އިންފޮމޭޝަން ކޮމިޝަނާ

މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތެއް އެބަ އޮތް: ފިޔާޒު

ދައުލަތުގެ މުއައްސަސާތަކުގައި މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތެއް އަދިވެސް އެބަ އޮތް ކަމަށާއި ކުރިއަށް އޮތް އަހަރު އެ ކަން ބަދަލުކޮށް މައުލޫމާތުތައް ހާމަ ކުރާނެ ސަގާފަތެއް އަށަގަންނަން މަސައްކަތް ކުރައްވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވެއްޖެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި އިއްޔެ ފިޔާޒު ވިދާޅުވޭ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގައި މައުލޫމާތު ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ އޮފީހަށް ހުށަހަޅަން ޖެހޭ މައުލޫމާތުތައް 88 ޕަސެންޓް މުއައްސަސާތަކުން ހުށަހަޅާފައެއް ނުވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޑުމަޑުން މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތް ނިއުޅެމުން ދިޔަ ނަމަވެސް އަދިވެސް އެ ސަގާފަތް ކޮންމެ ވެސް ވަރަކަށް އެބައޮތެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެ ކޮމިޝަނަށް ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅަން ޖެހޭ އަހަރީ ރިޕޯޓްގެ ތެރެއިން އެ ކޮމިޝަނަށް ލިބިފައި ވަނީ ގާތްގަނޑަކަށް 700 ރިޕޯޓެވެ. އެކަމަކު ހުރިހާ މުއައްސަސާއަކުން ކޮންމެ އަހަރަކު ރިޕޯޓް ހުށަހެޅިނަމަ ގާތްގަނޑަށް 6،000 ރިޕޯޓް ލިބޭނެ އެވެ.

ފިޔާޒު ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ފުރަތަމަ ކަމަށް ވޭތުވެފިޔަ ފަސް އަހަރު ރިޕޯޓް ހުށަހަޅާފައި ނުވާ މުއައްސަސާތަކުން މި މަސް ނިމެންވާއިރު އެ ރިޕޯޓްތައް ހުށަހަޅަން މިހާރު އަންގާފައިވާނެ ކަމަށެވެ. އަދި މި އަހަރު ހުށަހަޅަން ޖެހޭ ރިޕޯޓްތައް އަންނަ މަހުގެ ނިޔަލަށް ހުށަހަޅަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޕޯޓް ހުށަހަޅާފައި ނުވާ މުއައްސަސާތަކުގެ ތެރެއިން ގިނައީ ދައުލަތުގެ ބަޖެޓުން ފައިސާ ދީފައިވާ ސިޔާސީ ޕާޓީތަކާއި، ދައުލަތުގެ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ބައެއް މިނިސްޓްރީތަކާއި ބައެއް ކައުންސިލް އިދާރާތަކާއި ބައެއް ސްކޫލްތަކެވެ. އެ ގޮތުން ރިޕޯޓް ހުށަހަޅަން ޖެހެނީ ދައުލަތުގެ ބަޖެޓުން އެ އަހަރަކު ފައިސާ ދޭން ކަނޑައަޅާފައިވާ ކުންފުނިތަކާއި ޖަމާއަތްތަކެވެ.

"މުއައްސަސާތަކުގައި އެބަ އޮތޭ [މައުލޫމާތު] ހިފެހެއްޓުމުގެ ސަގާފަތެއް އަދިވެސް ކޮންމެ ވެސް ވަރަކަށް. އެހެން ނަމަވެސް އެ ކަން މަޑުމަޑުން ނެއްޓެމުން ވެސް އެބަ ދޭ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރާނީ އެ ސަގާފަތް ނައްތާލާއި [މައުލޫމާތު] ހާމަ ކުރުމުގެ ސަގާފަތެއް އަށަގަންނަން." ފިޔާޒު ވިދާޅުވި އެވެ.

ހުރިހާ މައްސަލައެއް އާންމުކޮށް ހުޅުވާލައިގެން ގެންދަން ނިންމައިފި

ފިޔާޒު އިތުރަށް ވިދާޅުވި ގޮތުގައި މައުލޫމާތު ހާމަ ކުރުމުގެ ސަގާފަތެއް އަންނަ އަހަރުން ފެށިގެން ކޮމިޝަނަރުގެ މަސައްކަތް ގެންދަން މުހިއްމު ދެ ނިންމުމެއް ވަނީ ނިންމައިފަ އެވެ. އެއީ ދައުލަތުގެ މުއައްސަސާތަކުން މައުލޫމާތު ލިބިގަތުމުގެ ގާނޫނު ތަންފީޒު ކުރަމުންދާ މިންގަނޑު ރަނގަޅަށް މޮނިޓާ ކުރުމާއި، ކޮމިޝަނަރުގެ އޮފީހުން ބަލާ މައްސަލަތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމެވެ.

"އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންނަ އަހަރުން ފެށިގެން އެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ނިންމަމުން ދާނީ އާންމުކޮށް ހުޅުވާލައިގެން، އެ ކަމަށް ޝައުގުވެރިވާ ނޫސްވެރިންނާއި އާންމުންނަށް ވެސް އަޑުއެހުން ކުރިއަށްދާ ހޯލަށް ވަނުމުގެ ފުރުސަތު ލިބިގެން ދާނެ،" ފިޔާޒު ވިދާޅުވި އެވެ.

މި އަހަރުގެ މިހާތަނަށް ވެސް މައުލޫމާތު ނުދީގެން ނުވަތަ ނުލިބިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ވަނީ 42 މައްސަލައެއް ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން 34 މައްސަލައެއް ނިންމިއިރު، އެއް މައްސަލައެއްގައި ކޮމިޝަނުން ވަނީ މައުލޫމާތު ނުދީ އިސްތިސްނާވާ ހާލަތެއް ކަމަށް ނިންމައިފަ އެވެ. ދެން ހުރި މައްސަލަތަކުގައި ވަނީ މައުލޫމާތު ފޯރުކޮށްދީ ނިމިފަ އެވެ.

މިހާރު ނުނިމި އޮތް މައްސަލަތަކުގެ ތެރޭގައި ދެ މައްސަލައެއް ހައި ކޯޓުގައި ދަނީ ހިނގަމުންނެވެ. އެ ދެ މައްސަލައަކީ ވެސް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ނުދިން ކަމަށް ބުނެ އާންމު ފަރުދަކު ހައި ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައެކެވެ. އެއިން މައްސަލައެއް ވަނީ އާންމުކޮށް ހުޅުވާލައިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ.