އެޗްޕީއޭ

ގާޒީ ސްކޫލްގެ 33 ދަރިވަރުން ވެކްސިން ނުޖަހާ!

ހުޅުމާލޭގެ ގާޒީ ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ 33 ދަރިވަރުން މީސްލްސް (ހިމަބިހި) ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިކަން ހާމަކޮށްފައިވަނީ ހިމަބިހި ޖެހިފައިވާ ކުއްޖަކު ގާޒީ ސުކޫލުން ފެނުމާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައެވެ. އެޗްޕީއޭއިން ބުނީ ހިމަބިއްސަށް އިއްޔެ ޕޮޒިޓިވް ވި ދެ މީހުންގެ ތެރެއިން އެކަކީ ގާޒީ ސުކޫލްގެ ދަރިވަރެވެ. އަދި މިހާތަނަށް ބެލި ބެލުމުން ގާޒީ ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ 33 ދަރިވަރުން މީސްލްސް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.

އެޗްޕީއޭއިން އިއްޔެ ބުނީ ބުދަ ދުވަހު ޓެސްޓު ކުރި ނުވަ މީހުންގެ ތެރެއިން އެއްވެސް މީހަކަށް ހިމަބިހި ޖެހިފައި ނުވާ ކަމަށާއި ނަމަވެސް އިއްޔެ ޓެސްޓު ކުރި ނުވަ މީހުންގެ ތެރެއިން ދެ މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މި ދެ ކޭސްއާއެކު ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު ހައަކަށް ވަނީ އިތުރުވެފަ އެވެ.

ރާއްޖެއިން ހިމަބިހި ނުފެންނަތާ ނުވަ އަހަރު ފަހުން އެ ބަލި ނައްތާލާފައިވާ ކަމުގެ އެވޯޑު ދީފައި ވަނިކޮށް އަލުން އެ ބަލި މީހަކަށް ޖެހި ފެތުރެން ފަށާފައިވާ ކަން އިއުލާން ކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގަ އެވެ. އޭގެ ފަހުން ގިނަ ބަޔަކަށް އަންނަނީ ވެކްސިން ދެމުންނެވެ.

ހިމަ ބިއްސަކީ ވެކްސިންގެ އެހީގައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ދިފާއުވާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައި ވަނީ 1979 ވަނަ އަހަރު އެވެ.

މީސަލްސްގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުމެވެ.