ކްލިކް ކޮލެޖަށް މި އަހަރު 20 އަހަރު ފުރޭތީ، ގިނަ ހަރަކާތް ތަކެއް ހިންގާ ފުރުސަތު ތަކެއް ހުޅުވާލާނެ ކަމަށް ބުނެފި އެވެ.
ކްލިކް ކޮލެޖުގެ މާކެޓިން މެނޭޖަރު މަރިޔަމް އަހުމަދު ދީދީ ވިދާޅުވީ އެ ކޮލެޖަށް މި އަހަރު އަލަށް ވަންނަ ކުދިންނާއި މިހާރު ކިޔަވާ ދަރިވަރުން ނަށް ވެސް ހާއްސަ ފުރުސަތު ތަކެއް ހުޅުވާލާނެ ކަމަށެވެ.
"މި ވަގުތު އެކަންތައް އިއުލާނު ނުކުރި ނަމަވެސް، ސަޕްރައިޒް ތަކެއް ފެނިގެން ދާނެ،" މަރިޔަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކޮލެޖުގެ ކޯސްތަކަށް ފުރުސަތު ހުޅުވާލަން ތައްޔާރު ވާއިރު ކޯސްތަކާބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފު ކުރަން ބޭނުންނަމަ، މަރުހަބާ ކިޔާ ކަމަށެވެ.
"ކްލިކް ކޮލެޖުން މަރުހަބާ ކިޔަން ދަރިވަރުންނާއި ބެލެނިވެރިން އައިސް މައުލޫމާތު ސާފުކޮށް، ކުރިއަށް ދާން ބޭނުންވާ މަގު ހޯދުމަށް. އެކަމަށް އަޅުގަނޑުމެން އެހީތެރި ވެދޭނަން،" މަރިޔަމް ވިދާޅުވި އެވެ.
މި އަހަރު 20 ސަޕްރައިޒް
ކްލިކް ކޮލެޖުން މުޅި އަހަރަށް ބަހާލައިގެން މި އަހަރު 20 ސަޕްރައިޒް އިވެންޓު ހިންގާނެ އެވެ.
ކްލިކް ކޮލެޖުގެ ބިޒްނަސް ޑިވްލޮޕްމަންޓް މެނޭޖަރު މުހައްމަދު ރޯޝަން ވިދާޅުވީ މި އަހަރު އެ ކޮލެޖުގެ ހާއްސަ ކެމްޕޭންތަކުގައި މެލޭޝިއާގެ ސެގީ ޔުނިވާސިޓީގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ރާވާފައި މި ވަނީ މި އަހަރު ތަފާތު އަހަރެއްގެ ގޮތުގައި ކުރި އަށް ގެންދަން، ސެގީ ޔުނިވާސިޓީއާ ގުޅިގެން،" ރޯޝަން ވިދާޅުވި އެވެ.
ދެހާސް އެއްވަނަ އަހަރު އުފެދުނު، ކްލިކް ކޮލެޖުން މިހާރު ގިނަ ކޯސް ތަކެއް ކުރިއަށް ގެންދެ އެވެ. މި ކޯސްތަކަކީ ރާއްޖެ އާއި ދުނިޔޭގެ އެކި ކޮލެޖުތައް ގަބޫލު ކުރާ ކޯސް ތަކެވެ. އެ ކޮލެޖުން ދަނީ ސެގީ ޔުނިވާސިޓީއާ ގުޅިގެން އާލީ ޗައިލްޑް ހުޑް ކޯހެއްވެސް ކުރިއަށް ގެންދަމުންނެވެ. މީގެ އިތުން ހިންގާ އެހެނިހެން ކޯސްތަކުގެ ތެރޭގައި މާކެޓިން އާއި ހިއުމަން ރިސޯސަސް އަދި ފައިނޭސް އާއި އެކައުންޓިން ކޯސްތައް ހިމެނެ އެވެ.