ސްކޫލް

ވެކްސިން ކާޑް ހުށަހެޅުން: ކޮބާ ސުކޫލް ރިކޯޑްސް؟

ރާއްޖޭގައި އަލުން ހިމަބިހި ފެތުރެން ފެށުމާއި ގުޅިގެން ހުރިހާ ދަރިވަރުންގެ ވެކްސިން ކާޑްތައް އަލުން ހުށައަޅަން ސުކޫލްތަކުން އެނގުން އެކަމާ ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅު ކުރެ އެވެ.

ދެ އަހަރެއްހާ ދުވަސް ފަހުން އަލުން ރާއްޖެއިން ހިމަބިހި ފެނިފައި ވަނީ ރާއްޖެއިން އެ ބަލި މުޅިން ނައްތާލެވިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެވޯޑްވެސް ދީފައި ވަނިކޮށެވެ. އޭގެ ފަހުން މިހާތަނަށް ތިން މީހަކަަށް ހިމަބިހި ޖެހިފައި ވެއެވެ. އެއީ ކުޑަ ދެ ކުދިންނާ ބޮޑު މީހަކަށެވެ.

ހިމަބިހި ކޮންޓްރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ ދެ ޑޯޒް ހަމަކޮށްގެނެވެ. އެހެންވެ ސަރުކާރު ސްކޫލްތަކާއި އަމިއްލަ ސްކޫލުތަކުގެ ދަރިވަރުން ވެކްސިން ޖެހިތޯ ބަލައި އެ މައުލޫމާތު ސަރުކާރަށް ހިއްސާ ކުރަން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އަންގާފަ އެވެ. އެކަމާއި ގުޅިގެން ސުކޫލްތަކުން ވަނީ ދަރިވަރުންގެ ވެކްސިން ކާޑްތައް ސުކޫލަށް ހުށަހަޅަން ޖެހެ އެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމް ހަމަޖެހިފައިވާ ގޮތުން ޕްރީސްކޫލްތަކަށް ވެސް ވެއްދެނީ ވެކްސިން ކާޑްގެ ނަކަލެއް ހުށައަޅައިގެންނެވެ. އަދި ޕްރައިމަރީ ތައުލީމް ފެށެނީ ވެސް އެ ކާޑްތަކުގެ ނަކަލު ހުށައަޅައިގެންނެވެ. އެހެން ކަމުން ދަރިވަރުންގެ ވެކްސިން ކާޑްތައް އަލުން ހުށަހަޅަން އެންގިއިރު، ސުކޫލްތަކުން ބަލަހައްޓަމުންދާ ރެކޯޑްސްތައް ކޮބައިތޯ ބައެއް ބެލެނިވެރިން ވަނީ ސުވާލު އުފައްދާފަ އެވެ.

މިވަގުތު ގްރޭޑް 10 އެއްގައި ތައުލީމް ހާސިލް ކުރަމުންދާ ކުއްޖެއްގެ ބެލެނިވެރިއަކު ބުނި ގޮތުގައި އޭނާގެ ދަރިފުޅު ޕްރީސްކޫލަށް ވެސް ވެއްދީ ވެކްސިން ކާޑުގެ ނަކަލު ހުށައަޅައިގެނެވެ. ޕްރައިމަރީ ސުކޫލަށް ވެއްދީ ވެސް އެ ކާޑްތައް ހުށައަޅައިގެނެވެ. ކުރިން ސުކޫލަށް ހުށަހެޅި ވެކްސިން ކާޑްގެ މައުލޫމާތުގެ ރިކޯޑްސް އެ ސުކޫލްތަކުން ނުބަލަހައްޓާ އުކާލީތޯ އޭނާ ވަނީ ސުވާލުކޮށްފަ އެވެ.

"އެއްގޮތަކީ މިހާ މުހިންމު ކަމެއްގައި މި އޮތީ ފަރުވާ ކުޑަކޮށްލާފައި. ވެކްސިންތައް ފުރިހަމައަށް ޖަހާތޯ މި ޔަގީން ކުރަނީ ކޮންމެވެސް ބޭނުމެއްގައި، އެހެން ކަމަށްވީއިރު އެފަދަ މުހިންމު ލިޔެކިޔުންތައް ސުކޫލްތަކުން ބަަލަހައްޓަން ވެސް ޖެހޭނެ." އެ ބެލެނިވެރިޔާ ބުނެފައި ވެއެވެ.

އެހެން ބެލެނިވެރިއަކު ބުނި ގޮތުގައި ވެކްސިން ކާޑް ހުށަހަޅަން ޖެހުމުން އެކަމާ ކަންބޮޑެއް ނުވެ އެވެ. ނަމަވެސް ކުރިން ހުށައަޅާފައި އޮތް ލިޔުމެއް އަލުން ހުށައަޅަން އެންގުމަކީ އެ ލިޔުންތައް ސުކޫލްތަކުން ބަލަހައްޓަމުން ނުގެންދާކަން ހާމަވާ ކަމެކެވެ. އަދި އެ ސުކޫލްތަކުން ރަނގަޅަށް ރެކޯޑްސް ބަލަހައްޓަމުންދާނަމަ އެޑިއުކޭޝަނަށް ވަގުތުން އެ މައުލޫމާތުތައް ހިއްސާ ކުރެވޭނެ އެވެ.

"އެކި ހާލަތްތައް ދިމާވެގެން މިހާރު އެފަދަ ލިޔުމެއް ނެތް ބަޔަކުވެސް ތިބެދާނެ. އެފަދަ މީހުން ދެން ހަދާނީ ކިހިނެތްތޯ. ވެކްސިން ޖެހިކަން ޔަގީން ކޮށްދޭނީ ކިިހިނެތްތޯ؟" ބެލެނިވެރިއަކު ޓްވިޓާގައި ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނާ ގޮތުން ރާއްޖޭގެ ވެކްސިން ތާވަލަށް މިދިޔަ އަހަރު ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބަދަލު ގެނެސްފައި ވެ އެވެ. އެ ބަދަލާ ގުޅިގެން ހުރިހާ ސްކޫލުތަކުގެ ހުރިހާ ގްރޭޑަކަށް އެންރޯލްވާ ކުދިންނާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރާ ކުދިންނަކީ ގައުމީ ވެކްސިން ތަވާލުގައި ފުރިހަމަ ކުރަން ޖެހޭ ވެކްސިންތައް ފުރިހަމަ ކޮށްފައިވާ ކުދިންކަން ކަށަވަރުކޮށް ބަލަން ވަނީ ނިންމާފަ އެވެ.

އޭގެ ބޭނުމަކީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން ތައުލީމު ދިނުމެވެ. އެގޮތުން ރާއްޖޭގައި ހިންގާ އަވަށު އަދި އަމިއްލަ ސްކޫލުތަކުގައި ތައުލީމް ހާސިލް ކުރާ ހުރިހާ ދަރިވަރުން ވެކްސިން ފުރިހަމަ ކޮށްފައިވާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު އަންނަ މަހު 27 ވަނަ ދުވަހުގެ ކުރިން އަޕްޑޭޓް ކުރަންޖެހެ އެވެ.