ކުޅިވަރު

ސައިފްގެ ކޯޗްކަމުން ނިޒާމް ވަކި ވެއްޖެ

ބަންގުލަދޭޝްގެ ކުލަބު، ސައިފް ސްޕޯޓިން އާއެކު ރާއްޖޭގެ މުހައްމަދު ނިޒާމު ހަދާފައިވާ އެއްބަސްވުން ދެ ފަރާތުން އެއްބަސްވެގެން އުވާލައިފި އެވެ.

ނިޒާމް މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، ސައިފްއާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަކީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެޓްވީޓްގައި އިތުރަށް ނިޒާމް ބުނެފައި ވަނީ އެއް ފިޔަވަޅު ނިމިފައިވާ ކަމަށާއި އޭނާގެ ކުރިމަގާ މެދު ޕްލޭން ކުރަމުންދާ ކަމަށެވެ.

ނިޒާމްގެ ކޯޗް ކަމުގެ ދަށުން ސައިފް ސްޕޯޓިން އިން ކުޅެފައި ވަނީ ތިން މެޗެވެ. އެއީ ބަންގުލަދޭޝްގެ ފެޑްރޭޝަން ކަޕްގައި ކުޅުނު ތިން މެޗެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން އެއް މެޗު ކާމިޔާބުކޮށް އަނެއް މެޗުން އެއްވަރު ކޮށް އޭނާ ވަނީ ގުރޫޕްގެ އެއް ވަނައިގައި ސައިފް ކްއާޓާ ފައިނަލަށް ގެންގޮސްދީފަ އެވެ. ކްއާޓާ ފައިނަލުގައި ބަންގުލަދޭޝްގެ ޕޮލިސް ކުލަބު އަތުން ސައިފް ބަލިވީ 3-1 ންނެވެ.

ނިޒާމްގެ ޓްވީޓް

މިއަދު ކުރި އެހެން ޓްވީޓެއްގައި ނިޒާމް ބުނެފައި ވަނީ، ދުރު އަދި ކުރު ރާސްތާ ޓާގެޓްތަކެއް ހާސިލު ކުރުމަށްޓަކައި ޕްލޭން ކުރަމުންދާ ކަމަށާއި އެ ޓާގެޓްތަކަކީ ނުވާނެ ކަމަށް ބައެއް މީހުން ބުނި ޓާގެޓްތަކެއް ކަމަށެވެ.

ސައިފްގެ ފުރުސަތަށް ނިޒާމް ބަންގުލަދޭޝް އަށް ދިޔައީ، ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމަށް ކޯޗް ކޮށްދިނުމަށް ފަހު އެވެ. އޭގެ ކުރިން އޭނާ ހުރީ ޓީސީގެ ކޯޗް ކަމުގަ އެވެ. މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން އޭނާގެ ކޯޗް ކަމުގެ ދަށުން ޓީސީ އަށް ހޯދައިދިނެވެ. އަދި 2017 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް ކަޕްގެ ޗެމްޕިއަންކަންވެސް ޓީސީން ހޯދާފައިވަނީ ނިޒާމްގެ އިރުޝާދުގެ ދަށުންނެވެ.