ކަނޑުމަތީގެ ހާދިސާ

ދިޔަވަމުންދިޔަ ދޯނީގައި ތިބި މީހުން ސަލާމަތްކޮށްފި

މާލެއިން ފުރައިގެން ތ. ދިޔަމިގިއްޔަށް ދަތުރުކުރަނިކޮށް ދިޔަވެ އަޑިއަށްދާން ފެށި ދޯނީގައި ތިބި މީހުން ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މާލެއިން ފުރައިގެން ހަތަރު ދިވެހިންނާއެކު ދިޔަމިގިއްޔަށް ދަތުރުކުރި "މާކުރީ 7" ދޯނި ތ. ވިލިފުށީގެ ހުޅަނގު އުތުރުން ހަ މޭލު ބޭރުން ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:00 ހާއިރު އެވެ.

ހާދިސާގެ މައުލޫމާތު ލިބުމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ހާބަ ކްރާފްޓް ވަނީ އެ ސަރަހައްދަށް ގޮސްފަ އެވެ.

އެމްއެންޑީއެފުން ބުނީ ދޯނިން ސަލާމަތްކުރި ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށާއި "މާކުރީ 7" ދޯނީގެ ދިޔަގަނޑު ކޮންޓްރޯލްކޮށް އެހެން ދޯންޏެއްގެ ކަފުގައި ދިޔަމިގިއްޔަށް ދަތުރުކުރަމުންދާ ކަމަށެވެ.

ކުރިއަށް މިއޮތް ދެތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން އޮތީ ލަފާކޮށްފަ އެވެ.