ފަހުގެ ތާރީހެއްގައި އުފެދުނު އެންމެ ނުރައްކާތެރި ޓެރަރިސްޓު ޖަމާއަތް ކަމަށްވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް އަނެއްކާވެސް އިރާގުގައި ބާރުގަދަ ކުރަން ފަށައިފިކަމަށް ޖާސޫސީ އޮފިޝަލުން ބުނެފި އެވެ. 2013 ވަނަ އަހަރު އަލްގައިދާގެ ގޮތްޕަކުން ވަކިވެގަނެގެން އުފެދުނު އައިއެސް ބާރުގަދަ ވާންފެށީ 2014 ވަނަ އަހަރު އެމެރިކާއިން ތުރުކީއަށް ދިން ބާރުގަދަ ހަތިޔާރުތަކެއް އައިއެސްއަށް ލިބުމާ ގުޅިގެންނެވެ.
ކުރުދީންގެ އެހީގައި އެމެރިކާއިން އައިއެސްއާ ކުރަމުންދިޔަ ހަނގުރާމަ މިއަހަރު ތެރޭގައި ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި އައިއެސްގެ ލީޑަރު ވެސް ވަނީ މަރާފަ އެވެ. އައިއެސްގެ ލީޑަރު އަބޫބަކުރު އަލް ބަގްދާދީ މަރާލުމަށް އެމެރިކާއިން ކަންތައް ކުރި ގޮތުގެ ސަބަބަން އައިއެސް އަނެއްކާވެސް ބާރުގަދަ ކުރަން ފަށާފާނެ ކަމަށް ކުރިންވެސް އޮތީ ލަފާ ކުރެވިފަ އެވެ.
އަދި 2014 ވަނަ އަހަރު އެމީހުން ތިބި ފޯމުގައި އަލުން އަންނަން މަސައްކަތް ކުރަމުންދާ ކަމަށް ކުރުދީގެ ޖާސޫސްނާއި ހުޅަނގުގެ ގައުމުތަކުން ޖާސޫސީ އޮފިޝަލުން ވަނީ ބުނެފަ އެވެ. ބީބީސީއަށް ދިން އޯޑިއޯ އިންޓަވިއުއެއްގައި ކުރުދީ ޖާސޫސަކު ބުނެފައިވަނީ އައިއެސްގެ ފިކުރުގައި ތިބި މީހުން މިހާރު ވެސް އިރާގުގައި ނުރައްކާތެރި ހަމަލާތަށް ދެމުންދާ ކަމަަށެވެ. އަދި އެމީހުންގެ ފިކުރު ފަތުރައި އަލުން އެބުރި އައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ޖާސޫސީ އޮފިޝަލު ދެކޭ ގޮތުގައި މިހާރު އައިއެސްގެ ބާރު އަލް ގައިދާއާ އެއްވަރެވެ.
"އެމީހުންގެ އުކުޅުތައް އަދި ރޭވުންތައް މާމޮޅުވެފައި މާ ހުނަރުވެރި، އެމީހުންގެ އަތުގައި މާގިނަ ފައިސާ ވެސް އެބަހުރި. ވެހިކަލްތަކާ ހަތިޔާރާ ކާބޯތަކެތި އަދި އިކްއިޕްމެންޓް ގަތުމުގެ ގާބިލުކަން އެ މީހުންގެ އެބަހުރި. ޓެކްނޮލޮޖީއާ އެމީހުން މާ ރައްޓެހި އެމީހުން ނައްތާލަން މާ އުނދަގޫވާނެ،" ކުރުދީ ޖާސޫސީ އޮފިޝަލު ބީބީސީއަށް ދިން އިންޓަވިއުގައި ބުންޏެވެ.
އަދި މިހާރުގެ ހާލަތުން ހަމައެކަނި އިރާގު ސިފައިންނަށް އައިއެސް ކޮންޓްރޯލް ކުރަން އުދާގޫވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ އައިއެސްގެ މިހާރުގެ ހާލަތު ސިފަކޮށްފައިވަނީ ދިގު ހިލަ ފަރުބަދެއްގެ ގޮތުގަ އެވެ. މި އިންޓަވިއުއާ ގުޅިގެން އެމެރިކާއިން ވެސް ބުނެފައިވަނީ އައިއެސް އަލުން ބާރުގަދަ ކުރި ނަމަވެސް އެމީހުން އަލުން ނައްތާލުމަށް މާބުރަ މަސައްކަތެއް ކުރަން ނުޖެހޭނެ ކަމަށެވެ.
އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ވިލިއަމް ސީލީ ބުނި ގޮތުގައި އެގައުމުގައި އައިއެސް ވަރުގަދަ ވަމުން އައި ނަމަވެސް މިހާރު ވަނީ ކުރިއަށް ވުރެ ރަނގަޅަށް ސިފައިން ތަމްރީނު ކޮށްފައި ކަމަށެވެ.