މާލެ ދަތުރުކުރާ ނާލު ބޯޓަކުން ދަތުރުކުރި ކުޑަ ދެ ކުއްޖަކަށް އެ ބޯޓުގެ ފަޅުވެރިޔަކު ޖިންސީ ގޯނާ ކުރި މައްސަލަ އެއް ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، މާލެ ދަތުރުކުރި ބޯޓެއްގެ ފަޅުވެރިޔަކު އެ ބޯޓުގައި ތިބި ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް މިއަދު އެ މިނިސްޓްރީއަށް ހުށަހަޅާފައި ވުމުން ފުލުހުންނާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާ ކޮށްފައި ވަނީ އުމުރުން 11 އަހަރާއި 13 އަހަރުގެ ކުޑަ ދެ ކުއްޖަކަށެވެ. އަދި އެ ކުދިންނަށް ޖިންސީ ގޯނާ ކުރިވާހަކަ އެކުދިންގެ މަންމަ އާއި ހިއްސާކުރި ކަމަށާއި މަންމަގެ ފަރާތުން އެކަން ޖެންޑާ އަށް ހުށަހެޅީ އެވެ.
މި މައްސަލައާ ގުޅޭ ތަފުސީލްތައް ސާފުވެފައެއް ނުވެއެވެ. ނަމަވެސް ނާލު ބޯޓު މާލެ އައުމާއެކު ޖެންޑާ މިނިސްޓްރީން އޮފިޝަލުންނާއެކު ފުލުހުން ގޮސް ފަޅުވެރިޔާ ހައްޔަރު ކޮށްފައިވާ ކަމަށް ވެއެވެ.