ކަސްރަތު ކުރުމަކީ ދުޅަހެޔޮ ސިއްހަތަކަށް ކޮންމެހެން ވެސް މުހިންމު ކަމެއްކަން އެންމެންނަށްވެސް އެނގެ އެވެ. ނަމަވެސް ގަވައިދުން ކަސްރަތު ކުރުމުގެ އާދަ އަށަގަނެފައި ވަނީ ކިތައް މީހުންގެ ގައިގައި ބާއެވެ؟
ކޮވިޑް-19 އިން ރައްކާތެރިވުމަށް ގޭގައި ތިބުމަށް ބާރު އަޅާއިރު މި ދުވަސްވަރަކީ ކަސްރަތު ކުރަން ފެށުމަށް ރަނގަޅު ދުވަސްވަރަކަށް ވާނެ އެވެ. ގިނަ ވަގުތު ގޭގައި ހުންނަން ޖެހުމަކީ ކަންނެތް ކަމާއި އިންތިހާއަށް ފޫހިވުން މެދުވެރި ކުރުވުން ގާތް ކަމެކެވެ. ވީމާ ކޮންމެ ދުވަހެއްގެ ވެސް ކުޑަ ވަގުތުކޮޅެއް ކަސްރަތު ކޮށްލުމަށް ހޭދަ ކޮށްލުމަކީ ބުއްދިވެރި މަކަށް ވާނެ އެވެ. ހަމައެހެންމެ ކޮވިޑް-19 ގެ ބިރުވެރިކަމާއި ނުތަނަވަސްކަން އަހަރުމެންގެ ހިތްތަކަށް ވެރިވެފައި މި ދުވަސްވަރުގައި ކަސްރަތުކޮށްލާ ގޭތެެރޭގައި ހެލިފެލި ވެ އުޅުމަކީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވެސް ކުރެވޭނެ ނުހަނު މުހިންމު ކަމަކަށް ވާނެއެވެ.
ގަވައިދުން ކަސްރަތު ކުރުމުން ލިބޭ ފައިދާތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. އެގޮތުން ލޭގެ ޕްރެޝަރު މަތިވުމުންނާއި ސްޓްރޯކް ޖެހުމުން އަދި ހިތުގެ ބަލިތަކުން ރައްކާތެރި ކޮށްދެ އެވެ. ހަމައެހެންމެ ހޯދުންތައް ދައްކާ ގޮތުގައި އާދަކޮށް ކަސްރަތުކުރުމަކީ ކެންސަރުގެ އެކި ވައްތަރުތަކުން ރައްކާތެރިކަން ވެސް ފޯރުކޮށްދޭ ކަމެކެވެ. މީގެ އިތުރުން ކުރިން ވެސް ފާހަގަ ކޮށްލެވުނު ފަދައިން ކަސްރަތާ އަހުލުވެރިވުމަކީ އެކި އެކި ނަފްސާނީ ބަލިތައް ކަމަށްވާ ޑިޕްރެޝަން، ޑިމެންޝިއާ ފަދަ ބަލިތަކާ މީހާ ދުުރުކޮށްދޭ ކަމެއްވެސް މެއެވެ.
ގަވައިދުން ކަސްރަތު ކުރުމުގެ އާދަ އަށަގަނުވަން އެދޭ ކޮންމެ މީހަކު ވެސް އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ކަސްރަތުކުރުމަށް ވަކި ވަގުތެއް ކަނޑައެޅުމެވެ. މިސާލަކަށް ކޮންމެ ދުވަހަކު ވެސް ފަތިސް ނަމާދަށް ފަހު 40 މިނިޓް ކަސްރަތު ކުރުމަށް ނުވަތަ ހަވީރުގެ ކޮންމެސް ވަގުތެއް އެއީ ކަސްރަތުކުރުމަށް ހުސް ކުރާނެ ވަގުތެއް ކަމުގައި ހެދިދާނެ އެވެ. ކަސްރަތު ކުރާނެ ވަކި ވަގުތެއް ކަނޑައެޅުމަށްފަހު އެމީހަކާ އެކަށޭނަ ކަސްރަތުތަކެއް އިހުތިޔާރު ކުރެވިދާނެއެވެ.
ސޯޝަލް މީޑިއާގެ މި ޒަމާނުގައި ގޭގައި ތިބެގެން ވެސް ކުރެވިދާނެ އެކި ވައްތަރުގެ ކަސްރަތުތައް އަންނަނީ ފިޓްނަސް ޓްރެއިނަރުން އެމީހުންގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އަދި މިދުވަސްވަރާ ގުޅުވައިގެން ގޭގައި ތިބެގެން ކަސްރަތު ކުރުމަށް އެހީތެރިވެދޭ އެކި އޮންލައިން ކްލާސްތަކާއި ޗެލެންޖްތައް އަންނަނީ އިތުރުވަމުން ކަމުން ތިމާއާ އެންމެ އެކަށޭނަ ކަސްރަތުތަކެއް ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެ އެވެ.
އަދި ޑަމްބެލް ނުވަަތަ ކަސްރަތު ކުރާއިރު ބޭނުންކުރާ ބަރު ފަދަ ތަކެތި ނެތިގެން ކަސްރަތު ނުކޮށް ހުރުމުގެ ބަދަލުގައި ފެންފުޅިއެއް ނުވަތަ ގޭގައި ހުރި އެހެން ވެސް ބަރު އެއްޗެއް ބޭނުންކޮށްގެން ވެސް ކަސްރަތުތައް ކުރެވޭތޯ ބަލަންވާނެ އެވެ. ނުވަތަ މިފަދަ ތަކެއްޗާ ނުލަ ގޭގައި ކުރެވޭ ފަސޭހަ ކަސްރަތުތަކެއް ހޯދިދާނެ އެވެ.
މި ދުވަސްވަރަކީ ސްކޫލްތައް ބަންދު ދުވަސްވަރެއްކަމުން ހުރިހާ ވަގުތެއްހެން ކުޑަ ކުދިންވެސް ހޭދަ ކުރަނީ ގޭގައިކަމުން އެ ކުދިން ވެސް ޝާމިލް ކޮށްގެން ކުރެވޭނަމަ ކަސްރަތު ކުރުމަކީ ކުދިން ވެސް މިކަމަށް އަހުލުވެރި ކުރުވުމާއެކު އެކުދިންނާ އެކު ހޭދަކުރެވޭ އުފާވެރި ވަގުތު ކޮޅަކަށް ވެސް ހެދިދާނެ އެވެ.
ގޭގައި ގިނަ ވަގުތު ތަކެއް ހޭދަ ކުރަން ޖެހިފައިވާ މިދުވަސްވަރު ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުމަކީ އެންމެ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް މިއީ ވަރަށްވެސް މުހިންމު ކަމެކެވެ. ވީމަ އެކަނި މިކަން ކުރުމުގެ ބަދަލުގައި ރަހްމަތްތެރިޔަކާ އެކު ނުވަތަ އާއިލާ މެންވަރަކާ އެކުވެސް މިކަން ފެށިދާނެއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ރަހްމަތްތެރިޔާ ނުވަތަ އާއިލާގެ މެންބަރުވެސް ކަސްރަތުކޮށްފިންތޯ އަހާ ފޯރިއާ އެކު ކުރުމަށް މިއީ ނުހަނު ރަގަޅު ކަމަކަށް ވާނެއެވެ.
ފިޓްނެސް ގޯލްތަކެއް ނުވަތަ ތިމާ ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ކަނޑައަޅާ އެ ހާސިލް ކުރުމަށް މަސައްކަތް ކުރުމަކީ ގޭގައި މި ހޭދަ ކުރާ ދުވަސްތަކަކީ ބޭކާރު، ފޫހި އަދި ކަންނަތް ދުވަސްތަކަކަށް ވިޔަ ނުދިނުމަށްޓަކައި ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. އަދި ކަސްރަތުކުރުމަކީ ކުޑަ ދުވަސްކޮޅަކަށް ކޮށްފައި ހުއްޓާލާ ކަމަކަށް ނުހަދާ މިއީ ދާއިމީ ގޮތެއްގައި އާދަކޮށް ކުރާ ކަމަކަށް ހެދުންވަރަށް މުހިންމެވެ.