ހަބަރު

ބިރު ނުފަތުރާ މައުލޫމާތު ހިއްސާ ކުރައްވާ: މިނިސްޓަރު

ރާއްޖެއިން ހިމަބިހި ޖެހިފައިވާ ކުޑަ ކުއްޖަކު ފެނުނު މައްސަލަ އާ ގުޅިގެން، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ކުރެއްވި ޓްވީޓަކަށް އެޑިއުކޭޝަން މިނިސްޓަރު ރައްދު ދެއްވައިފި އެވެ.

ވެކްސިން ނުޖަހާ މައްސަލަ ފެންމަތިވެފައި ވަނިކޮށް ޑރ. ފައިސަލް ވިދާޅުވީ އައްޑޫ ސިޓީގައި ހުންނަ ސްކޫލަކަށް ޑޯޒުތައް ފުރިހަމަ ނުކޮށް ކުދިން ވައްދާފައި ހުންނަ ކަމަށެވެ.

މި ތުހުމަތަށް ރައްދު ދެއްވާ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ތަޖުރިބާކާރު ބޭފުޅުން އެފަދަ ވާހަކަތައް ދެއްކެވުމަކީ އާއްމުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން ފެތުރޭނެ ކަމެއް ކަމަށެވެ. އެހެންކަމުން ޑޮކްޓަރަށް އެނގިފައިވާ މައުލޫމާތު ހިއްސާ ކުރެވޭ ނަމަ އެކަން ކޮށްދެއްވުމަށް އެދިފައި ވެ އެވެ.

"މައުލޫމާތު ހިއްސާކޮށްދެއްވާ، އޭރުން އަޅުގަނޑުމެންނަށް އެކަމަށް އަވަސް ފިޔަވަޅުތައް އެޅޭނީ" މިނިސްޓަރުގެ ޓްވީޓުގައި ވެ އެވެ.

ޑރ. ފައިސަލް އިތުރަށް ވިދާޅުވީ އެއީ ކޮން ސްކޫލެއްކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށާއި އައްޑޫ ސިޓީގައި ވެކްސިން ޖެހުމުގެ ކަންކަމާ ހަވާލުވެތިބި ފަރާތްތަކަށް އެނގޭނެ ކަމަށެވެ.

"އަޅުގަނޑަށް މި މަޢުލޫމާތުތަށް މިދިޔަ އަހަރު އައްޑުއަށް އެކަމާގުޅިގެން ދިޔަ ޓީމާއެކު ދިއުމުން ދެއްވީ ވެސް އެބޭފުޅުން [އެޗްޕީއޭ] އިން" ޑރ. ފައިސަލް ފަހުން ކުރެއްވި ޓްވީޓުގައި ވިދާޅުވެ އެވެ.

މި މައްސަލަ އާ ގުޅިގެން އެޗްޕީއޭގެ ބަހެއް ނުލިބުނެވެ.

މިކަމާ ގުޅިގެން ޑރ. ފައިސަލް ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ ކިތަންމެ ޅަ އުމުރެއްގައި ސުކޫލަށް ވެއްދިޔަސް އެ އުމުރަކަށް ޖަހަންޖެހޭ ވެކްސިންތައް ހަމަކޮށްފައި ހުރިތޯ ބެލުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. އެޑިއުކޭޝަން މިނިސްޓްރީން އެކަމަށް ގަވާއިދެއް ކަނޑައެޅުން ވެސް މުހިންމުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ރާއްޖެއިން ހިމަބިހި ފެނި ސްކޫލުތަކަށް ކުދިން ގެންދިއުމާމެދުވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން އަންނަ އިރު މިމައްސަލައާ ގުޅިގެން އިތުރު ޑޮކްޓަރުންވެސް ދަނީ ޓްވިޓާ މެދުވެރިކޮށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރަމުންނެވެ. އެގޮތުން، ވެކްސިން ޖެހުމާ ދެކޮޅަށް މަސައްކަތް ކުރުމަކީވެސް ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމާއި ވެކްސިން ނުޖަހާ ސުކޫލައް ވެއްދުމަކީ އާންމުންނަށް ހުރި ނުރައްކަލެއް ކަމަށް ޑޮކްޓަރުން ސިފަކުރެއްވި އެވެ.

1986 އިން ފެށިގެން ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް ވަންނަ ކުދިން ތިން ބާވަތެއްގެ ވެކްސިން އެއް ފުރިހަމަ ކުރަންޖެހެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބައްޔެއްގައި އަހަރަކު 134000 މީހުން މަރުވާ މީސުލްސް (ހިމަބިހި) ރާއްޖެއިން ނައްތާލާފައިވާތީ އެކަމުގެ އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ރާއްޖެއަށް ދީފައިވަނީ ސެޕްޓެންބަރު 7، 2017 ގަ އެވެ.