މާލެ ޖަލާއި މާފުށީ ޖަލުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ މައުލޫމާތު ލިބިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އެ މައްސަލަ ބެލުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެއްބާރުލުން ނުލިބޭ ކަމަށާއި ކޮމިޝަނަށް އެ މުއައްސަސާއިން ދޮގު މައުލޫމާތުތައް ވެސް ދެމުންދާ ކަމަށް އެޗްއާރުސީއެމް އިން މިއަދު ބުނެފި އެވެ.
ޖަލުގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން އެޗްއާރުސީއެމް އިން ކުރަމުންދާ ތަހުގީގާ ގުޅޭ ގޮތުން އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މާލެ ޖަލަށާއި މާފުށި ޖަލަށް އެ ކޮމިޝަނުން ޒިޔާރަތްކޮށް ތަނުގެ އާންމު ހާލަތު ބަލައި ގައިދީންނާއި ބަންދުކޮށްފައި ތިބި މީހުންނާއި ޖަލު އޮފިސަރުންގެ ފަރާތުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
އެޗްއާރުސީއެމް އިން ބުނީ އެ ކޮމިޝަނުން ބެލި ބެލުމުން ޖަލުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ގައިދީންނާއި ބަންދު ކޮށްފައި ތިބި މީހުން ކަރެކްޝަންސްގައި ތަކުރާރުކޮށް އެދެމުންދާ ޒަރޫރީ ބައެއް ކަންކަން ފުއްދާ ނުދޭތީ އާއި އެކަށީގެންވާ އަވަސް މިނެއްގައި ސިއްހީ ފަރުވާ ފޯރުކޮށް ނުދެވޭތީކަން އެނގިފައިވާ ކަމަށެވެ.
މާލެ ޖަލުގައި ތިބި ބައެއް ގައިދީން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމާއި މާލެ ޖަލުގެ ތިން ތަނެއްގައި އަލިފާން ރޯކުރިކަން ވެސް އެނގިފައިވާ ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ.
މި މައްސަލަތައް ތަހުގީގު ކުރުމަށް ކަރެކްޝަންސްގެ އެއްބާރުލުން ލިބެމުން ނުދާ ކަމަށާއި ކޮމިޝަނަށް ސައްހަ ނޫން މައުލޫމާތުތައް ވެސް ދީފައިވާ ކަން އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ޖަލުގައި ހަމަނުޖެހުންތަކެއް ހިނގައިގެން އުޅޭ މައްސަލާގައި ކަރެކްޝަންސް އިން ދައްކަމުން ގެންދިޔަ ބައެއް ވާހަކަތައް ދޮގުކޮށް ކަމާ ބެހޭ އެހެން މުއައްސަސާތަކާއި އިންސްޕެކްޓާ އޮފް ކަރެކްޝަންސް އިން ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. އަދި މިއަދު ވެސް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ނޫސްވެރިންނާ ބައްދަލުކޮށް ދެއްކި ވާހަކަތަކުގައި ވެސް ފުށު އެރުންތަކެއް ހުއްޓެވެ.