ވަރުބަލިވުމާއި ކަންކަން ކުރާ ހިތް ނުވުން އަދި ވަރު ދެރަވުން ފަދަ ކަންކަމަކީ ގިނަ ބަޔަކަށް މިއަދު ތަހައްމަލު ކުރާ ކަންކަމޭ ބުނުން ދޮގަކަށް ނުވާނެ އެވެ. މިކަންކަން ދިމާ ވުމަށް މެދުވެރި ކުރުވައިފާނެ ސަބަބުތައް ވެސް ބައިވަރެވެ. އާންމުކޮށް މިފަދަ އަލާމާތްތަކަކީ ނަފްސާނީ ބަލިތައް ކަމަށްވާ ސްޓްރެސް، ޑިޕްރެޝަން ފަދަ ބަލިތަކުގެ އަލާމާތްތަކެއްގެ ގޮތުގައި ބެލެވިފައިވާ ކަންކަން ނަމަވެސް ހަގީގަތުގައި މި އުނދަގޫތަކަކީ ހަށިގަނޑުގައި ވަކި ވިޓަމިނެއް މަދުވުމުގެ ނަތީޖާއެއްގެ ގޮތުން މެދުވެރިވާ ކަންތައްތަކަކަށް ވެސް ވެދާނެ އެވެ. އެފަދަ އެއް ވިޓަމިންއެއްގެ ބޭނުމާއި މި ވިޓަމިން ހަށިގަނޑުގައި މަދުވުމުން މެދުވެރި ވެދާނެ އަލާމާތްތަކަށް ބަލައިލާނަމެވެ.
ވިޓަމިން ބީ12 އަކީ ހަށިގަނޑުގެ ގިނަ މަސައްކަތްތަކަށް ކޮންމެހެން ބޭނުންވާ މުހިންމު މާއްދާ އެކެވެ. އޭގެތެރޭގައި އިންސާނާގެ ޑީއެންއޭ އުފެދުމުގަ އާއި ލޭގެ ސެލްތައް އުފެދުމުގައި ވިޓަމިން ބީ12 އަދާ ކުރާ ރޯލު ފާހަގަ ކުރެވެ އެވެ.
ވިޓަމިން ބީ12 އުފެއްދުމުގެ ކުޅަދާނަކަން އިންސާނާގެ ހަށިގަނޑަށް ލިބިފައި ނުވާތީ މި މާއްދާ ހަށިގަނޑަށް ބޭނުންވާ ވަރަށް ކާނާއިން ލިބުން މުހިންމު ވާނެ އެވެ.
ވިޓަމިން ބީ12 ބޭނުން ވަނީ ކިހާ ވަރަކަށް؟
ހަށިގަނޑަށް ވިޓަމިން ބީ12 ބޭނުންވާ މިންވަރު ބިނާ ވަނީ މީހާގެ އުމުރާއި، އާންމުކޮށް ކައި އުޅޭ ތަކެއްޗާއި އެއްވެސް ދާއިމީ ބައްޔެއް ހުރުމާއި ނުވަތަ އެފަދަ ބައްޔަކަށް ބޭހެއް ބެނުން ކުރުން ފަދަ ކަންކަމުގެ މައްޗަށެވެ. އެގޮތުން އެވްރެޖް ގޮތެއްގައި ދުވާލެއްގެ މައްޗަށް ވިޓަމިން ބީ12 ބޭނުންވާނެ މިންވަރެއް ވެއެވެ.
- ހަ އަހަރުން ދަށުގެ ކުދިން - 0.4 މައިކްރޯ ގްރާމް
- ހަތް މަހާއި 12 މަހުގެ ކުދިން - 0.5 މައިކްރޯ ގްރާމް
- އެއް އަހަރާޢި ތިން އަހަރާ ދެމެދުގެ ކުދިން - 0.9 މައިކްރޯ ގްރާމް
- ހަތަރު އަހަރާއި އަށް އަހަރާ ދެމެދުގެ ކުދިން - 1.2 މައިކްރޯ ގްރާމް
- ނުވަ އަހަރާއި 13 އަހަރާ ދެމެދުގެ ކުދިން - 1.8 މައިކްރޯ ގްރާމް
- 14 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން - 2.4 މައިކްރޯ ގްރާމް
- 18 އަހަރުން މަތީގެ މީހުން - 2.4 މައިކްރޯ ގްރާމް
މާބަނޑު އަންހެނުންނާއި ގާތުން ކިރުދޭ މައިންނަށް ދުވާލެއްގެ މައްޗަށް ބޭނުންވާ ވިޓަމިން ބީ12 އިގެ އަދަދު މަތީގައި ބަޔާންވެފައިވާ ވަރަށް ވުރެން އިތުރުވުން އެކަށޭނަ އެވެ.
ވިޓަމިން ބީ12 އެކުލެވޭ ކާނާ
ވިޓަމިން ބީ12 އެކުލެވޭ ކާނާތަކަށް ބަލައިލާއިރު މިލްކާއި ޗީސް، ޔޯގަޓް ފަދަ ޑެއިރީ ޕްރޮޑަކްޓްސް ނުވަތަ ކިރު އެކުލެވޭ ކާނާގެ ބާވަތްތައް އަދި ބިހާއި ކަނޑު މަސް، ކުކުޅު އަދި ގެރި މަސް ފަދަ ބާވަތްތައް އޭގެ ތެރޭގައި ހިމެނެ އެވެ. މީގެ އިތުރުން ވެސް ވަރަށް ގިނަ ކާ ތަކެތީގައި ވިޓަމިން ބީ12 އެކެލެވިފައި ވެއެވެ. ވިޓަމިންގެ ބާވަތްތައް ގިނައިން އެކުލެވޭ ކެއުންތައް ގަންނަން ބޭނުންނަމަ ކާ ތަކެތި ގަތުމުގެ ކުރިން ފުޑް ލޭބަލް ބަލައިލުން ބުއްދިވެރި ވާނެ އެވެ. އެހެނީ ކާތަކެތި ގަތުމުގެ ކުރިން ނިއުޓްރިޝަން ފެކްޓްސް ލޭބަލް އާދަކޮށް ބަލާލުމަކީ ސިއްހަތައް ފައިދާ ހުރި ކާނާ އިހުތިޔާރު ކުރުމުގައި އެހީތެރިވެދޭނެ ކަމެކެވެ.
ވިޓަމިން ބީ12 ހަށިގަނޑުގައި މަދުވުން
އުމުރުން ދުވަސްވާ ވަރަކަށް އަހަރުމެން ކާ ކެއުމުގައި ހިމެނޭ ވިޓަމިން ބީ12 ހަށިގަނޑަށް ނަގައިގަންނަ މިންވަރު މަދު ވެދާނެ އެވެ. މީގެ އިތުރުން ވެސް ހަށިގަނޑުން ވިޓަމިން ބީ12 މަދުވުމަށް މެދުވެރި ކުރުވައިފާނެ ބައެއް ހާލަތްތަކަށް ބަލައިލާއިރު ބަނޑުގެ އެތެރެ ފަށަލަ ތުނި ވުމަށް މެދުވެރި ކުރުވާ އެޓްރޮފިކް ގޭސްޓްރައިޓިސް ހުރުން އަދި އެހެނިހެން ގޮހޮރުގެ އަދި ބަނޑުގެ ބަލިތައް ހިމެނެ އެވެ. އަދި ހަމައެއާއެކު ބައެއް ބޭސްތަކުގެ ސަބަބުން ވެސް ވިޓަމިން ބީ12 ހަށިގަނޑުގައި މަދު ވުމުގެ ފުރުސަތުތައް ބޮޑުވެގެން ދާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. -- މިސާލަކަށް ގޭސްޓްރިކް ހުންނަ މީހުން ބޭނުން ކުރާ ބައެއް ބޭސްތައް --
ހަމައެކަނި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ބޭނުންކުރާ ފަރާތްތައް، އެހެނީ ވެޖިޓޭރިއަން ނުވަތަ ޕްލާންޓް ބޭސްޑް ކެއުންތައް ކާ ފަރާތްތަކަކީ ހާއްސަކޮށް ވިޓަމިން ބީ12 މަދުވުމުގެ ފުރުސަތު ބޮޑު ބައެކެވެ.
ވިޓަމިން ބީ12 މަދުވުމުގެ އަލާމާތްތައް
ވިޓަމިން ބީ12 އަކީ ލޭގައި ހިމެނޭ ރެޑް ބްލަޑް ސެލްތައް އުފެދުމުގައި މުހިންމު ދައުރެއް އަދާ ކުރާ މާއްދާއަކަށް ވުމުން ވިޓަމިން ބީ12 ބޭނުންވާ ވަރަށް ހަށިގަނޑަށް ނުލިބުމުގެ ސަބަބުން ދިމާވާ ގިނަ ގެއްލުންތައް ގުޅިފައިވަނީ މިކަމުގެ މައްޗަށެވެ. ވިޓަމިން ބީ12 މަދުވުމުގެ ބައެއް އަލާމާތްތައް ހުރެ އެވެ.
- ވަރުބަލިވުން، ބޯއެބުރުން، ވަރުނެތުން
- ހިތް މާ ބާރަށް ތެޅޭހެން އިހްސާސް ކުރެވުން
- ނޭވާލާން އުނދަގޫވުން / ނޭވާ ހާސްވުން
- އަނގަ ގިނަ ގިނައިން ފާރުވުން
- ބޭރަށް ހިންގުން ނުވަތަ ބަނޑު ހިކުން އަދި ބަޑުހައި ނުވުން
- އައްސިވުން އަދި ހަރަކާތްތައް ކުރުމުގައި ވަރު ނެތޭހެން ހީވުން ފަދަ ނާރުގެ މައްސަލަތައް ދިމާވުން
- ލޮލުގެ ފެނުމަށް އުނދަގޫވުން
- ޑިޕްރެޝަން، ހަނދާން ނެތުން އަދި އުޅުމަށް ބަދަލު އައުން ފަދަ ނަފްސާނީ މައްސަލަތައް ދިމާވުން
ވިޓަމިން ބީ12 ހަށިގަނޑުގައި މަދު ވުމުގެ ސަބަބުން މެދުވެރިވާ އުނދަގޫތަކުން ރައްކާތެރިވުމަށް ކެއުމުގައި ވިޓަމިން ބީ12 ހިމެނޭ ކެއުންތައް ހިމަނަންވާނެ އެވެ. އަދި ވެޖިޓޭރިއަންއެއް ނުވަތަ ޕްލާންޓް ބޭސްޑް ކެއުމެއް ކާ ފަރާތެއްނަމަ ޑޮކްޓަރެއްގެ ނުވަތަ ޑައެޓީޝަންއެއްގެ ލަފަޔާއެކު ވިޓަމިން ބީ12 ސަޕްލިމެންޓްސް ނުވަތަ މަލްޓިވިޓަމިން ސަޕްލިމެންޓްސް ބޭނުން ކުރެވިދާނެ އެވެ. ހަމަ އެއާއެކު މާބަނޑު ދުވަސްވަރު އަދި ތުއްތު ދަރިފުޅަށް ގާތުން ކިރުދޭ ދުވަސްވަރަކީވެސް ވިޓަމިން ބީ12 ވަރަށް މުހިންމު ވާނެ ދުވަސްވަރެކެވެ. އެހެނީ ކުއްޖާގެ ހެދި ބޮޑުވުމުގައި ވިޓަމިން ބީ12 ވަރަށް މުހިންމު ދައުރެއް އަދާ ކުރެއެވެ.
އެހެނިހެން ވިޓަމިންތަކާ އެއްގޮތަށް ވިޓަމިން ބީ12އަކީވެސް ހަށިގަނޑުގެ މަސައްކަތްތަކަށް ނުހަނު މުހިންމު މާއްދާއެކެވެ. ނަމަވެސް ގިނަ ފަހަރު ފެންނަނީ މި ވިޓަމިންތައް ލިބެންވާ މިންވަރަށް ހަށިގަނޑަށް ނުލިބުމުގެ ސަބަބުން ދިމާވާ އަލާމާތްތައް ނޭންގުމުގެ ނަތީޖާއެއްގެ ގޮތުން މި ކަންކަމާ މެދެ ދޭންޖެހޭ ސަމާލުކަން ނުދެވޭތަނެވެ. ވީމާ ކެއުމަށާއި ދިރިއުޅުމަށް ގެނެވޭ ކުޑަ ކުޑަ ބަދަލުތަކުގެ އެހީގައި ރައްކާތެރި ވެވޭނެ ސިއްހީ މައްސަލަތަކުން ރައްކާތެރި ވުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކާ އަހަރުމެން ކޮންމެހެންވެސް ކުރަންވާނޭ ކަމެކެވެ.