މިއަހަރުގެ ހުރިހާ ދުވަހަކުވެސް ކައިވެނިކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
އެ ކޯޓުން މިއަދު އެ ނިންމުން ނިންމާފައިވަނީ ފަނޑިޔާރުންގެ އާންމު މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު އެވެ. އެ ނިންމުން އާދިއްތަ ދުވަހު ރަސްމީކޮށް އިއުލާނު ކުރުމަށް ވަނީ ހަަމަޖެހިފައެވެ.
ފެމިލީ ކޯޓްގެ އިސް އޮފިޝަލަކު އަވަސްއަށް ވިދާޅުވީ ކުރިން ވަކި ދުވަސްތަކެއްގައި ކައިވެނިކޮށް ނުދިނުމަށް ނިންމި ނިންމުން މިއަދު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ފަނޑިޔާރުންގެ އާންމު މަޖިލީހުގެ އެ ނިންމުން އާދިއްތަ ދުވަހު ގެޒެޓް ކުރާނެ ކަމަށެވެ.
ފެމިލީ ކޯޓުން ކުރިން ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް އެއްވެސް ހޮނިހިރެއްގައި ކައިވެނިކޮށް ނުދޭނެ ކަމަށެވެ. އަދި ރަމަޟާންމަހުގެ ފުރަތަމަ ދުވަހާއި ގުޅިގެން އޭޕްރީލް 23 އަދި 24 ގައި ކައިވެނިކޮށް ނުދޭނެ ކަމަށެވެ. އަދި ފިތުރު އީދާއި ގުޅިގެން މެއި 24 ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށާއި، މިނިވަން ދުވަހާއި ގުޅިގެން ޖުލައި 26 އަދި 27 ގައިވެސް އެ ކޯޓްގައި ކައިވެނިކޮށް ނުދޭނެ ކަމަށެވެ. އަދި އަލްހާ އީދާއި ގުޅިގެން އޯގަސްޓް މަހުގެ ދެވަނަ ދުވަހާއި ތިންވަނަ ދުވަހުވެސް ކައިވެނިކޮށް ނުދޭގޮތަށް ކުރިން އޮތީ ނިންމާފައެވެ.
ނަމަވެސް މި ނިންމުން ބަދަލުކޮށް މިހާރު ހުރިހާ ދުވަހަކުވެސް ކައިވެނި ކޮށްދިނުމުގެ އިންތިޒާމް މިވަނީ ހަމަޖެހިފައެވެ.
ވިހިވިހީގައި ރީތިި ވަރަށް ގިނަ ތާރީހުތައް އެބަ ހުއްޓެވެ. ހާއްސަކޮށް ރީތި ވަރަށް ގިނަ ތާރީހުތައް 2020 ގައި ދިމާވަނީ ހޮނިހިރު ދުވަހަށެވެ. ހޮނިހިރު ދުވަަހަކީ ކޯޓުން ކައިވެނިކޮށްދޭ ދުވަހަކަށް ކުރީ އަަހަރުތަކުގައި ނުވިޔަސް މިފަަހަރު މި އޮތީ އެ ފުރުސަތު ތަނަވަސްވެފައެވެ. ހޮނިހިރާ ދިމާވާ ބައެއް ތާރީހުތަކަށް ބަލާލާއިރު، 2020-04-04، 2020-06-06، 2020-08-08 އަދި 2020-12-12 ވެސް ދިމާވަނީ ހޮނިހިރު ދުވަހަކަށެވެ. އެހެންވީމަ ކައިވެންޏަށް މިހާ ހިސާބުން ތައްޔާރުވާން ފަށަންވީއެވެ.
މީގެ އިތުރުން މިއަަހަރުގެ އެންމެ ރީތި އެއް ތާރީހު ކަމަށްވާ 2020-02-02 އަދި ހަމަ އެމަހު 2020-02-20 ވެސް އޮތީއެވެ. މީގެ އިތުރުން 2020-10-20 ވެސް މިއީ ރީތި ތާރީހެކެވެ.