މިދިޔަ ހަފްތާއެއްހާ ދުވަހު ޖަލުތަކުގައި ހިނގަމުން ދިޔަ ހަމަނުޖެހުންތައް ނިމިފައިވާ ކަމަށާއި ގައިދީން ބަސް އަހާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުނާޒް ވިދާޅުވީ ޖަލުގައި ހަމަނުޖެހުންތައް ފެށުނީ ޖަލު އޮފިސަރަކާއި ނަރުހެއް ގައިދީއަކަށް ބޭސް ދޭން ދިޔުމުން އެ މީހުންގެ ގަޔަށް ލޮނު މިރުސް ފެން ޖެހި ހިސާބުން ކަމަށެވެ. އަދި އެ ގޯނާ ކުރުން އިތުރުވެ އެހެން ގޮޅިތަކުން ވެސް އެކަންތައް ފަށައި މާލޭ ޖަލުގައި ވެސް ހަމަނުޖެހުން ހިންގަން ފެށި ކަމަށް މުނާޒް ވިދާޅުވި އެވެ.
އެކަން ހައްލު ކުރަން ގައިދީންގެ ކަންބޮޑުވުންތައް އަޑު އެހުމަށް ފަހު ނަސޭހަތް ދީފައިވާ ކަމަށާއި ހަމަޔަކަށް އެޅުވުން ދިގުލައިގެން ދިޔަ ނަމަވެސް މިހާރު ގައިދީން ބަސް އަހާފައިވާ ކަމަށް މުނާޒް ވިދާޅުވި އެވެ. އަދި ޖަލުގައި ހަމަނުޖެހުން ނުހިނގާތާ މިހާރު 12 ގަޑިއިރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރުގެ ވިސްނުމަކީ އޯގާތެރިކަމާއެކު މިހުންްނަށް ކަންތައްތައް ވިސްނައިދީގެން ކުރިޔަށް ދިޔުން ކަމަށްވާތީ އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓީ އެގޮތައް،" މުނާޒް ވިދާޅުވި އެވެ.
ޖަލުގައި ގައިދީންގެ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ކަރެކްޝަނަސް އާއި މުނާޒް އަދި ހޯމް މިނިސްޓްރީއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ. އެކަމާ ގުޅޭ ގޮތުން ކަރެކްޝަންސް އާއި ކަމާ ގުޅޭ އެހެން އިދާރާތަކުގެ ބަސް ދިމާނުވާ އިރު މުނާޒް މިއަދު ދެއްކެވި ވާހަކަތަކުގައި ވެސް ފުށުއެރުންތަކެއް ހުއްޓެވެ.