ލައިފްސްޓައިލް

ފަގީރެއް ކަމަށް ހީކޮށް ހެރީ ޕޮޓާ ތަރިއަށް ފައިސާ ދީފި

"ދަ ގްރަހަމް ނޯޓަން ޝޯ" ގައި ދާދިފަހުން ހެރީ ޕޮޓާ ތަރި ޑެނިއަލް ރެޑްކްލިފް ބައިވެރިވެ އޭނާއަށް ދިމާވި ވަރަށް އާދަޔާޚިލާފު ހާދިސާއެއް ވަނީ ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާ ދާދިފަހުން ނިއުޔޯކަށް ގޮސް އުޅެނިކޮށް އޭނާއަކީ ގެދޮރުނެތް ފަގީރު މީހެއް ކަމަށް މީހަކަށް ހީވި އެވެ.

އެއީ ވަރަށް ފިނި ރެއަކަށް ވާތީ ހޫނު ކޮފީއެއް ގަންނާށޭ ކިޔާފައި އެމީހާ ފަސް ޑޮލަރު ވެސް އޭނާއަށް ދިން ކަމަށް ރެޑްކްލިފް ބުންޏެވެ.

ވަރަށް ލަދުގަންނަން ޖެހުނު މި ހާދިސާ ހިނގި ގޮތް ކިޔައިދެމުން ރެޑްކްލިފް ބުނީ ލޯބިވެރިޔާ އާއެކު ނިއުޔޯކަށް ގޮސް އުޅުމުގެ ތެރޭގައި އެއްރެއަކު އޭނާގެ ލޯބިވެރިޔާ އެއްޗެއް ގަންނަން ފިހާރައަކަށް ވަނުމުން އޭނާ ބޭރުގައި އެމީހުންގެ ގެންގުޅޭ ކުއްތާއެއް ގޮވައިގެން މަޑުކޮށްލައިގެން ހުރީ އެވެ. އޭނާ އެހެން ހުރިއިރު އެއްވެސް މީހަކަށް އެއީ "ހެރީ ޕޮޓާ" ފިލްމުތަކުގައި ހެރީ ޕޮޓާގެ ރޯލު ކުޅޭ ހޮލީވުޑް މަޝްހޫރު އެކްޓަރެއް ކަމެއް ނޭނގެ އެވެ.

އޭނާ ހުރީ ތުނބުޅިވެސް ދިގުކޮށްފައި ކަމަށާއި އަދި ފިނިކަމުން މަތިމަތިން ވަރަށް ބައިވަރު ކޯޓު ލައިގެން ބޮޑު އޯވަކޯޓެއް މަތިން ލައިގެން ކަމަށާއި ބޮލުގައި ހުޑީއެއް އެއްވެސް އަޅުވައިގެން ކަމަށް ރެޑްކްލިފް ބުންޏެވެ.

ކުއްތާއަށް މާ ފިނިވާހެން ހީވާތީ އެސޮރަށް ކުޑަކޮށް ހޫނު ކޮށްލައިދޭން އޭނާ އެސޮރު ކައިރިއަށް ގުދުވެލި ވަގުތު މީހަކަށް އޭނާ ފެނިގެން އެއީ ގެދޮރުނެތް ފަގީރު މީހެއް ކަމަށް ހީކޮށް އޭނާއަށް ފައިސާ ދިނީ ކަމަށް ވެސް ރެޑްކްލިފް ބުންޏެވެ.

މި ޝޯގައި ވާހަކަ ދައްކަމުން ސަމާސާ ރާގަކަށް ރެޑްކްލިފް ބުނީ ތަންކޮޅެއް ގިނަގިނައިން ތުނބުޅި ބޭލުމުގެ މުހިއްމުކަން އެ ރޭ އޭނާއަށް އިހްސާސްވި ކަމަށެވެ.

ރެޑްކްލިފް ބުނީ މީހުންނަށް ވަރަށް ފަސޭހައިން އޭނާއަކީ ކާކުކަން ދެނެގަނެވޭ ކަމަށާއި ނަމަވެސް ނިއުޔޯކްގައި ހިނގި މި ހާދިސާއިން ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށެވެ.