ނައުޝާގެ ހެލްތު ކޮލަމް

ޑިޕްރެޝަން ހުންނަ މީހަކަށް އެހީ ވާނީ ކިހިނެތް؟

މާޔޫސް ވުމާއި ކަންކަމާމެދު ދެރަ ވުމަކީ އަހަރުމެންގެ ދިރިއުޅުމުގައި އާންމުކޮށް ދިމާވާ ކަމެކެވެ. ނަމަވެސް އަބަދު މާޔޫސްވެ ކަންކަން ކުރާ ހިތް ނުވުމާއި އަދި އޭގެ ސަބަބުން ދުވަހުގެ މަސައްކަތްތަކަށް ބުރޫ އަރާނަމަ، ހާއްސަކޮށް 2 ހަފްތާއަށް ވުރެން ގިނަ މުއްދަތަކަށް މިފަދަ އިހްސާސްތައް ކުރެވޭނަމަ އެއީ ޑިޕްރެޝަންގެ އަލާމާތަކަށް ވެދާނެއެވެ.

ޑިޕްރެޝަން ނުވަތަ ދިވެހިން ބުނަނީނަމަ ހިތާމަ ކުރުމުގެ ބައްޔަކީ ދިވެހިންގެ މެދުގައިވެސް ވަރަށް އާންމު ނަފްސާނީ ބައްޔެކެވެ. އެހެނީ ބަލީގެ ސަބަބުން ދިރިއުޅުމަށް ގިނަ ނޭދެވޭ ބަދަލްތަކެއް އައުމަށް މެދުވެރިވެދާނެއެވެ. އަދި ބަލި މާ ބޮޑުވާ ހާލަތްތަކުގައި ކައުންސިލިންގެ އިތުރުން ބޭސް ކެއުމަށްވެސް ޑޮކްޓަރު ލަފާދިނުން އެކަށޭނައެވެ.

ޑިޕްރެސަންގެ އަލާމާތްތައް އާންމު ގޮތެއްގައި ފުރަތަމަ ފާހަގަ ކުރެވެނީ ބަލި މީހާގެ ކައިރީގައި އުޅޭ އެހެން މީހުންނަށެވެ. ވީމާ ތިމާގެ ވަށައިގެންވާ މީހުންގެ ފަރާތުން ފެންނަ ބަދަލުތަކާ މެދު ސަމާލުވެ އެމީހުންނަށް އަޅާލުމަކީ ޑިޕްރެޝަން ހުރި ނަމަވެސް އެކަން އަމިއްލަޔަށް ދެނި ނުގަނެވިފައި ހުރި މީހަކަށް ވެވިދާނެ ވަރަށް ބޮޑު އެހީއަކަށް ވެގެން ދާނެއެވެ. އެގޮތުން ރަހްމަތްތެރިންނާއި ގާތްތިމާގެ މީހުންނަށް ޑިޕްރެޝަން ހުންނަ މީހެއްގެ ފަރާތުން ފެނިދާނެ އަލާމާތްތަކަށް ބަލައިލާއިރު:

  • އާންމުކޮށް ދިރިއުޅުމުގައި ކޮށް އުޅޭ ކަންތައްތައް ނުކުރުމާއި ކުރާ ހިތް ނުވުން
  • މާޔޫސްވެ ހިތްވަރު އެލިފައި ހުރުން
  • ވާހަކަ ދެއްކުމުގަޔާއި އުޅޭ އުޅުމުގައި އާދަޔާ ހިލާފަށް މަޑުމައިތިރި ވުން
  • ވަރުބަލި ވުމާއެކު ހަކަތަ ނެތިފައި ހުންނަހެން ހީވުން
  • މާގިނައިން ކެއުން ނުވަތަ އެއާ ހިލާފަށް ކެއުމާ ދުރުވުން
  • މާގިނައިން ނިދުން ނުވަތަ ނުނިދުން
  • ކަންކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވުން

ޑިޕްރެޝަން ހުންނަ ފަރާތަކަށް އެހީތެރިވާނީ ކިހިނެތް؟

ޑިޕްރެޝަން ހުންނަ މީހަކަށް ވެވޭނެ އެންމެ ބޮޑު އެހީއަކަށް ވާނީ އެމީހަކަށް އެމީހުންނަށް ވަގުތުދީ އެމީހުންދައްކާ ވާހަކަ ރަގަޅަށް އަޑު އަހާ އެމީހަކަށް އަޅާލުމެވެ. އެހެނީ ގިނަފަހަރު މި ބަލި ހުންނަ މީހުންނަކީ އެކަނިވެރިކަން އިންތިހާއަށް އިހްސާސްކުރެވޭ ބަޔެކެވެ. ވީމާ އެފަދަ މީހުންނާއެކު ވީވަރަކުން ވަގުތު ހޭދަކޮށް، މެސެޖް ކޮށް ނުވަތަ ގުޅައިގެން ނަމަވެސް އެމީހުންގެ ހާލު ބެލުމަކީ އެމީހުންނަށް އެހީތެރިވުމުގެ ގޮތުން ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ.

އިންތިހާއަށް މާޔޫސްވުމަށް މެދުވެރި ކުރުވާ މި ނަފްސާނީ ބަލި ހުންނަ ދުވަސްވަރު ބަލި މީހާ އެކި ތަފާތު ވާހަކަތައް ދެއްކުން އެކަށޭނައެވެ. ނަމަވެސް އެމީހުން ދައްކާ ވާހަކައަށް ރައްދު ދީ، “ތިފަދަ އެއްޗިހި ބުނާކަށް ނުވާނެ” އޭ ފަދަ ޖަވާބުތައް ނުދިނުމަށް ސަމާލުވާންވާނެއެވެ. އެހެން ހެދުމުން ބަލި މީހާއަށް ކުރެވޭ އިހްސާސްތަކަކީ އޭނާއަށް ކުރެވިގެން ނުވާނޭ އިހްސާސްތަކެއް ކަމަށް ވިސްނޭނެއެވެ. އަދި ބަލި މީހާގެ އިހްސާސްތައް ދަންނަ މީހަކު ނެތް ކަމަށް ހީވެ އެކަނިވެރިކަން އިހްސާސްކުރެވި އިތުރަށް ކަންބޮޑުވުމާއި ދެރަވުމަށް މެދުވެރިވެދާނެއެވެ. އޭގެ ބަދަލުގައި އެމީހުން ދައްކާ ވާހަކަ ކަނުލައި އަޑު އަހާ ބަލި މީހާއަށް ވިސްނޭނެހެން ރަގަޅު ވަގުތެއްގައި ނަސޭހަތާއި ލަފާ ދެވިދާނެއެވެ.

ޑިޕްރެޝަން ހުންނަ މީހުންނަށް އިހްސާސްކުރެވޭ މާޔޫސްކަމާއި ގޮތް ހުސްވުންފަދަ އިހްސާސްތަކުން އަރައިގަތުމަށް ކުރެވިދާނެ އެއް ކަމަކީ ﷲގެ ރަހްމަތްތައް ގިނަގިނައިން ހިތަށް ގެނެސް އަހަރުމެންނަށް ލިބިފައިވާ ގިނަގުނަ ނިއުމަތްތަކާ މެދު ވިސްނާ ފިކުރުކުރުމެވެ. އެހެނީ ގިނަގިނައިން އަޅުކަމުގައި މަސްއޫލުވެ އުޅުމަކީ ހިތްހަމަ ޖެހުމާއި އުފާވެރިކަން ހަޔާތައް ގެނުވާނޭ ކަމެއްކަމާ މެދު ޝައްކެއް ނެތެވެ. ކަން މިހެން ހުރިނަމަވެސް އަހަރުމެން ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ކިތަންމެ އަގީދާ ވަރުގަދަ މީހަކަށްވެސް މި ބަލި މެދުވެރި ވެދާނެ ކަމެވެ. ވީމާ ޑިޕްރެޝަން ހުންނަ މީހުންނާ ދިމާލަށް ތިޔައީ އަގީދާ ބަލިކަށިވުމުން ވާ ކަމެކޭ ފަދަ ބަސްތައް ރައްދު ކުރުމުގެ ކުރިން ވިސްނާލަން ވާނެއެވެ.

ނަފްސާނީ ބަލިތަކަކީވެސް އެހެނިހެން ބަލިތަކެކޭ އެއްފަދައިން އެންމެ އެދެވޭ ފަރުވާ ހޯދަންވާނޭ ބަލިތަކެކެވެ. ނަފްސާނީ ބައްޔެއްގެ ސަބަބުން ޑޮކްޓަރެއް، ސައިކޮލޮޖިސްޓެއް ނުވަތަ ކައުންސިލަރެއްގެ ކައިރިއަށް ދިއުމަކީ އެއް ގޮތަކަށްވެސް ޖެހިލުންވާވީ ކަމެއް ނޫނެވެ. ވީމާ ތިމާގެ ގާތް މީހަކަށްވެސް ޑިޕްރެޝަންފަދަ ބައްޔެއްގެ އަލާމާތްތައް ފެންނަނަމް ލަސްނުކޮށް އެންމެ އެދެވޭ އެހީ ހޯދުމަށް ބާރު އަޅާ ސަޕޯޓް ކުރަންވާނެއެވެ.