ދުނިޔެ

ތާލިބާން ސަރުކާރު ބަލައިގަންނަން ޖެހޭ: ޗައިނާ

އަފްޣާނިސްތާންގައި މިހާރު ވެރިކަންކުރަނީ ތާލިބާނުން ކަމަށް ވުމަކީ އެ ގައުމުގައި މިހާރު އޮތް ސަރުކާރުން ބެއިޖިންއަށް ކަނޑައެޅި ސަފީރު ބަލައިނުގަންނަން ޖެހޭ ސަބަބެއް ނޫން ކަމަށް ޗައިނާ ހާރިޖީ ވުޒާރާގެ ތަރުޖަމާން ވާންގް ވެންބިން ވިދާޅުވެއްޖެ އެވެ.

ޗައިނާއާ އަފްޣާނިސްތާނާ ދެމެދު އޮތީ ޑިޕްލޮމެޓިކް ގުޅުމެއް ކަމަށާއި -- ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ތާލިބާން ސަފީރު ފަތްކޮޅު އެރުވުމުން ގަބޫލުކުރެއްވީ މި ސަބަބަށްޓަކައި ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ސަރުކާރުތަކުން ކަނޑައަޅާ ސަފީރުންނަށް ޗައިނާއިން ރުހުންދޭނެ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ. ޑިޕްލޮމެޓިކް ރޮނގުން މުއާމަލާތްކުރާ ކޮންމެ ގައުމަކާ އެކު ޗައިނާ ވެސް ހަމަ އެ ބީދައިން މުއާމަލާތްކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަފްޣާނިސްތާންގައި މިހާރު ވެރިކަަންކުރަނީ ތާލިބާނުން ކަމަށް ވުމަކީ ދުނިޔެއިން އެ މީހުން ބާކީކުރަން ޖެހޭ ސަބަބެއް ނޫން ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ. ބުއްދިވެރި ގޮތަކީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ތާލިބާން ސަރުކާރު ބަލައިގަނެ -- އިގުތިސާދީ އަދި އިޖުތިމާއީ ގުޅުން ބަދަހިކުރުން ކަމަށް ވިދާޅުވި އެވެ.

ވާންގް ވެންބިން މި މޭރުމުން ވާހަކަދެއްކެވީ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ނޫސްވެރިޔާ ސުވާލުކުރުމުގައި ދޭހަކުރުވަން މަސައްކަތްކޮށްފައި ވަނީ ޗައިނާއިން ތާލިބާން ސަފީރަކަށް ރުހުން ދިނުމަކީ ކުށަކަށް ބެލެވޭ ގޮތަށެވެ.

ތާލިބާން ސަރުކާރަކީ ދުނިޔެ ބަލައިގަންނަ ސަރުކާރަކަށް ނުވެފައި އަފްޣާނިސްތާނުން ޗައިނާއަށް ސަފީރަކު އައްޔަންކޮށް، ޝީ ޖިންޕިންއަށް ފަތްކޮޅު އެރުވުމުން ގަބޫލުކުރެއްވިތޯ ނޫސްވެރިޔާ ސުވާލުކުރި އެވެ.

ތަރުޖަމާން ވިދާޅުވީ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އަރުވާ ފަތްކޮޅު ބަލައިގަތުމަކީ އާދަޔާ ހިލާފު ކަމެއް ނޫން ކަމަށެވެ. އެއީ ކޮންމެ ދުވަހަކުވެސް ހިނގަމުން އަދި ބަދަލުވަމުންދާ ހަރަކާތެއް ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ޗައިނާ އަމަލުކުރިި ގޮތަށް އެހެން ގައުމުތަކުން ވެސް އަފްޣާނިސްތާންއާ މެދު އަމަލުކުރަން އެދިވަޑައިގަންވާ ކަމަށެވެ.

އަފްޣާނިސްތާން ސަފީރުގެ ގޮތުގައި ޗައިނާގައި ހުންނަވާނީ އަސަދުﷲ ބިލާލް ކަރީމް އެވެ.

އޭނާއާ ބެހޭ ގޮތުން ޗައިނާގެ ހާރިޖީ ވުޒާރާއިން ބުނީ ޗައިނާގައި ތިއްބަވާ އެހެން ސަފީރުންނަށް އޮންނަ ގަދަރާ އެއްހަމައަކުން އަފްޣާނިސްތާންގެ ސަފީރާ މެދު ވެސް ޗައިނާއިން އަމަލުުރާނެ ކަމަށެވެ.

އަފްޣާނިސްތާން ތަރައްގީކުރުމަށްޓަކައި އެ ގައުމުގައި އިންވެސްޓްކުރައްވާނެ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ. އެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރިއަށް ކަމަށްވެސް ވިދާޅުވި އެވެ.