އަހްމަދު ރިޒްވާން (ރިޒޭ) ކާމިޔާބު ކުރި ހެޓްރިކާއެކު، ފ. ނިލަންދޫގެ މައްޗަށް 4-2 ގެ ނަތީޖާއަކުން މޮޅުވެ، ކުލަބު އީގަލްސްއިން މާޒިޔާއާ ފަރަގު ކުޑަ ކޮށްފި އެވެ.
މެޗަށް ނުކުތް އިރު، އެއް ވަނައިގައި އޮތް މާޒިޔާ އާއި އީގަލްސް އާ ދެމެދު 14 ޕޮއިންޓްގެ ބޮޑު ފަރަގެއް ހުއްޓެވެ. އީގަލްސް މިއަދުގެ މެޗުން މޮޅުވެ 27 ޕޮއިންޓާއެކު ވަނީ 11 ޕޮއިންޓަށް މާޒިޔާ އާ ގާތް ކޮށްފަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ 38 ޕޮއިންޓާއެކު އެވެ.
މެޗް ކުޅެން 24 ގަޑިއިރަށް ކައިރިވެފައި ވަނިކޮށް، އެފްއޭއެމުން ވަނީ ޕްރީ މެޗް ޕްރެސް ކެންސަލް ކޮށްފަ އެވެ. އޭގޭ ގަޑިއިރުތަކެއް ފަހުން މެޗާ ބެހޭގޮތުން ދެ ޓީމުގެ ކޯޗުންގެ ވީޑިއޯ އިންޓަވިއު ލީގްގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކޮށްފައި ވެއެވެ. އެ އިންޓަވިއުގައި ވާހަކަ ދައްކަމުން ކުލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ނިލަންދޫއިން މިދިޔަ ބުދަ ދުވަހު ކުލަބު ގްރީން ސްޓްރީޓް ބަލި ކޮށްފައި ވުމުން ރަނގަޅު ފޯމެއްގައި ނިލަންދޫ އޮންނާނެ ކަމަށާއި އެހެންވެ އެ ޓީމާ ދެކޮޅަށް ކުޅޭ މެޗަށް އީގަލްސްއިން އިތުރަށް ސަމާލުވާނެ ކަމަށެވެ.
ސަސްޕެންޝަންގެ ސަބަބުން އަލީ ފާސިރު (ސެންޓޭ) އަށް މެޗުގައި ބައިވެރި ނުވެވުނެވެ. އީގަލްސްއިން ދެ ފަހަރު ލީޑް ނެގިއިރުވެސް ނިލަންދޫއިން ވަނީ ދެ ފަހަރުވެސް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
އީގަލްސްގެ ފުރަތަމަ ލަނޑު ރިޒޭ ކާމިޔާބު ކުރީ މެޗުގެ 10 ވަނަ މިނެޓްގަ އެވެ. އޭގެ ފަހުން ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ވެސް ތަނަވަސް ކުރެވުނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިލަންދޫގެ ޖަޕާންގެ މިޑްފީލްޑާ ޓޮށުކީ އޮކަމޯޓާ (ޓޮށީ) ވަނީ ނިލަންދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ދެ ވަނަ ހާފު ފެށިގެން މެޗުގެ 73 ވަނަ މިނެޓާ ހަމައަށް ނިލަންދޫއިން ވަނީ އީގަލްސް ހިފަހައްޓާލާފަ އެވެ. އީގަލްސްގެ ދެ ވަނަ ލަނޑު ރިޒޭ ކާމިޔާބު ކުރީ 73 ވަނަ މިނެޓްގަ އެވެ. އޭގެ ދެ މިނެޓް ފަހުން ނިލަންދޫގެ ލަމްޕްޓީ ސެމިއުލް ވަނީ ލަނޑު ޖަހައި އެ ޓީމަށް ނަތީޖާ އަނެއްކާވެސް ހަމަހަމަ ކޮށްދީފަ އެވެ.
ނަތީޖާ ހަމަހަމަ ކޮށްލައިގެން ނިލަންދޫއަށް އޮވެވުނީ ދެ މިނެޓް ހާއިރު އެވެ. އީގަލްސްގެ ތިން ވަނަ ލަނޑަކީ، ނިލަންދޫގެ ކެޕްޓަން ފަރުހާދު އިސްމާއީލް (ފަރޭ) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ރިޒޭ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 84 ވަނަ މިނެޓްގަ އެވެ.
މިއަދުގެ މެޗަށް ފަހު ބާއްވަން އޮތް ޕޯސްޓް މެޗް ޕްރެސް ބާއްވާފަ އެއް ނުވެ އެވެ.