ރަޝިޔާ

އަޑަށްވުރެ 27 ގުނަ ބާރަށް ދަތުރުކުރާ މިސައިލެއް ރަޝިޔާއިން ނެރެފި

Dec 28, 2019
1

ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ އެންމެ ބާރަށް، ބައްރުތައް ހުރަސްކޮށް ދަތުރުކުރާ މިސައިލް ރަޝިޔާގެ އުފައްދާ އަސްކަރީ ހިދުމަތަށް ނެރެފި އެވެ. މިއީ ނިއުކުލިއަ ވޯ ހެޑަކާއެކު އުދުއްސާލުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ. މި މިސައިލް އަޑަށް ވުރެ 27 ގުނަ ބާރަށް ދަތުރުކުރެ އެވެ. އެއީ ގަޑިއަކު 33345 ކިލޯމީޓަރަށެވެ.

ރަޝިޔާއިން ބުނާ ގޮތުން އެ ގައުމުން އުފެއްދި ހައިޕަސޯނިކް ސްޓްރެޓީޖިކް މިސައިލް އެ ގައުމުގެ ދިފާއީ މަސައްކަތުގައި އިއްޔެއިން ފެށިގެން ބޭނުން ކުރަން ވަނީ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ. އެވަންގާޑް މިސައިލަކީ އުދުހުމުގެ ތެރޭގައި ހަލުވިކަމާއެކު ފަރާތްފަރާތަށް ޖެހުމުގެ ގާބިލުކަން ވެސް ލިބިފައިވާ މިސައިލެކެވެ.

ރަޝިއާގެ އެވަންގާޑް ސްްޓްރެޓީޖިކް މިސައިލާ ގުޅިގެން ރަޝިޔާގެ ރައީސް ޕޫޓިން އާއި ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ އިއްޔެ ވަނީ އެ ގައުމުގެ އަސްކަރީ ތާރީހުގެ އެ ކާމިޔާބަށް މަރުހަބާ ވިދާޅުވެފަ އެވެ.

މި މިސައިލް އަސްކަރިއްޔާއަށް އިތުރު ކުރި އިރު މި މިސައިލްގެ ވާހަކަ ރައީސު ޕުޓިން އެންމެ ފުރަތަމަ ހާމަކުރެއްވީ މިދިއަ އަހަރު އެވެ.

މި އާ މިސައިލާއެކު ދުނިޔޭގެ ކޮންމެ ހިސާބަކަށްވެސް ހަމަލާދިނުމުގެ ގާބިލުކަން ރަޝިޔާއަށް ލިބެ އެވެ. އެމެރިކާގެ ވައިގެ ދިފާއީ ނިޒާމްތަކަށް މި މިސައިލް މައިތިރި ނުކުރެވޭނެ ކަމަށް ވެއެވެ.