ކުޅިވަރު

ކޯޗަކަށް އާތީ، ދެވަނަ ޑިވިޝަނަށް ޑީއެސްސީ ގަދަކޮށްފި

ޓީސީގެ ކުރީގެ ކޯޗް މުހައްމަދު އާތީފް (އާތީ) ގެ ކޯޗްކަމުގެ ދަށުން، މި މަހު 15 ގައި ފެށުމަށް ހަމަޖެހިފައިވާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ދިވެހި ސިފައިގެން ކުލަބު (ޑީއެސްސީ) ވަރުގަދަ ކޮށްފި އެވެ.

އޮކްޓޯބަރު މަހު ފަހު ކޮޅުން ފެށިގެން އާތީ ދަނީ ޑީއެސްސީގައި މަސައްކަތް ކުރަމުންނެވެ. މިދިޔަ ސީޒަންގައި ދެ ވަނަ ޑިވިޝަންގެ ސެމީ ފައިނަލަށް ދަތުރު ކުރި ޑީއެސްސީ އަމާޒު ހިފާފާފައި ވަނީ މި ފަހަރު މުބާރާތް ކާމިޔާބުކޮށް ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދުމަށެވެ. ދެ ވަނަ ޑިވިޝަނަށް ތައްޔާރު ވުމުގެ ގޮތުން އެ ޓީމުން ވަނީ އަތޮޅު ތެރޭގައި ބޭއްވުނު މުބާރާތްތަކުގައިވެސް ވާދަ ކޮށްފަ އެވެ.

މި ސީޒަން ފެށުނު އިރު ޓީސީގައި މަސައްކަތް ކުރި އާތީ، އެ ޓީމުން އިސްތިއުފާ ދިނީ ކުޅުންތެރިންނަށް މުސާރަ ނުދޭތީ ޓީމުގައި މަސައްކަތް ކުރެވޭނެ ހާލަތެއް ނެތް ކަމަށް ބުނެ އެވެ. ޓީސީ އާ ހަވާލުވުމުގެ ކުރިން އާތީ މަސައްކަތް ކުރީ ގައުމީ އަންހެން ޓީމުގަ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން އަންހެން ގައުމީ ޓީމުން ވަނީ ސިންގަޕޫރުގައިި 2018 ވަނަ އަހަރު ބޭއްވި އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުން ލޯ މެޑަލް ހޯދާފަ އެވެ.

ޔުނައިޓަޑް ވިކްޓަރީން ފުރަތަމަ ޑިވިޝަންގައި އެންމެ ފުރަތަމަ ވާދަ ކުރަން ފެށީ 2016 ވަނަ އަހަރު އާތީގެ ކޯޗް ކަމުގެ ދަށުންނެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ޔޫވީން ވަނީ އެ އަހަރު ދިވެހި ޕްރިމިއާ ލީގްގެ ގަދަ ހަތަރެއްގައި ހިމެނިފަ އެވެ. އަދި މާޒިޔާ ބަލިކޮށް އެފް އޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރި އެވެ.

ދެ ވަނަ ޑިވިޝަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބިދޭސީ ކުޅުންތެރިން ގެނައުމަށް ޑީއެސްސީން ވަނީ ހަމަޖައްސާފަ އެވެ. އެ ޓީމުން ދެ ވަަނަ ޑިވިޝަނަށް ތައްޔާރުވަމުން ދަނީ ކުލަބު ގްރީން ސްޓްރީޓްގެ ބޮޑު އެހީތެރި ކަމާއެކު އެވެ. ބިދޭސީ ކުޅުންތެރިން ގެނައުމަށް ކުޅުންތެރިން އިހްތިޔާރު ކުރުމަށްވެސް ގްރީން އިން ވަނީ ޑީއެސްސީ އަށް އެހީތެރިވެދީފަ އެވެ.

ސިފައިންނާއި ފުލުހުންނަށް ފުޓްބޯޅައިން ފުރުސަތު ދިނުމަކީ ގިނަ ބަހުސްތަކެއް ހިނގާދިޔަ ކަމެކެވެ. މިހާރުވެސް ވޮލީ އާއި ބާސްކެޓް އަދި އެހެން ކުޅިވަރުތަކުގައި ވާދަ ކުރާ ޑީއެސްސީން އެ ޓީމުގެ ފުޓްބޯޅަ ޓީމު ލޯންޗު ކުރީ 2009 ވަނަ އަހަރު އެވެ.

އެހެންނަމަވެސް، ސިފައިންނާއި ފުލުހުންނަށް ފުޓްބޯޅައިން ފުރުސަތު ދޭން ނިންމުމަށް ފަހު، އެ ނިންމުން ބަދަލު ކުރީ އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމުގެ ދައުރުގަ އެވެ. އެއަށް ފަހު ޖެހިގެން އައި އިލްހާމް އަހްމަދުގެ ދައުރުގައި ސިފައިންނާއި ފުލުހުންނަށް ފުރުސަތު ދޭން ނިންމި އެވެ. އެހެންނަމަވެސް ފުރަތަމަ ޑިވިޝަންގައި އޭރުވެސް އޮތް ކުލަބު ތަކުގެ ޕްރެޝަރާ ހެދި ސިފައިންނާ ފުލުހުންނަށް ފުރުސަތު ނުދޭން ނިންމި އެވެ.

ފަހުން އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ނިންމީ، ސިފައިންނާއި ފުލުހުން އާންމު ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރި ނުކުރުމަށެވެ. އެހެންނަމަވެސް ރެކްރިއޭޝަން މުބާރާތެއް ބާއްވައި އެ ފުރުސަތު ދިނުމަށެވެ. އެހެންނަމަވެސް އެ މުބާރާތުގައި ހަގީގީ ކުލަ ނުޖެހުނެވެ.

އެންމެ ފަހުން ސިފައިން ނާއި ފުލުހުންނަށް ފުޓްބޯޅައިން ފުރުސަތު ދޭން ނިންމީ، އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ގެ ދުވަސް ވަރު އެވެ. އޭނާ އެ ފުރުސަތު ދިނީ ސިފައިންނާއި ފުލުހުންގެ ޓީމުގައި ކުޅޭ ކުޅުންތެރިންވެސް، އެ ދެ މުއައްސަސާގައި ވަޒީފާ އަދާ ކުރި ނަމަވެސް އެހެން ޓީމުތަކަށް ވެސް ޓްރާންސްފާގައި ބަދަލުވުމުގެ އިހްތިޔާރު އޮންނަ ގޮތަށެވެ.

އެންމެ ފަހުން ޔޫތު ޗެމްޕިއަންޝިޕްގައި ކުލަބު އީގަލްސްގެ ޓީމަށް ފުލުހުންގެ އިދާރާގައި ވާޒީފާ އަދާ ކުރާ ކުޅުންތެރިޔަކު ކުޅެފައި ވެއެވެ. މި ސީޒަންގައި ވިކްޓަރީގެ ޓީމަށްވެސް ވަނީ އެމްއެންޑީއެފްގައި ވަޒީފާ އަދާ ކުރާ ކުޅުންތެރިޔަކު ކުޅެފައި އެވެ.