"ޑޫ ނޮޓް ވެކްސިނޭޓް ޔުއާ ކިޑްސް” މިއަދު ފޭސްބުކް ހުޅުވާލި އިރު އެންމެ ފުރަތަމަވެސް ފެނުނީ މިހެން ޖަހާފައި ހުރި ފޮޓޯއެކެވެ. އެ ފޮޓޯއާއެކު ދިގު ލިޔުމެއް ވެސް އޮތެވެ. ލިޔުން ކިޔާލި އިރު ކަމަކު ދާކަށް ނެތެވެ. ވެކްސިންގެ ސަބަބުން އޯޓިޒަމް ޖެހޭ ކަމަށް ވެސް ބުނެފައި އޮތެވެ. މިއީ ތެދެއް ބާވައެވެ؟
ޔަގީން ކޮށްލުމަށް ގޫގޮލްގައި ވެކްސިން ޖަހަންވީ ސަބަބުތަކާއި ނުޖަހަންވީ ސަބަބުތައް ސާޗްކޮށްލީމެވެ. ވެކްސިން ޖަހަން ވީ ސަބަބު ތަކުގައި ހުރީ ނުވެސް ދަންނަ ބައިވަރު ބަލިތަކަކުން ރައްކާތެރި ކޮށްދޭނޭ ކަމެވެ. އަދި އެއިން ގިނަ ބަލިތައް މިހާރު ވަނީ ނައްތާލެވިފައި ކަމަށްވެސް އޮތުވެ.
ވެކްސިން ޖެހުމާ ދެކޮޅު ލިޔުންތައް ބަލައިލި އިރު ހަމަ އެ ފޭސްބުކް ޕޯސްޓްގައި ވެސް އޮތް ފަދައިން ވެކްސިންގެ ސަބަބުން އޯޓިޒަމް ޖެހޭ ކަމަށް އޮތް ލިޔުމެއް ފެނުނެވެ. ދެން ހިތަށް އެރީ ޖެހިގެން އުޅޭ ގޭގެ ފަހީމާގެ އޯޓިޒަމް ހުންނަ ދަރިފުޅު އަލީގެ މަތިންނެވެ. އެހެންވިއްޔާ އަލީއަށް ވެސް އެ ބަދަލުތައް އަންނަން ފެށީ ވެކްސިންތައް ޖަހަންފެށި ފަހުންތާ އެވެ. މަގޭ ދަރިޔަކަށް ވެކްސިންއެއް ނުޖަހާނަން ކަމަށް ހިތާ ހިތާ ބުނެ، ނިންމާލަމުން ފޭސްބުކުން ފެނުނު ޕޯސްޓަށް ލައިކްއެއް ދީ ޝެއާ ވެސް ކޮށްލީ އެހަބަރު ރައްޓެހިންނާއި އާއިލާގެ މީހުންނާ ވެސް ހިއްސާ ކުރުމުގެ ނިޔަތުގަ އެވެ.
މި އިޝާރާތް ކުރި ފަދަ ވެކްސިނޭޝަން އާ ދެކޮޅު އެތަކެއް ލިޔުންތަކާއި މައުލުމާތުތައް އިންޓަނެޓްގައި މިއަދު ވަރަށް ގިނައެވެ. އެހެނީ އެންޓި ވެކްސިނޭޝަން ނުވަތަ ވެކްސިން ޖެހުމާ ދެކޮޅަށް ވަކާލާތުކުރާ ބަޔަކުގެ އަޑު ސޯޝަލް މީޑިއާގައި ގަދަވާން ފެށިތާ އަހަރުތަކެއް ވެއްޖެ އެވެ. މާބޮޑު ހަގީގަތެއް ނެތް އެކި ވާހަކަތައް ތަފާތު އެކި ބޭނުމުގައި މީހުން ފަތުރަން ފެށި ފެށުން މިއަދު ފުޅާވެގެން ގޮސް ތެދު ދޮގު އޮޅޭހާ މިންވަރަށް މުޅި އިންޓަނެޓްގައި ވެކްސިން ޖުހުމާއި ދެކޮޅު މައުލުމާތުތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އަދި އޭގެ ހިތި ނަތީޖާ އަންނަނީ މިއަދު ފެންނަމުންނެވެ.
ވެކްސިންގެ ސަބަބުން އެ ބަލިތަކެގެ ބިރުވެރިކަމާއި ނުރައްކާތެރިކަން އަހަރުމެންގެ ހިތްތަކުން ފިލާފައިވާ ބަލިތައް މިއަދު މިވަނީ އަނެއްކާ ވެސް އަހަރުމެންގެ ތެރޭގައި އާންމުވާން ފަށާފަ އެވެ. މި ލިޔުމުގައި ވެކްސިންއާ މެދު މީހުންގެ މެދުގައި އެންމެ އާންމުކޮށް ދެކެވޭ ބައެއް ނުރަނގަޅު މައުލުމާތުތަކަށާއި އޭގެ ހަގީގަތަށް އަލި އަޅުވާލެވޭތޯ ބަލާނަމެވެ.
ވެކްސިނާއި އޯޓިޒަމް
ވެކްސިން ދިނުމާ ދެކޮޅު ހަދާ މީހުން އެންމެ އާންމުކޮށް ދައްކާ އެއް ވާހަކައަކީ ވެކްސިންގެ ސަބަބުން އޯޓިޒަމް ޖެހުމަށް މެދުވެރިވެ އެވެ.
މީގެ ހަގީގަތަށް ބަލައިލާއިރު މިފަދަ ވާހަކައެއް އެންމެ ފުރަތަމަ ހުށައަޅާފައި ވަނީ 1998 ވަނަ އަހަރު އެންޑްރިއު ވޭކްފީލްޑް ނަމަކަށް ކިޔާ އިނގިރޭސި ވިލާތުގެ ގެސްޓްރޯއެންޓިރޮލޮޖިސްޓް އެކެވެ.
އެންޑްރިއުގެ ދިރާސާއަށް ބިނާކޮށް އެމްއެމްއާރް ވެކްސިން އާއި އޯޓިޒަމް އާއި ގުޅުމެއް ވެދާނެ ކަމަށް ލަފާ ދިނެވެ. ނަމަވެސް އޭނާ ކުރި އެ ދިރާސާއަކީ ސައްހަ ދިރާސާއެއް ނޫން ކަމަށް މެޑިކަލް ކޮމިއުނިޓީ ވަނީ ނިންމާފަ އެވެ. އެހެނީ މި ދިރާސާ އާ ބެހޭގޮތުން ހޯދާ ބަަލައިފި ކޮންމެ މީހަކަށް ވެސް އޭގައި ގިނަ އުނި ކަންތައްތަކެއް ވާކަން ހާމަވާނެ އެވެ.
އެގޮތުން ދިރާސާ ކުރުމުގައި ބޭނުން ކޮށްފައިވާ އުކުޅުތަކާއި އުސޫލުތަކަކީ ސައްހަ ދިރާސާއެއް ކުރުމުގައި ގެންގުޅޭނެ އުސޫލުތަކާ ހިލާފު އުސޫލުތަކެކެވެ. އަދި ދިރާސާގެ ނަތީޖާ ބިނާ ކޮށްފައި ވަނީ އެންމެ 12 ކުދިން ހިމެނޭ ސްޓަޑީއެއްގެ މައްޗަށެވެ. އަދި ދިރާސާއަށް ހަރަދު ކުރި ފަރާތްތަކަށް ބެލި ނަމަވެސް މި ދިރާސާގެ ފަހަތުގައި ފޮރުވިފައިވާ ގޮތް ނޭނގޭ މަގްސަދުތަކެއް ވާކަމާމެދު ޝައްކު އުފެދެ އެވެ. މިނޫން ވެސް އެތަކެއް މައްސަލަތަކާ ހުރެ މި ދިރާސާ ކުރި އެންޑްރިއު ވޭކްފީލްޑް ގެ މެޑިކަލް ލައިސެންސް ވެސް ވަނީ ބާތިލު ކޮށްފަ އެވެ. ނަމަވެސް މިއަދާ ޖެހެންދެން ވެސް އޯޓިޒަމް އާއި ވެކްސިން އާ ގުޅުމެއް ވާކަމަށް ބުނާ ފަރާތްތައް ހެއްކެއްގެ ގޮތުގައި މި ސައްހަ ނޫން އޯޓިޒަމް އާއި އެމްއެމްއާރް ވެކްސިންއާ ގުޅުމެއް ވެދާނެ ކަމަށް ލަފާދިން ދިރާސާ ބޭނުން ކުރަމުން އާދެއެވެ.
މި ދިރާސާއަށް ފަހު ސައިންސްވެރިން ދަނީ ހީވާގި ކަމާއެކު އެމްއެމްއާރް ވެކްސިންއާއި އޯޓިޒަމްއާ ގުޅުމެއް ވޭތޯ ބެލުމަށް ހޯދުންތައް ހޯދުމަށް މެދުކެޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް މި ވެކްސިން ދިނުމާއި އޯޓިޒަމްއާ އެއްވެސް ގުޅުމެއް ވާކަމަށް ހޯދިފައެއް ނުވެއެވެ. މީގެ އިތުރުން ބައެއް ވެކްސިންތަކުގައި އެކުލެވޭ ތިމެރޯސަލްއާ -- މާކިއުރީ އެކުލެވޭ މާއްދާއެއް -- އޯޓިޒަމްއާ ގުޅުމެއް ވާ ކަމަށްވެސް މީހުން ބުނެ އެވެ. ނަމަވެސް މިކަމަށް ހެކި ދޭ ހޯދުމެއް ވެސް ސައިންވެރިންނަކަށް ހޯދިފައެއް ނުވެއެވެ.
މީގެ އިތުރުން މިއަދު އޯޓިޒަމާބެހޭ ގޮތުން ކުރެވިފައިވާ ދިރާސާތަކުން ހާމަ ކުރާ ގޮތުގައި އޯޓިޒަމް ހުންނަ ކުއްޖެއްގެ ފަރާތުން ފެންނާނެ ބަދަލުތައް ކުއްޖާ ދުނިޔެއަށް އައުމުގެ ވެސް މާ ކުރިން މަންމަގެ ބަނޑުގައިވާ ދުވަސްވަރުން ފެށިގެން އަންނަން ފަށާ ކަމަށް ވަނީ ހޯދިފަ އެވެ. ވީމާ މިއީ ވެކްސިން ދިނުމުގެ ސަބަބުން ދިމާވާ ބައްޔެއް ނޫންކަން ހާމަވެ އެވެ.
ވެކްސިންގައި ނުރައްކާތެރި މާއްދާތައް އެކުލެވޭތަ؟
ވެކްސިންއާ ދެކޮޅަށް ވަކާލާތު ކުރާ މީހުން އެންމެ އާންމުކޮށް ދައްކާ އަނެއް ވާހަކައަކީ ވެކްސިންގައި ސިއްހަތައް ނުރައްކާތެރި މާއްދާތައް ހިމެނޭ ކަމެވެ. އެގޮތުން ފޯމަލްޑިހައިޑް، މާކިއުރީ އަދި އެލުމިނިއަމް ފަދަ މާއްދާތައް ވެކްސިންގައި ހިމެނޭތީ އެ މާއްދާތަކުގެ ނުރައްކާތެރި އަސަރު ސިއްހަތައް ކުރާނެ ކަމެއް ކަމަށް ބުނެ އެފަރާތްތައް ވާކާލާތު ކުރެއެވެ. ހަގީގަތުގައި މި މާއްދާތަކަކީ އޭގެ ޒާތުގައި ސިއްހަތައް ނުހަނު ނުރައްކާތެރި މާއްދާތަކަކަށް ވީ ނަމަވެސް، ބައެއް ވެކްސިން ތަކުގައި އެކުލެވިފައި ވަނީ މި މާއްދާތަކުގެ ވަރަށް ވެސް ކުޑަ ޕަސެންޓެކެވެ.
މިސާލަކަށް ފޯމަލްޑިހައިޑް އަކީ އިންސާނާގެ ހަށިގަނޑުގައި ހިނގާ އެކި އެކި ކެމިކަލް ރިއެކްޝަންތަކުގެ ނަތީޖާއެއްގެ ގޮތުންވެސް ހަށިގަނޑުގައި ގުދުރަތީ ގޮތުން އުފެދޭ މާއްދާއެކެވެ. ބައެއް ވެކްސިންތަކުގައި ހިމެނޭ ފޯމަލްޑިހައިޑްގެ މިންވަރާ ހަށިގަނޑުގައި މި މާއްދާ އުފައްދާ މިންވަރާ އަޅާކިޔައިފި ނަމަ ހަށިގަނޑުގައި މި މާއްދާ އެކުލެވޭ ވަރު ވެކްސިންތަކުގައި ހިމެނޭ ވަރަށް ވުރެން މާ ބޮޑަށްވެސް މައްޗެވެ. ވީމާ ވެކްސިންތަކުގައި ބޭނުން ކުރެވޭ މި މާއްދާތަކަކީ އެފްޑީއޭ ގެ މިންގަނޑުތަކާ އެއް ގޮތައް ހަށިގަނޑަށް އެއިން ނުރައްކަލެއް ނުވާނެ ހާ ވެސް ކުޑަ މިންވަރަކަށް އެކުލެވިގެންވާ މާއްދާތަކެކެވެ.
އަދި ދިރާސާތަކުން ދައްކާ ގޮތުގައި ވެކްސިންތަކުގައި އެކުލެވިގެންވާ މި މާއްދާ ތަކުގެ މަދު ޕަސެންޓްގެ ސަބަބުން އޭގެ ނުރައްކަލެއް ހަށިގަނޑަކަށް ނުފޯރާނެ އެވެ.
ނައްތާލެވިފައިވާ ބަލިތަކަށް ވެކްސިން ދިނުމުގެ ބޭނުމެއް ނެެއްތަ؟
ވެކްސިންއާ ބެހޭ އެތަކެއް ނުރަނގަޅު މައުލޫމާތުތައް އާންމުވެގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ގިނަ މައިންބަފައިން އެމީހުންގެ ދަރިންނަށް ވެކްސިން ދޭން ޖެހިލުންވާން ވަނީ ފަަށާފަ އެވެ. އަދި އެ މީހުންގެ ހިތުގައި އުފެދޭ އެންމެ ބޮޑު އެއް ސުވާލަކަށް ވެގެން ގޮސްފައި ވަނީ ނައްތާލެވިފައިވާ ކަމަށް ބުނާ ބަލިތަކަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ޖެހެނީ ކީއްވެ ބާވައެވެ؟
ތެދެކެވެ. މިއަދު ވެކްސިން ދެވޭ ގިނަ ބަލި ތަކަކީ އެ ބަލިތައް ނައްތާލެވިފައިވާ ބަލިތަކެކެވެ. ނަމަވެސް މީގެ މާނައަކީ އެ ބަލިތައް ޖައްސާ ވައިރަސްތަކާއި ބެކްޓީރިއާ ފަދަ ޖަރާސީމްތައް އަހަރުމެންގެ މާހައުލުގައި ނޫޅުމެއް ނޫނެވެ.
މިއަދު ރާއްޖެއިން މި ފެނިގެން ދަނީ އޭގެ މިސާލެކެވެ. ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމުގައި ވީ ނަމަވެސް ވެކްސިން ނުޖެހުމުގެ ސަބަބުން މިއަދު މިވަނީ ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިން ފެންނަން ފަށާފަ އެވެ.
ހިމަބިހި، ސޮމޯލްޕޮކްސް އަދި ރުބެއްލާ ފަދަ ބަލިތަކަކީ ވެކްސިންގެ ސަބަބުން އެ ބަލިތަކުގެ ބިރުވެރިކަމާއި ނުރައްކާތެރިކަން އަހަރުމެންގެ ހިތްތަކުން ފިލައިގެން ގޮސްފައިވާ ބަލިތަކެކެވެ. އެހެނަސް މަދު ބަޔަކު ނަމަވެސް މި ބަލިތަކުން ރައްކާތެރިވުމަށް ދެވޭ ވެކްސިންތައް ދިނުން ހުއްޓާލައިފި ނަމަ މި ނުރައްކާތެރި ބަލިތައް ނުހަނު އަވަސް ސްޕީޑެއްގައި އާލާވެ ފެތުރި މުޅި ގައުމު ނުރައްކަލުގެ ތެރެއަށް ވެއްޓުމަށް މެދުވެރި ކުރުވާނެ އެވެ. ފާހަގަކޮށްލަން ޖެހޭ ހަގީގަތަކީ މިއަދު ދިވެހިންނަށް މިވަނީ މި ހާލަތް މެދުވެރިވެފައި ކަމެވެ.
ވެކްސިންޖެހުމާއި އިސްލާމްދީން
ވެކްސިން ޖެހުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމުގައި ބުނާ ބަޔަކު އަހަރުމެންގެ ތެރޭގައި އުޅެއެވެ. ނަމަވެސް އެންމެނަށް ވެސް އެނގޭ ހަގީގަތަކީ އިސްލާމްދީނަކީ ބަލިތަކުން ރައްކާތެރިވުމަށް ބާރުއަޅާ ދީނެއް ކަމެވެ. ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ވެކްސިން ޖެހުމަކީ އިސްލާމް ދީނުގައި އެއްގޮތަކަށް ވެސް މަނާ ކުރާ ކަމެއް ނޫނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލައިލި ކަމުގައި ވިޔަސް މިއަދު ފެންނަނީ ވެކްސިންއެއްގެ އެހީގައި ރައްކާތެރި ވެވިދާނެ ބަލިތައް ކަންބޮޑުވާ މިންވަރަށް ގިނަ ވަމުން އަންނަ ތަނެވެ. މި ހާލަތު ބައެއް ގައުމުތަކަށް މެދުވެރި ވެފައިވަނީ އެންޓި ވެކްސިނޭޝަން ކެމްޕެއިންގެ ސަބަބުން ކަމުގައި ވީ އިރު، އަނެއްބައި ގައުމުތަކުގައި މި ހާލަތު މެދުވެރިވެފައި ވަނީ އެގައުމުގެ މީހުންނަށް ވެކްސިންތައް ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުންނެވެ.
މިއާ ހިލާފަށް ދިވެހި ރާއްޖެއަކީ ވެކްސިންގެ ހިދުމަތް ކޮންމެ ކުއްޖަކަށް ހިލޭ ލިބޭ ގައުމެކެވެ. ކަން މިހެން ހުރި ނަމަވެސް، ވެކްސިން ޖެހުމަށް އިންކާރުކޮށް އެކަމާ އިދިކޮޅު ހަދާ ބަޔަކު އުޅުމުގެ ސަބަބުން އިންޖެކްޝަނަކުން ރައްކާތެރި ވެވިދާނެ ބަލިތައް އާންމު ވެގެން އަންނަކަމީ ލަދުވެތިވެ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ބަލިތަކަށް އެވަގުތެއްގައި ލިބެން އޮތް އެންމެ ރަގަޅު ޝިފާ ހޯދާ އެ ލިބިގަތުމަކީ އަހަރުމެންގެ ޒިންމާއެކެވެ. އަދި އެއީ އަހަރުމެންގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ފޯރުކޮށްދެންޖެހޭ އެކުދިންގެ ހައްގެކެވެ.