ކުޅިވަރު

ރިއޯ ފާޑިނަންޑްގެ ފުޓްބޯޅަ ކޭމްޕް ރާއްޖޭގައި

މެންޗެސްޓާ ޔުނައިޓަޑްގެ ލެޖެންޑް ރިއޯ ފާޑިނަންޑް ބައިވެރިވެގެން ރާއްޖޭގައި ކުޑަކުދިންގެ ފުޓްބޯޅަ ކޭމްޕެއް ބާއްވައިފި އެވެ.

ޅ. ކުރެއްދޫ ރިސޯޓްގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ ކޭމްޕް ބާއްވާފައި ވަނީ، ފުޓްބޯލް އެސްކޭޕްސް އާ ގުޅިގެންނެވެ. ފުޓްބޯލް އެސްކޭޕްސް އަކީ ޕްރިމިއާ ލީގުން ފާހަގަ ކުރެވުނު މަޝްހޫރު ތަރިން ބޭނުންކޮށްގެން ފުޓްބޯޅަ ކޭމްޕް އިންތިޒާމު ކުރުމުގައި ހިއްސާވާ އޮގަނައިޒޭޝަނެކެވެ.

އެ އޮގަނައިޒޭޝަނުން، އެ ޕްރޮގްރާމް ރާއްޖޭގައި ބޭއްވި ކުރެއްދޫ ރިސޯޓުން އިސް ނަގައިގެންނެވެ. އެ ރިސޯޓުން ކުރިއަށް ގެންދިޔަ ކޭމްޕްގައި ޅ. އަތޮޅު ރަށްރަށުގެ ހިންގާ އެކެޑެމީ ތަކުގެ ކުދިންވެސް އެ ރިސޯޓަށް ގެންގޮސްފައި ވެއެވެ.

ފާޑިނަންޑްގެ ޓްވީޓް

މާޒިޔާގެ ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) އިސް ނަގައިގެން އޭނާގެ އުފަން ރަށް. ޅ. ހިންވަރުގައި ހިންގާ ލިލް އެކެޑެމީގެ ކުދިންވެސް ވަނީ ފާޑިނަންޑްގެ ފުޓްބޯޅަ ކޭމްޕްގައި ބައިވެރި ކޮށްފަ އެވެ.

ފާޑިނަންޑް ވަނީ 2002 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ޔުނައިޓަޑަށް ކުޅެފަ އެވެ. އޭނާ ވަނީ ޔުނައިޓަޑާ އެކު ހަ ފަހަރު އިނގިރޭސި ޕްރިމިއާ ލީގް ހޯދާފަ އެވެ. ޖުމުލަ 14 ތަށި ހޯދިއިރު 2008 ގައި ޗެމްޕިއަންސް ލީގް ހޯދިިއިރު އޭނާ ވަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. އަދި 2009 ވަނަ އަހަރުވެސް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ފައިނަލަށް އެ ޓީމު ގެންގޮސް ދިނުމުގައިވެސް އޭނާ މުހިންމު ހިއްސާއެއް އޮތެވެ.