ހަބަރު

އައިޖީއެމްއެޗް އެކްރިޑޭޓް ކުރުމުގެ މަސައްކަތް ފަށައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ބައިނަލްއަގްވާމީ މިންގަޑުތަކާއި އެއްގޮތަށް އެކްރިޑޭޓް ކުރުމުގެ މަސައްކަތްފަށައިފި އެވެ.

އައިޖީއެމްއެޗުން ބުނީ، ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޮ ހޮސްޕިޓަލްސް އެންޑް ހެލްތް ކެއާ ޕްރޮވައިޑަރސް (އެން.އޭ.ބީ.އެޗް) އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޮ ޓެސްޓިންގް އެންޑް ކެލިބަރޭޝަން ލެބޯރަޓޯރީޒް (އެން.އޭ.ބީ.އެލް) ގެ ގައިޑްލައިންތަކާއި އެއްގޮތަށް ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް އެ ހޮސްޕިޓަލުން ފަށާފައިވާ ކަމަށެވެ.

އެ މަސައްކަތްތައް ކުރިއަށްގެންދަނީ އިންޑިއާގެ އެކްމެ ގެ ކޮންސަލްޓޭޝަންގެ ދަށުން ކަމަށާއި، އެން.އޭ.ބީ.އެޗް އަދި އެން.އޭ.ބީ.އެލް ގެ މިންގަނޑުތަކަކީ އިންޓަނޭޝަނަލް ސޮސައިޓީ ފޮ ކޮލިޓީ އިން ހެލްތްކެއާ (އައި.އެސް.ކިޔު.ޔޫ.އޭ) އިން އެކްރިޑޭޓްކުރެވިފައިވާ މިންގަނޑުތަކެއް ކަމަށެވެ. އަދި އެން.އޭ.ބީ.އެޗް އަކީ އޭޝިއަން ސޮސައިޓީ ފޮ ކޮލިޓީ އިން ހެލްތް ކެއާ (އޭ.އެސް.ކިޔު.ޔޫ.އޭ) ގެ ފައުންޑަރ މެމްބަރެއް ކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

އެން.އޭ.ބީ.އެޗް އަދި އެން.އޭ.ބީ.އެލް ގެ ބެންޗްމާކުތަކަކީ އިންޑިއާގެ ކޮލިޓީ ކައުންސިލުންނިމާ (ޖޮއިންޓްކޮމިޝަން އިންޓަނޭޝަނަލް) ޖޭ.ސީ.އައި، (އޮސްޓްރޭލިއަން ކައުންސިލް އޮން ހެލްތްކެއް ސްޓޭންޑަރޑްސް) އޭ.ސީ.އެޗް.އެސް އަދި ކެނޭޑިއަން ހޮސްޕިޓަލް ފަދަ ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްފެންވަރުގެ މިންގަނޑުތަކެއް ކަމަށެވެ.

އައިޖީއެމްޗުން އިތުރަށް ބުނީ، އެކްރިޑޭޓް ކުރުމަކީ ހޮސްޕިޓަލްތަކުގައި ކުރާ މަސައްކަތްތަކާއި، ހިދުމަތްތައް ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްހަމައެއްގައި ބެހެއްޓުމަށް ސްޓްރީމްލައިން ކޮށް، ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ދެނެގަނެވޭނެ ގޮތްތަކާއި، ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތައް ޚިދުމަތްތަކަށް ބަދަލު ގެނެސް، އެ މިންގަނޑުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށެވެ.

އޭގެތެރޭގައި ހޮސްޕިޓަލުގައި ބޭނުން ކުރާ އާލާތްތައް ކަނޑައެޅޭ މިންގަނޑު ތަކަކަށް ބެހެއްޓުމާއި ގަވާއިދުން ހޮސްޕިޓަލުގެ ހިދުމަތްތަކާއި މަސައްކަތްތައް އޮޑިޓު ކުރުންވެސް ހިމެނޭ ކަމަށާއި، އެހޮސްޕިޓަލްގައި އެފަދަ ސްޓޭންޑަރޑް އެއް ގާއިމް ކުރެވުމަކީ ބަލި މީހުންގެ ރައްކާތެރިކަމާއި ދެވޭ ހިދުމަތާއިމެދު އިތުބާރު ބޮޑުވެގެންދާނެ ކަމެއްކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.