ޖަލުތަކުގައި މިހާރު ހިނގާ މައްސަލަތަކާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕްރިޒަން އަބްދުﷲ މުނާޒް ދެއްކެވި ވާހަކަތައް ދިމާ ނުވެ، އަދި ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ޖަވާބު ނުދެއްވާ ނިންމާލައިފި އެވެ.
މިއީ 2018 ވަނަ އަހަރު ޑިސެމްބަރު މަހު ކޮމިޝަނާ އޮފް ޕްރިޒަންގެ މަގާމަށް މުނާޒް އައްޔަން ކުރެވުނު ފަހުން ކަރެކްޝަންސްގެ ފަރާތުން ނޫސްވެރިންނާ ބައްދަލު ކުރި ފުރަތަމަ ފަހަރެވެ. ޖަލުތަކުގައި މައްސަލަތައް ޖެހުނުތާ ހަފުތާއެއްހާ ދުވަސް ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުނާޒް ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ފުރަތަމަ ދިމާވި މައްސަލައަކީ ގައިދީން ޖަލު އޮފިސަރުން ގަޔަށް މިރުސް ފެން ޖަހާ ގޯނާ ކުރުން ކަމަށެވެ.
ނަމަވެސް މިރުސް ފެން އަތުލަން މަސައްކަތް ކުރުމުގެ ބަދަލުގައި ނަސޭހަތްތެރިވެފައިވާ ކަމަށާއި ބާރުގެ ބޭނުން ނުކޮށް މައްސަލަ ހަމައަކަށް އަޅުވާފައިވާނެ ކަމަށެވެ.
"ދެތިން ހަތަރު ދުވަހަކަށް މިކަން ދިގުލައިގެން ދިޔައީ އަޅުގަނޑުމެން މަސައްކަތް ކުރީ ނަސޭހަތް ދީގެން، ވިސްނައިދީގެން ކަންތައްތަކެއް ކުރަން. ގާނޫނީ ބާރު ލިބިފައި އޮތް ނަމަވެސް ބާރުގެ ބޭނުން ކޮށްގެން ކަންތައްތައް ކުރުމަކީ އެއީ އެހެން ގޮތެއް ނެތިގެން ނޫނިއްޔާ ކުރަން ބޭނުންވާ ކަމެއް ނޫން. އެހެންވެ ވިސްނައިދީގެން ކަންތައްތައް ކުރުމަށްޓަކައި މިކަން ދިމާވި،" މުނާޒް ވިދާޅުވި އެވެ. "ގަދަބާރުން ކަންތައްތައް ކުރެވިދާނެ. ގަޔަށް ފެން ޖަހާ އެއްޗެހި ވެސް އަތުލެވިދާނެ. އެކަމަކު އޭގެ ސަބަބުން ދެން ދިމާވާނެ މައްސަލަތަކަކީ އަނެއްކާ ވެސް އެ ގޮޅިތަކުގައި ތިބި ކުދިންނަށް އިތުރު ހުކުމެއް އައުމުގެ ފުރުސަތު ބޮޑު ވާނެ. އެހެންވެ ދިގު ލައިގެން ދިޔައަސް ވިސްނައިގެން މިކަން ކުރެވޭތޯ ބެލީ،"
ޕްރެސްގައި "އަވަސް" އިން ސުވާލު ކުރުމުން މުނާޒް ވިދާޅުވީ ގޮޅީގައި ތިބި މީހުންގެ އެއްޗެހި އަތުލަން ކަރެކްޝަނުން މަސައްކަތް ކުރި ކަމަށެވެ. އަދި އެ މަސައްކަތައް ހުރަސް އަޅާތީ ގައިދީން ގަޔަށް ޕެޕާ ސްޕްރޭ ވެސް ޖެހި ކަމަށެވެ.
"އެ މީހުން ގޮޅިން ނެރެން ވެއްޖެއާ އަޅުގަނޑުމެންގެ އޮފިސަރުން ކޮންމެ ދުވަހަކު އުޅެން ޖެހޭ ގޮތް މިއީ. ކޮންމެ ދުވަހަކު ޕެޕާ ސްޕްރޭ ޖަހަނީއެއް ނޫން އެކަމަކު ކުރިމަތިލުމެއްގެ ގޮތުގައި މާނަ ކުރެވިދާނެ،" މުނާޒް ވިދާޅުވި އެވެ.
ފުލުހުންނާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއާ ކަރެކްޝަންގެ ވާހަކަތައް ދިމާ ނުވާ ވާހަކައިން ސުވާލު ކުރުމުން މުނާޒް ވިދާޅުވީ ފުލުހުން ވެސް އަދި ކަރެކްޝަނުން ވެސް ދޮގެއް ނަހަދާ ކަމަށެވެ. ފުލުހުން ދިޔައީ ބައްދަލުވުމަކަށް ކަމަށާއި ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން ވަގުތުން މައްސަލަ ހުށަހެޅުމުން ކަންކަން ބަލާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ އެއްްވެސް ކަމެއް އޮޕަރޭޝަނަލީ ކޮށްފައި ނުވާނެ ކަމަށެވެ.
އޭގެ އިތުރުން މާފު ނުދޭ ގައިދީއެއް ދޫކޮށްލި މައްސަލާގައި މުނާޒްގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ އެކަމަކީ ކަރެކްޝަންގެ އޮފިސަރަކު ގަސްތުގައި ލިޔެކިޔުމަށް ބަދަލު ކޮށްގެން ކުރި ކަމެއް ކަމަށެވެ. އެ އޮފިސަރު ސަސްޕެންޑު ކޮށްފައިވާ ކަމަށާއި އެއްވެސް ހިޔާނާތެއްގައި އޭނާ ބައިވެރި ނުވާނެ ކަމަށެވެ.
ގައިދީ ދޫކޮށްލި ލިޔުމުގައި މުނާޒް ސޮއިކޮށްފައިވާ ކަމަށް އޭސީސީއަށް ހުށަހެޅުނު މައްސަލާގައި ބުނެފައިވެ އެވެ. މުނާޒް ސޮއި ކުރައްވާފައިވާނެތޯ ސުވާލު ކުރުމުން އެއަށް އެއްވެސް ޖަވާބެއް ނުދެއްވި އެވެ.
ޖަލުގެ މައްސަލަތައް ބެލުމަށް ހަދާފައިވާ ޕްރިޒަން އޮޑިޓުގައި ހައްލު ކުރަން އަންގާފައިވާ ކަންކަމުގެ ތެރެއިން ހާސިލްވީ ކިހާ މިންވަރެއްތޯ ވެސް މުނާޒާ މިއަދު ސުވާލު ކުރި އެވެ. ނަމަވެސް އެ ސުވާލަށް ވެސް ޖަވާބެއް ނުދެއްވަ އެވެ. މުނާޒް ވިދާޅުވީ ހާސިލްވި ހުރިހާ ކަމެއް ވިދާޅުވާ ނަމަ ޕްރެސް ދިގުލައިގެން ދާނެތީ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި މުނާޒްއާ ކުރި ގިނަ ސުވާލުތަކަށް ޖަވާބެއް ނުދެއްވަ އެވެ. އަދި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވި އިރު ކަރެކްޝަންސް އިން ނެރުނު ބަޔާނާއި މުނާޒް ކުރިން ދެއްކެވި ހުރި ވާހަކަތަކަށް ފުށު އެރި އެވެ. އެހެންކަމުން އިތުރަށް ސުވާލު ކުރަން ފެށުމުން ނޫސްވެރިންގެ ބައްދަލުވުން ނިންމާލައްވައި މުނާޒް ވަޑައިގެންނެވީ އެވެ.