ހުޅުމާލޭގައި ރަހުމްކުޑަކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ އަނިޔާވެރި މަރުން ފިލާވަޅު ލިބިގަނެ، ނިޒާމް އަލުން މުރާޖައާ ކުރަންޖެހިފައިވާ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ ގާސިމް ހަސަންގެ މަރާ ގުޅޭ މައުލޫމާތު ހާމަކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ފުލުހުން ހާމަކުރި މައުލޫމާތުތަކާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ. ގާސިމް މަރާލި ކަމަށް އެއްބަސްވެފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދު އެކަންކުރީ މުޅި ދުވަހު މަސްތުވުމުގައި ހޭދަކޮށް، އިތުރަށް މަސްތުވުމަށް ފައިސާ ހޯދުމަށް ގާސިމް އަތުން ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދްހަމް އަކީ ކުށްކުރުމުގެ ބޮޑެތި ރެކޯޑްތަކެއް އޮތް އަދި ހުކުމެއްވެސް އޮތް މީހެއް ކަމަށާ އޭނާ ދޫކޮށްލާފައިވަނީ ފަރުވާއަށް ކަމަށްވެސް އިއްޔެ ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ހާމަކުރި މައުލޫމާތުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާ ކުރިން ހޯމް މިނިސްޓަރުކަންވެސް ކުރެއްވި ޖަމީލް ވިދާޅުވީ އެންމެ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަމުންދަނީ މަސްތުވާތަކެތި ބޭނުން ކުރަމުންދާ މީހުން ކަމަށެވެ.
ޖަމީލް ވިދާޅުވީ ގާސިމް ހަސަންގެ އަނިޔާވެރި މަރުން ފިލަވާޅު ލިބިގަނެ ނިޒާމް އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ. އަދިވެސް ޑްރަގް ކޯޓަށް އިތުބާރު ކޮށްގެން ތިބެންވީތޯވެސް ކުރިން ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ޖަމީލް ސުވާލުކުރެއްވިއެވެ.
މަސްތުވެފައި ތިބޭ މީހުން މަގުމަތީ ހިނގައިނުގަނެވިފައި. އެންމެ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަނީ އެ މީހުން. އަދިވެސް ޑްރަގް ކޯޓަށް އިތުބާރުކޮށްގެން ތިބެންވީތޯ؟ މަރްހޫމް ގާސިމްގެ ހިތާމަވެރި، އަނިޔާވެރި މަރުން ފިލާވަޅު ލިބިގަނެ މި ނިޒާމް އަލުން މުރާޖައާކުރަންޖެހޭޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބް ރައީސް
ފުލުހުން ބުނީ ގާސިމްގެ ގާތިލް އަދުހަމް މުހައްމަދުގެ މަގްސަދަކީ ފޭރުން ކަމަށް އޭނާ ބުނާ ކަމަށާ ވަޅިން ހަމަލާދިނީ ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށެވެ. އަދި ވަޅިއެއް ހިފައިގެން ނިކުމެ ފޭރެން މަސައްކަތް ކުރީ މަސްތުވުމަށާއި އެހެނިހެން ބޭނުން ތަކަށް ފައިސާ ހޯދުމަށް ކަމަށް އަދްހަމް ބުނެފައިވާ ކަމަށެވެ.
ފުލުހުން އިއްޔެވެސް ބުނީ ގާސިމް ހަސަން މަރާލި ކަމަށް އަދްހަމް އެއްބަސްވެފައިވާ ކަމަށާ އެ ވާހަކަަތައް ފުލުހުންގެ ތަހުގީގުގެ އިތުރުން ކޯޓްގައި އޭނާ ކިޔައިދީފައިވާ ކަމަށެވެ. އަދި އަދްހަމްގެ އަމިއްލަ އިއުތިރާފުގެ އިތުރުން ފުލުހުންގެ ތަހުގީގުންވެސް މިހާތަނަށް ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ ކަމަށެވެ.
"ގާސިމް ހަސަން މަރާލާފައިވާ މައްްސަލައިގައި އަދުހަމް ހައްޔަރުކުރެވިފައިވަނީ، ތަހުގީގަށް އެކި ގޮތްގޮތުން ލިބިފައިވާ މައުލޫމާތުތަކުގެ ކޮޅާ ހިސާބަށް ދެވި، އެ ހުރިހާ މައުލޫމާތުތައް ކަށަވަރުކޮށް ބެލި ބެލުމުން މި ހާދިސާއަކީ ސީދާ ގާސިމް ހަސަންއަށް ޓާގެޓް ކުރެވިގެން ހިންގާފައިވާ ހާދިސާއެއްކަމަށް ބެލުމުގެ ފުރުސަތު ހަނިވެފައިވުމާއެކު، މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމަށްޓަކައި ފޭރުމާ، މަސްތުވާތަކެއްޗާއި އަނިޔާވެރި އަމަލުތަކުގެ ކުށުގެ ރެކޯޑްސް އޮންނަ ފަރާތްތަކަށް ފޯކަސް ކުރެވިގެން ކުރެވުނު ހާއްސަ މަސައްކަތްތަކުގެ ތެރެއިން."
ފުލުހުން ބުނީ ގާސިމް ހަސަންގެ މަރުގެ މައްސަލައާއި ގުޅިގެން އަދަހަމް ހައްޔަރުކުރުމާއި ގުޅިގެން އޭނާގެ އަމިއްލަ އިހްތިޔާރުގައި ތަހުގީގަށް ހުރިހާ ވާހަކަތަކެއް ކިޔައިދީފައިވާ ކަމަށެވެ. އެގޮތުން އޭނާ މަސައްކަތް ކުރީ ގާސިމް ހަސަންއަށް ބިރު ދައްކާ ފޭރެން ކަމަށާ އެހެން ނަމަވެސް އޭނާގެ ކަރުގައި އެއް އަތުން ހިފާ އަނެއް އަތުން ވަޅިން ބިރުދެއްކުމުން ގާސިމް ހަސަންގެ ދެ އަތުން ވަޅީގައި ހިފާ، ހަޅޭލައިވައިގަނެ، ކާރުން ފައިބަން މަސައްކަތް ކުރުމުން ވަޅިން ގާސިމްގެ ކަރަށް ހަމަލާދިން ކަމަށް އަދުހަމް ބުނެފައިވާ ކަމަށެވެ.
އަދި ގާސިމަށް ހަމަލާދިންއިރު އޭނާ ލައިގެން ހުރި އަންނައުނު ބަދަލުކޮށްފައިވާ ކަމަށާ ނަމަވެސް ފުލުހުންގެ ތަހުގީގަށް އެ އަންނައުތައް ހޯދާފައިވާ ކަމަށެވެ.
"މައްސަލައިގެ ތަހުގީގުގައި އަދްހަމް މުހައްމަދު އިއުތިރާފުވެފައިވީނަމަވެސް، މައްސަލައިގެ ތަހުގީގު އެއްވެސް ހާލެއްގައި އަޅުގަނޑުމެން ބިނާކޮށްފައިވާނީ އަދި ބިނާކުރާނީ އިއުތިރާފުގެ މައްޗަށް ނޫން ކަމުގައި ދަންނަވަން. އެ ގޮތުން މިހާރުވެސް ސީސީޓީވީ ފްޓޭޖްގެ އަލީގައި އަދި ފޮރެންސިކް ހެކީގެ އަލީގައި މައްސަލައާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ދެނެގަނެ، ޔަގީން ކުރެވިފައިވޭ. އެގޮތުން 2019، ޑިސެންބަރު ހަތަރުވަނަ ދުވަހުގެ 20:12 ގައި ގާސިމް ހަސަން އޭނާގެ ރައްޓެހިންނާއެކު 'ކޭމާޓް ކެފޭ' ގައި ކޮފީ ބޯން އިނދެފައި ގޮސް އަމީނީމަގުން ގޮސް، ކުޑަކުދިންގެ ޕާކް ކުރިމަތީ ޕާކްކޮށްފައި އޮތް އޭނާގެ ޓެކްސީއަށް އެރުމަށް ގޮސްފައިވާކަން ކަށަވަރުކުރެވިފައިވޭ. އަދި 2019، ޑިސެންބަރު ހަތަރުވަނަ ދުވަހުގެ 20:18 ގައި ޓެކްސީގައި އަމީނީމަގުން ނިކުމެގެންގޮސް، ބޮޑުތަކުރުފާނު މަގުން ގޮސް ބްރިޖުން އެއާޕޯޓަށް ގޮސްފައިވާކަން ފާހަގަކުރެވޭ."
އަދި އެއާޕޯޓުން ދަތުރެއް ނަގައިގެން ހުޅުމާލެއަށް ގޮސްފައިވާ ކަމަށާ ގާސިމްގެ ޓެކްސީ ހުޅުމާލޭގައި ދަތުރުކުރި މަގުތައް އައިޑެންޓިފައި ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ގާސިމްގެ ގާތިލް އަދްހަމްގެ ހަރަކާތްތައް އެ ދުވަހު ހުރި ގޮތާއި، އެ ހާދިސާއާއި ގުޅިގެން އިތުރަށް ހޯދަންޖެހޭ ކަންކަން މިހާރު ބަަލަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
"އެ ގޮތުން މިވަގުތު މައިގަނޑު ގޮތެއްގައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ފޮރެންސިކް އިތުރު ތަހުލީލުތައް ކުރުމާއި، ތުހުމަތު ކުރެވޭ ފަރާތް ދައްކާފައި ހުރި ވާހަކަތައް 'ކޮރަބްރޭޓް' ކުރެވޭ ގޮތަށް ފްޓޭޖް އެނަލިސިސްއާ، މިހާތަނަށް ސުވާލު ކުރެވުނު މީހުންގެ އިތުރަށްވެސް ސުވާލުކުރަންޖެހޭ އިތުރު ބަޔަކު ތިބިތޯ ބަލާ، އެ ފަރާތްތަކުގެ ބަޔާންތައް ނަގާ، ތަހުގީގު ފުރިހަމަ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން."
ފުލުހުން ބުނީ ގާސިމްގެ މަރާ ގުޅިގެން މިހާތަނަށް ކުރެވުނު ތަހުގީގުން އެ މަރުގައި އެހެން ބައެއްގެ ނުވަތަ މީހެއްގެ ބައިވެރިވުން އޮތްކަން އެނގިފައިނުވާ ކަމަށެވެ.
"އަދްހަމް މުހައްމަދަކީ މީގެ ކުރިންވެސް ވައްކަމާ، ފޭރުމާ، މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮތް ފަރާތެއް، އެހެންވީމަ އެފަދަ ތުހުމަތަކެއް ކުރިންވެސް އޭނާގެ މައްޗަށް އެބަހުރި ކުރެވިފައި. އެހެން ނަމަވެސް ކުރިންވެސް ދެންނެވުނު ގޮތަށް ގާސިމް ހަސަންގެ މަރާ ގުޅޭގޮތުން އިތުރު މީހެއްގެ ބައިވެރިވުމެއް ނެތްކަން ފާހަގަކުރަން." ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ ގާސިމަށް ހަމަލާދިންއިރު އަދްހަމް ލައިގެން ހުރި އަންނަނު ބަދަލުކޮށް އޭނާގެ ރަހުމަތްތެރިއެއްގެ އަތުން އެހެން އަންނައުނުތަކެއް ހޯދާފައިވާ ކަމަށާ ނަމަވެސް އަދްހަމް ކުރި އަމަލުގެ މައުލޫމާތު އޭނާގެ ރައްޓެހިންނަށް ލިބިފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ތަހުގީގަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން އަދިވެސް ބަލަމުންދާނެ ކަމަށް ވިދާޅުވިއެވެ.
"މިވަގުތު އަޅުގަނޑުމެންނަށް ޔަގީނާ ގާތަށް ބުނަން އެނގޭ މި ހާދިސާ، މި އަމަލު ހިންގުމުގައި އިތުރު ބައެއްގެ ބައިވެރިވުމެއް ނެތްކަން. ދެން އިތުރަށް މި ހާދިސާއަށްފަހު ދިމާވި ފަރާތްތައް މި ހާދިސާގެ މައުލޫމާތު އެއްވެސް ވަރަކަށް ލިބިފައިވޭތޯ ނުވަތަ ނޫންތޯ އިތުރަށް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން."