ހަބަރު

ތުލުސްދޫގައި ކްރިސްމަސް ފާހަގަކުރުން މަނާ: ކައުންސިލް

Dec 24, 2019
3

ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކ. ތުލުސްދޫގައި މި އަހަރު ކްރިސްމަސް ފާހަގަ ކުރަމުން މަނާކޮށްފައިވާ ކަމަށް އެ ރަށުގެ ކައުންސިލް އިދާރާއިން ބުނެފި އެވެ.

ތުލުސްދޫ ކައުންސިލް އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެ ރަށުގައި ކްރިސްމަސް ފަދަ ޣައިރު ދީންތަކުގެ މުނާސަބާތައް ފާހަގަ ކުރުމުގެ ގޮތުން ބައެއް ތަންތަނުގައި އިސްތިހާރު ތަތް ކުރުމާއި ކްރިސްމަސް ފާޙަގަ ކުރުމުގެ ގޮތުން ތަފާތު ހަފުލާތައް ބާއްވަން އުޅޭ ކަމުގެ މައުލޫމާތު އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

"ރާާއްޖެ އަކީ ސައްތަ އިން ސައްތަ މުސްލިމު ގައުމަކަށްވީ ހިނދު މިފަދަ ޣައިރު ދީންތަކުގެ ދީނީ ދުވަސްތައް ފާހަގަ ކުރުމަކީ ގާނޫނުން ވެސް ކުރާ ކަމަށް ނުވާ ހިނދު މި ރަށުގައި އެފަދަ ހަފުލާތައް ބޭއްވުމަކީ މަނާ ކަމެއް ކަމުގައި ހުރިހާ ފަރާތަކަށް ދަންނަވަމެވެ." ތުލުސްދޫ ކައުންސިލްގެ އިދާރާގެ އިއުލާންގައި ބުނެފައިވެ އެވެ.

އެ އިއުލާން ބުނެފައިވާ ގޮތުން އެފަދަ ހަފުލާތައް އެ ރަށުގައި ބާއްވަން އުޅޭނަމަ އެ ކަމެއް ކައުންސިލުން ހުއްޓުވާނެ އެވެ. އަދި ހުއްޓުވުމުގެ ސަބަބުން ދިމާވެދާނެ އެއްވެސް ކަމަކަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށް ވެސް އެ އިއުލާންގައި ބުނެފައިވެ އެވެ.