ނައުޝާގެ ހެލްތު ކޮލަމް

ޕްރެޝަރުވެސް ވަރަށް މަތި!

ހައިޕާޓެންޝަން ނުވަތަ ދިވެހިން އާންމު ގޮތެއްގައި ކިޔާ ގޮތުގައި ނަމަ ޕްރެޝަރު މައްޗަށް ދިއުން ނުވަތަ ލޭ މައްޗަށް ދިއުމަކީ ދިވެހިންގެ މެދުގައި ވެސް އާންމު ސިއްހީ މައްސަލަ އެކެވެ. ލޭ މައްޗަށް ދިއުމަކީ ހަށިގަނޑުގެ އެކި އެކި ގުނަވަންތަކަށް ލޭ ހޮޅިތައް މެދުވެރިކޮށް ހިތުން ލޭ ފޮނުވައިދޭ ބާރު ނުވަތަ ޕްރެޝަރު ވަކި މިނަކަށްވުރެ މައްޗަށް ދިއުމެވެ. މިއީ އެތަކެއް ސިއްހީ މައްސަލަތަކާ ކުރިމަތި ކުރުވާނޭ ކަމެކެވެ.

އެހެނީ ލޭ ހޮޅިތަކުގައި ދައުރުކުރާ ލޭގެ ޕްރެޝަރު މަތި ވުމުގެ ނަތީޖާއެއްގެ ގޮތުން އެކި ގުނަވަންތަކަށް ލޭ ފޮނުވުމަށްޓަކައި ހިތް ކުރަންޖެހޭ މަސައްކަތް އެތަށް ގުނައެއް ބުރަވެ، މި ގުނަވަންތަކަށް ލޭ ފޯރު ކޮށްދޭ ލޭ ހޮޅިތައް ކަމަށްވާ އާޓަރީސްތައް ހަނިވެ ހަރުވުމުގެ ފުރުސަތު ވެސް ބޮޑެވެ.

ލޭ މައްޗަށް ދާ ދިއުން ކޮންޓްރޯލް ނުކުރެވި ގިނަ ދުވަސްތަކެއް ވާނަމަ އޭގެ ސަބަބުން ހާޓް އެޓޭކް، ސްޓްރޯކް އަދި ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުސަތުތައް ބޮޑުވެގެން ދެއެވެ. ލޭގެ ޕްރެޝަރު އާންމުކޮށް ހުންނަން ޖެހެނީ 120/80 މިލިމީޓާ މާކުރީ އަށް ވުރެން ދަށުގަ އެވެ.

ޕްރެޝަރު މައްޗަށް ދާން މެދުވެރިކުރުވާ ކަންކަން

އާންމު ގޮތެއްގައި ލޭ މައްޗަށް ދިއުމަކީ އުމުރުން ދުވަސްވުމާ ގުޅިގެން ދިމާވާ ސިއްހީ މައްސަލައެކެވެ. ދިރާސާތަކުން ދައްކާ ދޮތުގައި ފަސްދޮޅަސް އަހަރުން މަތީ އުމުރު ފުރައިގެ ދެބައިކުޅަ އެއްބައި މީހުންނަކީ ލޭގެ ޕްރެޝަރުމަތި މީހުނެވެ. އުމުރުން ދުވަސްވުމުގެ އިތުރުން ލޭގެ ޕްރެޝަރު އުމުރުގެ ކުރީކޮޅުގައި މައްޗަށް ދިއުމަށް މެދުވެރިކުރުވަފާނެ ކަންތައްތައް ބައިވަރެވެ.

އޭގެ ތެރޭގައި ގިނަ ދުވަސްވީ ކިޑްނީގެ ބައްޔެއް ހުރުން، އާއިލާގައި ލޭ މައްޗަށް ދާ އެހެން މީހުން ތިބުން ހިމެނެ އެވެ. މީގެ އިތުރުން 45 އަހަރުން މަތީގެ ފިރިހެނުންނަށް ލޭގެ ޕްރެޝަރު މައްޗަށް ދިޔުމުގެ ފުރުސަތު 45 އަހަރުން މަތީގެ އަންހެނުންނަށް ވުރެން ބޮޑުކަަމަށް ދިރާސާ ތަކުން ހާމަވެފައި ވެއެވެ. ކަންތައްތަކާމެދު މާ ބޮޑަށް އަބަދު ފިކުރު ބޮޑުވުމަކީ ވެސް ލޭ މައްޗަށް ދިއުމަށް މެދުވެރި ކުރުވާ ކަމެކެވެ. މީގެ ގިނަ ކަންތައްތަކަކީ އަހަރުމެންނަށް ބާރު ފޯރުވޭ ނުވަތަ ބަދަލު ކުރެވޭ ކަންކަމަށް ނުވި ނަމަވެސް ދިރިއުޅުމުގައި ގެންގުޅެވޭ ބައެއް ނުރަނގަޅު އާދަތަކުގެ ސަބަބުން ވެސް ލޭ މައްޗަށް ދިއުމަށް މެދުވެރި ވެއެވެ.

  • ޓައިޕް 2 ޑައެބެޓީސް ހުރުން / ކޮލެސްޓްރޯލް ހުރުން
  • ހެލިފެލިވެ ނޫޅުން / ކަސްރަތު ނުކުރުން
  • ސިއްހަތައް ނުރައްކާވާ ވަރަށް ފަލަވުން
  • ކެއުމުގައި މާ ގިނައިން ހަކުރު ކެލޮރީސް، ފެޓް އަދި ލޮނު / ސޯޑިއަމް ހިމެނުން
  • ބަނގުރާ ބުއިން

ޕްރެޝަރު މައްޗަށް ދިއުމުގެ އަލާމާތްތައް

ލޭމައްޗަށް ދިއުމުގެ އަލާމާތްތައް އާންމުކޮށް ފެންނަނީ ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް މައްޗަށް ދިއުމުންނެވެ. ވީމާ އަލާމާތްތަކަށް ބުރަވުމުގެ ބަދަލުގައި ގަވައިދުން ލޭގެ ޕްރެޝަރު ބެލުމަކީ ލޭ މައްޗަށް ދޭތޯ ދެނެގަތުމަށް އޮތް އެންމެ ރަނގަޅު ގޮތެވެ. އަދި ހަމަ އެހެންމެ އެއީ ލޭގެ ޕްރެޝަރު ސިއްހަތަށް ނުރައްކާތެރިވާ ވަރަށް މައްޗަށް ދިއުމުން ރައްކާތެރި ކޮށްދޭނޭ ކަމެއްވެސް މެއެވެ. ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް މައްޗަށް ދިއުމުން ވަކި އަލާމާތްތަކެއް ފެނުން އެކަށީގެން ވެއެވެ.

  • ވަރަށް ބޮޑަށް ބޮލުގައި ރިހުން
  • ހާސްވުން / އެންޒައިޓީ
  • ނޭވާ ކުރުވުން / ނޭވާލާން އުނދަގޫވުން
  • ނޭފަތުން ލޭ އައުން
  • މޭގައި ރިހުން

ލޭ މައްޗަށް ދިއުމަށް އޮތް ފަރުވާ

ލޭ މައްޗަށް ދިޔަ ނުދީ ކޮންޓްރޯލްކޮށް ވަކި މިނެއްގައި ލޭގެ ޕްރެޝަރު ދެމެހެއްޓުމަށް ޓަކައި ދެވޭ ގިނަ ބޭސްތަކެއް ހުރެ އެވެ. ޑޮކްޓަރު ދޭ ބޭހާއި ޑޯޒް ކަނޑައަޅާނީ އެމީހެއްގެ އުމުރަށާއި އެތަކެއް ޓެސްޓްތަކެއް ހެދުމަށްފަހު އެމީހެއްގެ ސިއްހީ ހާލަތާއި ލޭގެ ޕްރެޝަރު މައްޗަށް ގޮސްފައިވާ މިނަށް ބަލާފަ އެވެ. ބޭސް ނަގަން ޖެހޭ ގަޑިތަކާއި ހާލަތްތައް ރަނގަޅަށް އޮޅުން ފިލުވާ އަދި ބޭސް ނެގުމުގައި ފަރުވާ ބަހައްޓަންޖެހޭ ކަމެއް ހުރިތޯ ޑޮކްޓަރު ގާތު އަހާ އޮޅުން ފިލުވުމަކީ ބުއްދިވެރި ކަމެކެވެ. ނަމަވެސް ދެނެގަންނަންވި މުހިންމު އެއް ކަމަކީ ބޭހުން ދެވޭ ފަރުވާއަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލު ކުރުމަށް ދެވޭ ފަރުވާގެ ދެބައިކުޅަ އެއްބައި ކަމެވެ. ފަރުވާގެ ބޮޑު ހިއްސާއެއް އަދާ ކުރަނީ ދިރިއުޅުމުގައި ގެންގުޅޭ އެކި އެކި އާދަތަކެވެ. އެގޮތުން ލޭގެ ޕްރެޝަރު ކޮންޓްރޯލު ކުރުމަށްޓަކައި ކެއުމަށް އެދެވޭ ބަދަލު ތަކެއް ގެނައުން މުހިންމެވެ.

  • ކެއުމުގައި ގިނަ އަދަދެއްގެ ތަރުކާރީއާއި މޭވާ ހިމެނުން
  • ހޯލް ގްރެއިންސް ކެއުމުގައި ހިމެނުން
  • ކެއުމުގަ އާއި ބުއިމުގައި ލޯ-ފެޓް ޑައިރީ ޕްރޮޑަކްޓްތައް ބޭނުން ކުރުން
  • ތައްޔާރީ ކާނާ މަދުކުރުން / ނުކެއުން
  • ކޮންމެ ދުވަހަކު ކެއުމުގައި ބޭނުންކުރާ ސޯޑިއަމްގެ މިންވަރު މަދުކުރުން

ކެއުމުގެ އިތުރުންވެސް ދިރިއުޅުމުގައި އެތަކެއް ބަދަލުތަކެއް ލޭ ގެ ޕްރެޝަރު ކޮންޓްރޯލު ކުރުމަށްޓަކައި ގެނެވިދާނެ އެވެ. އެގޮތުން ޑޮކްޓަރުގެ ލަފަޔަށް ފަހު އެންމެ އެދެވޭ ބަރުދަނަކީ ކޮބައިތޯ ބަލާ ބަރުދަން އެދެވޭ މިނެއްގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. އަދި ގަވައިދުން ދުވާލަކު އެންމެ މަދުވެގެން ތިރީސް މިނެޓްގެ ކަސްރަތު ކުރުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. ހާއްސަކޮށް އެރޮބިކް ކަސްރަތެއް ކުރުން ބުއްދިވެރި އެވެ. މިސާލަކަށް ފެތުން، ހިނގުން ނުވަތަ ދުވުން އޭގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުންވެސް ހަފުތާއަކު އެންމެ މަދުވެގެން ތިން ދުވަހު މަސްތައް ވަރުގަދަ ކުރުމަށް ބަރު އުފުލުން ފަދަ ކަސްރަތުތައް ޑޮކްޓަރުގެ ލަފަޔާއި ސިއްހީ ހާލަތު ތަންދޭ ގޮތުން ކުރުމަކީ ވެސް ފުރިހަމަ ސިއްހަތެއްގައި ހުރުމަށް އެހީތެރި ވެދޭނޭ ކަމެކެވެ. އަދި ޓޮބޭކޯ އަދި ނިކޮޓިން ހިމެނޭ އެއްވެސް އެއްޗެއް، ސިނގިރޭޓް އަދި އީ-ސިގަރޭޓް ފަދަ ތަކެތި ބޭނުން ނުކުރުން ވަރަށް މުހިންމު ވާނެ އެވެ.

އަބަދުވެސް ގޭގައި ލޭގެ ޕްރެޝަރު ބެލުމާއި ގަވައިދުން ބޭސް ކައި އަދި ޑޮކްޓަރަށް ދެއްކުމަކީ ލޭ މައްޗަށް ދާ ކޮންމެ މީހަކުވެސް ވަރަށް ފަރުވާ ތެރި ކަމާއެކު ކުރަންވާނެ ކަންކަމެވެ. ލޭގެ ޕްރެޝަރު މައްޗަށް ގޮސް ކޮންޓްރޯލް ނުކުރެވިއްޖެނަމަ ނުރައްކާތެރި އެތަކެއް މައްސަލަތަކާ ކުރިމަތިވުމަކީ ދުރުކަމެއް ނޫނެވެ.