ހަބަރު

ކަނޑުމަތީ އެކްސިޑެންޓެއްގައި މީހަކު ގެއްލިގެން ހޯދަނީ

ދޯންޏަކާއި، ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް މިރޭ ވިދާޅުވީ ބ. ދޮންފަނާއި، ބ، ހަނިފަރާ ދެމެދުން ދަތުރުކުރަމުންދިޔަ ދޯންޏަކާއި، ޑިންގީއެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެ ހާދިސާގައި މީހަކު ގެއްލިގެން ރިޕޯޓް ކޮށްފައިވާތީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ ދިވެއްސެއް ކަމަށެވެ. އެއީ ޑިންގީގައި ހުރި މީހެއް ކަމަށް އާޒިމް ވިދާޅުވިއެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވަނީ މިރޭ 19:06 އެހާކަންހާއިރުއެވެ.

ފުލުހުންވެސް ބުނީ ދޯންޏަކާއި، ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ގެއްލުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާންމުން ގުޅިގެން މިހާރު ދަނީ ކުރަމުން." ފުލުހުން ބުންޏެވެ.

ފުލުހުުން ބުނީ ޑިންގީއިން ދަތުރުކުރީ ތިން މީހެއްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ފެނިފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކާއި، 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އަދި ގެއްލިގެން ހޯދަމުންދަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުށީ މުޝްތަރީގޭ ނަސްރުﷲ އަބްދުﷲ އެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ފެނިފައިނުވާ ކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތުގައި މިހާރު 15 އުޅަނދު ހަރަކާތްތެެރިވަމުންދާ ކަމަށެވެ.

މޭޖާ އާޒިމް ވިދާޅުވީ ގެއްލުނު މީހާ ހޯދަން ނައިޓްވިޝަން ކެމެރާ ބޭނުން ކުރަމުންދާ ކަމަށެވެ. އަދި ޑިންގީގައި ހުރި ތަކެތި ކަމަށް ބެލެވޭ ބައެއް ތަކެތި ކަނޑުމަތިން ފެންނަމުންދާ ކަމަށެވެ.