ހަބަރު

ވެކްސިން ނުޖަހާ ކުދިންގެ ދަފުތަރެއް އެކުލަވައިލަނީ

Jan 15, 2020
4

ވެކްސިން ނުޖަހާ މީހުންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ މައްސަލާގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ވެކްސިން ނުޖަހާ ތިިބި މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ކުދިންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ހަފްތާ ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ވެކްސިން ނުޖަހާ ކުދިންގެ މައުލޫމާތު ލިބޭނެ ކަމަށެވެ. އެގޮތުން މިހާތަނަށް 48 ރަށެއްގައި މައުލޫމާތު ލިބިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

"ގަސްތުގައި ވިޔަސް ނުވަތަ އޮޅިގެން ވިޔަސް 18 އަހަރުން ދަށުގެ ވެކްސިން ނުޖަހާ މީހުންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް އެބަކުރަން، އުންމީދު ކުރަނީ މާދަމާ ލިސްޓުގެ ބޮޑު ބައެއް އެކުލަވައިލެވޭނެ ކަމަށް،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ދަފްތަރު އެކުލަވައިލުމުގެ މަސައްކަތާއެކު ވެކްސިން ދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ހިމަބިހި ފެނުނު ސަރަހައްދަށް އިސްކަން ދީގެން މިދިޔަ ދެ ދުވަސް ތެރޭގައި1240 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

އޭގެ އިތުރުން ހިމަބިހިއަށް ޓެސްޓު ކުރުމަށް ބޭނުންވާ ކިޓުތައް ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ލިބެމުންދާ ކަމަށާއި މި މަސައްކަތްތަކަށް ޓާސްކްފޯސްއެއް އެކުލަވައިލަމުންދާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.