ނައުޝާގެ ހެލްތު ކޮލަމް

ރޯދަ މަހު ބޮލުގައި ރިހުން އިތުރީ ކީއްވެ؟

May 4, 2020
1

ބޮލުގައި ރިހުމަކީ އާންމު ދިރިއުޅުމުގައި ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ނަމަވެސް ރޯދަ މަހުގައި ބޮލުގައި ރިހޭ މިންވަރު އިތުރުވާ ކަމަކީ ގިނަ ބަޔަކު ކުރާ އާންމު ޝަކުވާ އެކެވެ. މިހެން މެދުވެރިވާ އާންމު ސަބަބުތަކުގެ ތެރޭގައި ހަށިގަނޑުން ފެންމަދުވުމާއި ލޭގައި ހަކުރު މާ ދަށްވުން، އާންމުކޮށް ކޮފީ ފަދަ ކެފެއިން ހިމެނޭ ބުއިންތައް ބޭނުން ކުރާ ފަރާތްތައް އެ ބުއިންތަކުން ދުރުހެލިވުމާއި ނިދިމަދުވުން ފަދަ ސަބަބުތައް ހިމެނެ އެވެ.

ލޭގައި ހިމެނޭ ހަކުރުގެ މިންވަރު މަދުވުމަކީ ވެސް ބޮލުގައި ރިހުމަށް މަގުފަހި ކުރުވާފާނެ ކަމެކެވެ. އެގޮތުން ހާރަށް ހަކުރު ގިނައިން އެކުލެވޭ ކެއުމެއް ނުވަތަ ބުއިމެއް ބޭނުން ކޮށްފިނަމަ ލޭގައި ހިމެނޭ ހަކުރުގެ މިންވަރު އަވަސް މިނެއްގައި މައްޗަށް އަރާ ހަމަ އެހާމެ އަވަސް މިނުގައި ތިރިއަށް ދިއުމަށް މެދުވެރި ކުރުވަފާނެ އެވެ. ވީމާ ލޭގައި ހިމެނޭ ހަކުރުގެ މިންވަރު މާ ބޮޑަށް ބަދަލުވިޔަ ނުދީ އެއް މިނެއްގައި ހިފަހައްޓައި ދޭ ލޯ ޖީއައި އިންޑެކްސްގެ ކެއުންތައް ހާރަށް އިހްތިޔާރު ކުރުން މުހިންމެވާނެ އެވެ. އޭގެ ތެރޭގައި ބުރައުން ރައިސް، ލޯ ފެޓް ޔޯގަޓް، އާފަލު އަދި ގްރޭޕް ފްރުޓް ޖޫސް، ފެހި ތަރުކާރީ، ކެރެޓް އަދި ގިނަ މޭވާގެ ބާވަތްތައް ހިމެނެ އެވެ.

ރޯދަ މަހުގައި އެންމެ އާންމުކޮށް ބޮލުގައި ރިހުން އިތުރުވާ ސަބަބަކީ ހަށިގަނޑުން ފެން މަދުވުމެވެ. އިންސާނާގެ ސިކުނޑިއަކީ ކިރިޔާ ވެސް ހަށިގަނޑުން ފެން މަދުވާ އިރަށް އެކަން ނުހަނު އަވަހަށް ދެނެގަންނަ ގުނަވަނެކެވެ. ހަށިގަނޑުން ފެން މަދުވުމުން ސިކުނޑި ހިސްޓަމިން އުފައްދަ އެވެ. އަދި އޭގެ ސަބަބުން ބޮލުގައި ރިހުމަށާއި މީހާ ވަރުދެރަވެ ވަރުބަލި ކުރުވަ އެވެ. ވީމާ ރޯދަމަހުގައި ރޯދަ ވީއްލުމާއި ހާރު ކެއުމާއި ދޭތެރޭ ވީހާ ވެސް ގިނައިން ފެން ބުއިން ވަރަށް މުހިންމު ވާނެ އެވެ. ހާރު ކާ ވަގުތުގައި ހާއްސަކޮށް ލޮނު ގަދަ ކެއުންތަކުން ދުރުހެލި ވާން ވާނެ އެވެ.

ލޮނު ގަދަ ކެއުންތަކުން ކަރުހިއްކުން އިތުރު ކޮށްދީ ހަށިގަނޑުން ފެން މަދުކޮށްދެ އެވެ. ކަރާ ފަދަ ގިނައިން ފެން އެކުލެވޭ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ވީހާވެސް ގިނައިން ކެއުމުގައި ހިމެނިދާނެ އެވެ. މީގެ އިތުރުން ކެފެއިން އެކުލެވޭ ބުއިންތައް ގިނައިން ބުއިމަކީ ވެސް ހަށިގަނޑުން ފެން މަދުކޮށް ކަރު ހިއްކުން އިތުރު ކޮށްދޭ ކަމެކެވެ.

ކެފެއިން އެކުލެވޭ ބުއިންތައް ގިނައިން ބޭނުން ކުރުމަކީ އެންމެ އެދެވޭ ކަމަކަށް ނުވިނަމަވެސް ކެފެއިން ވިތްޑްރޯވަލް ނުވަތަ އާންމުކޮށް ގިނައިން ކެފެއިން އެކުލެވޭ ބުއިންތައް ބޭނުންކުރާ ފަރާތްތަކަށް ރޯދަމަހު ރޯދައަށް ގިނަ ވަގުތު ހުންނަން ޖެހުމުގެ ސަބަބުން ބޮލުގައި ރިހުން އިތުރު ވެދާނެ އެވެ. މިކަމަށް އެންމެ ރަނގަޅު ހައްލަކަށް ވާނީ ރޯދަމަހާ ކައިރިވާ ވަރަކަށް ރޯދަމަހަށް ހޭނުމުގެ ގޮތުމް ކޮފީ ދުވާލެއްގެ މައްޗަށް ބޭނުންކުރާ މިންވަރު މަދު ކޮށްލުމެވެ.

ރޯދަ މަހަކީ އާންމުކޮށް ނިދާ އުޅޭ ވަގުތުތަކަށް ވެސް ގިނަ ބަދަލުތަކެއް އަންނަ މަހެކެވެ. މިއީވެސް ބޮލުގައި ރިހުމަށް މެދުވެރި ވެދާނެ ކަމެކެވެ. ހާއްސަކޮށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 އިގެ ހާލަތުގައި ކަންކަމާމެދު ފިކުރުކުރުން އިތުރުވެ ނިދާ ހޭލާ ވަގުތުތަކަށް ގިނަ ބަދަލުތަކެއް އައުމާއެކު ވެސް ބޮލުގައި ރިހުން އިތުރު ވެދާނެ އެވެ. ބޮލުގައި ރިހުމަކީ ކިތަންމެ އާންމުކޮށް ދިމާވާ ކަމެއް ނަމަވެސް އަބަދު ބޮލުގައި ރިހުމަކީ ދުވަހުގެ މަސައްކަތްތަކަށް ބުރޫއެރުމާއި މީހާގެ މޫޑް ސަކަރާތް ވުމަށް މެދުވެރިވާ ކަމެކެވެ. ވީމާ ބޮލުގައި ރިހޭ ސަބަބު ދެނެގަނެ އެކަމަށް ހައްލެއް ހޯދުމަކީ އަމިއްލައަށް ވެސް ކުރުން މުހިންމު ކަމަށް ވާނެ އެވެ.