކީ 39.5 އެވެ. ރައީސް ޣަނީ ލިބިފައިވަނީ ވޯޓުގެ 50.6 ޕަސަންޓެވެ. މިއާއެކު އަބްދުﷲ ދެއްވި ބަޔާނެއްގައި ވިދާޅުވީ، އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާކަން ކަށަވަރުވާ ކަމަށެވެ. އަދި އެ ނަތީޖާ ގަބޫލުކުރާނެ ގޮތެއް ނޯންނާނެ ކަމަށެވެ.

މިއީ ވަގުތީ ނަތީޖާ ކަމަށްވިޔަސް ރަސްމީ ނަތީޖާގައި ވެސް އަބްދުﷲ ކުރި ހޯދާނެ ކަމަށް ނުބެލެވެ އެވެ. އަދި މިހާރު ވޯޓު ޗެކް ކޮށްފައިވުމުން އަބްދުﷲ އަށް ލިބުނު ވޯޓުގެ 40 ޕަސަންޓަށް ނާރާނެ ކަމަށް ވެސް އެގައުމުގެ އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އަފްޣާނިސްތާނުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ލަސްވެގެންދިޔައީ ދުރު ހިސާބުތަކުގެ ވޯޓުތައް ގުނުމުގައި ދިމާވި ބޮޑެތި މައްސަލަތަކަކާ ގުޅިގެން ވޯޓުތައް އަލުން ގުނައި އަދި މައްސަލަތައް ތަހުގީގު ކުރަންޖެހުމުންކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އިންތިހާބުގެ ވޯޓު ގުނަމުން ދިޔަ ވަގުތު ވޯޓުގުނާ މަރުކަޒުތަކަށް އަމާޒު ކޮށްގެން ބޮމުގެ ހަމަލާތައް ވެސް ދީފައިވެ އެވެ.

މީގެކުރިން 2014 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް އެންމެ ގާތުން ވާދަކުރެއްވީ އަޝްރަފް ޣަނީ އާއި އަބްދުﷲ އަބްދުﷲ އެވެ. އެއަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ވެސް ވަރަށް ބޮޑަށް ލަސްވެގެންދިޔަ އެވެ. 2014 ވަނަ އަހަރުގެ އިންތިހާބު ޣަނީ ކާމިޔާބުކުރެއްވި ނަމަވެސް އެއިންތިހާބަށް ފަހު 2015 ވަނަ އަހަރު އަފްޣާނިސްތާނުގައި އުފެއްދި ސަރުކާރަކީ ދެބޭފުޅުން ގުޅިގެން އުފެއްދި އެއްބައިވަންތަ ކަމުގެ ސަރުކާރެކެވެ. އެންމެފަހުން ޣަނީއާއި އަބްދުﷲ އިންތިހާބުގެ އަރާރުންތައް ދޫކޮށް އެދެބޭފުޅުން ސުލްހަވީ ދެބޭފުޅުން ހިއްސާ ކުރައްވާގޮތަށް އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދައި ގައުމުގެ ރައީސަކަށް ޣަނީ އަދި ޗީފް އެގްޒެކެޓީވް އަކަށް އަބްދުﷲ ހުންނަވާ ގޮތަށެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގެ މިސްރާބު ވެސް ހުރި މިފަދަ ގޮތަކަށެވެ. އިލެކްޝަން ކޮމިޝަނުން ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމާ އެކު އެނަތީޖާ ގަބޫލުނުކުރާނެ ކަމަށް ޢަބްދުﷲ ވަނީ ވިދާޅުވެފަ އެވެ. މިއާއެކު އަބްދުﷲގެ ސަޕޯޓަރުން ވަނީ މިހާރު މަގުމައްޗަށް ނުކުންނަން ފަށައިފަ އެވެ.