ހަބަރު

ލައިސެންސް ހޯދަން އިތުރު ތަމްރީނެއް ހަދަން ޖެހޭ ގޮތް ހަދަނީ

އެއްގަމު އުޅަނދުގެ ލައިސެންސް ނަގަން އިތުރު ތަމްރީނެއް ހަދަން ޖެހޭ ގޮތައް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ މި އަހަރަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ އެއްގަމުގައި ދުއްވާ އުޅަނދުގެ ލައިސެންސް އަލަށް ނަގާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އިތުރު ތަމްރީނެއް ހަދަން ޖެހޭ ގޮތައް ނިންމުން ކަމަށެވެ. އެ ތަމްރީން ހިންގާނީ ޓްރާންސްޕޯޓުން ކަނޑައަޅާ ފަރާތެއް ނުވަތަ ފުލުހުން ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.

"އޭގެ ސަބަބުން ރައްކާތެރިވުމުގެ ގޮތުން އެ މީހަކަށް ނޫނީ އެ ބަޔަކަށް އިތުރަށް އެކަމަށް ވިސްނަން މަޖުބޫރުވާނެ. ހާއްސަކޮށް މިކަން ކުރުމުގެ މަގްސަދަކީ މިހާރު ހިނގަމުންދާ އެކްސިޑެންޓުތައް މަދުކޮށްފަ ދަތުރުފތުރުގެ ނިޒާމްގެ ތެރެއަށް މީހުން އަހުލުވެރި ކުރުން އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ މިއީ ވަރަށް ރަނގަޅު ކަމަކަށް ވާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ލައިސެންސް ލިބޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ހާއްސަ ތިއަރީ ޓެސްޓަކާއި ޕްރެކްޓިކަލް ޓެސްޓެއް ފުރިހަމަ ކުރުމުންނެވެ.