ހިމަ ބިހި

ހިމަބިހި ވެކްސިން ކެމްޕޭން އަލުން ފަށަނީ

ރާއްޖޭން ހިމަބިހި އަލުން ފެނުމާ ގުޅިގެން، "މަވެސް ޖަހައިފިން" ނަމުގައި ފެށި ހިމަބިހި ވެކްސިން ކެމްޕޭން އަލުން ފެށުމަށް ނިންމައިފި އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލިފަހުން މި އަހަރުގެ ޖަނަވަރީ މަހު ވަނީ ހިމަބިހީގެ ކޭހެއް ފެނިފައެވެ. ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަން ހެލްތުން އިއުލާން ކުރީ ތިން އަހަރުގެ ފިރިހެން ކުއްޖަކު ޓެސްޓު ކުރުމުން ހިމަބިއްސަށް ޕޮޒިޓިވް ވުމުންނެވެ. އެ ކޭހާއި ގުޅުން ހުރި 12 ކޭހެއް އޭރު ފެނުނެވެ. ފުރަތަމަ ކޭސް އާއެކު ވެކްސިން ޖެހުމުގެ މަސައްކަތް މާލެ ސިޓީގެ އެކި ސަހަރައްދުތަކުގައި ފެށި އެވެ. އެގޮތުން، 10،000 އަށް ވުރެ ގިނަ މީހުންނަށް މީސްލްސް ރުބެއްލާ ވެކްސިން ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އަތޮޅުތެރެއަށް އެ މަަސައްކަތް ފުޅާކޮށް "މަވެސް ޖަހައިފިން" ނަމުގައި ހާއްސަ ކެންޕެއިނެއް ފެށިއެވެ.

ނަމަވެސް ކޮވިޑް-19 ގެ ބަލާއާފާތާއި ގުޅިގެން އެ ކެންޕެއިން މެދުކަނޑާލަން ޖެހުނީއެވެ.

ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ހިމަބިހި އަލުން ފެތުރެން ފަށައިފިނަމަ އެއީ ކޮވިޑް-19 އަށް މާ ހަލުވިކޮށް ފެތުރޭނެ ބައްޔެއް ކަމަށެވެ. ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ގިނަ ބަޔަކު އަދިވެސް ރާއްޖޭގައި އެބަތިބި ކަމަށާ އެހެން ކަމުން އެފަދަ މީހުން ދެނެގަނެ ވެކްސިން ފުރިހަމަ ކުރުމަށް ކުރިން ފެށި ކެންޕެއިން އަލުން ކުރިއަށް ގެންދާނެ ކަަމަށް ނަޒްލާ ވިދާޅުވިއެވެ.

"މީސްލްސްއަކީ އެނގިވަޑައިގަންނަވާނެ ވަރަށް ހަލުވިކޮށް ފެތުރޭ، ކޮވިޑަށް ވުރެ މާ ހަލުވިކޮށް ފެތުރޭ ބައްޔެއް. އަދި އަޅުގަނޑުމެން ތެރޭގައި މީސްލްސްގެ ދެ ޑޯޒް ހަމަނުކުރެވޭ ފަރާތްތައް ތިބީމަ، އެންމެ މީހަކަށް މި ބަލި ޖެހުނަސް ދެ ޑޯޒް ފުރިހަމަ ނުކުރާ އެހެން މީހުންގެ ފަރާތުން މުޖްތަމައުގެ ތެރޭގައި ފެތުރުމުގެ ފުރުސަތު އޮންނާނެ. އެކަން ވަނީ މިއަހަރު ކުރީކޮޅު ފެތުރުނު އައުޓްބްރޭކުންވެސް ވަނީ ފެނިފައި،"

ނަޒްލާ ވިދާޅުވީ ކެންޕެއިން ފުރަތަަމަ ކުރިއަށް ގެންދާނީ ކޮވިޑްގެ ބަލި މީހުން ނެތް އަތޮޅުތަކުގައި ކަމަށެވެ. އެގޮތުން އަންނަ ހަފްތާގައި ނ އަތޮޅާއި ލ އަދި މ އަތޮޅުގައި ވެކްސިން ކެންޕެެއިން ފެށޭނެއެވެ. އެ ކެންޕެއިންގެ ދަށުން އުމުރުން 18 މަހާއި 40 އަހަރާ ދެމެދު މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމުގެ ލިޔުން ނެތް އެންމެން ގަޔަށް ވެކްސިން ޖަހާނެ އެވެ. އަދި ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި ލިޔުން ނެތް މީހުންނަށްވެސް ވެކްސިން ދޭނެ ކަަމަށެވެ.

ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް އެ ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. އެހެން ކަމުން ކޮވިޑްގެ ބަލިމަޑުކަމުގަައި ރާއްޖެ އޮތް ވަގުތެއްގައި އިތުރު ބަލިތައް ފެތުރުމުގެ ފުުރުސަރު ނުދިނުން ހުރިހާ ރައްޔިތުންވެސް ވެކްސިން ކެންޕެއިނަށް އެއްބާރުލުން ދިނުމަށް ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައި ވަނީ ޖޫން 2017 ގައެވެ. ޑަބްލިއުއެޗްއޯއިން އެގޮތަށް ކަނޑައެޅީ އެ ބަލި ރާއްޖޭގައި ގައިން ގަޔަށް އެރުން ހުއްޓުވާފައިވުމާއި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މީހަކަށް އެބަލި ޖެހިފައި ނުވާތީ އެވެ. ހިމަބިހި ނުވަތަ މީސަލްސްގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުމެވެ.