ބޮލުގައި ހަންފޮޅުމަކީ ވަރަށް ގިނަ މީހުނަށް ދިމާވަ މައްސަލައެކެވެ. މިއީ ސީރިއަސް ސިއްހީ މައްސަލައެއް ނޫން ކަމުގައި ވީނަމަވެސް މިއީ އެކަން މެދުވެރިވާ މީހުންނަށް ގިނަ އުނދަގޫތަކެއް ކުރުވާ ކަމެކެވެ.
ހަންފޮޅުމުގެ އަލާމާތްތައް
އާންމުކޮށް ބޮލުން ހަންފޮޅޭ މީހުން ނުވަތަ ބޮލުގައި ޑޭންޑްރަފް ހުންނަ މީހުންގެ ފަރާތުން ފެންނަ އަލާމާތްތަކަށް ބަލައިލާއިރު ބޮލުގެ އިތުރުން ބުމަ އާއި ތުނބުޅި އަދި މަތިމަސް ހުންނަ ސަރަހައްދުތަކުން ވެސް ހަން ފޮޅޭކަން ފާހަގަ ކުރެވިދާނެ އެވެ. އަދި ހަންފޮޅުމާއެކު ހިރުވުން ވެސް އެކަށީގެން ވެއެވެ. ކަންކަމާމެދު ހާސްވެ ކަންބޮޑުވުން އިތުރުވާ ދުވަސް ދުވަހު މި އަލާމާތްތައް އިތުރަށް ގޯސް ވުމަކީ ވެސް ބައެއް މީހުންނަށް މެދުވެރިވާ ކަމެކެވެ.
ބޮލުން ހަންފޮޅެން މެދުވެރިވާ ސަބަބު
ބޮލުން ހަންފޮޅެން މެދުވެރިވާ އާންމު ސަބަބުތަކަށް ބަލައިލާއިރު، ހަންގަނޑު މާ ބޮޑަށް ހިކުމާއި ތެޔޮކަން އިތުރުވުން ވެސް ހިމެނެ އެވެ. އަދި ރަނގަޅަށް ޝޭމްޕޫ ލައިގެން ބޯ ނުދޮވެވުން ވެސް އެއީ ބޮލުން ހަންފޮޅެން މެދުވެރިވެދާނެ ކަމެކެވެ.
ބައެއް ފަހަރު ބޮލުގައި ލާން ބޭނުން ކުރާ ތެލާއި ޝޭމްޕޫ ފަދަ ހެއާ ޕްރޮޑަކްޓްސް އެ މީހެއްގެ ހަމާ ނުގުޅުމުގެ ސަބަބުން ވެސް ހަންފޮޅެން މެދުވެރިޗވެއެވެ. އެހެން ދިމާވުމަށް ކިޔަނީ ކޮންޓެކްޓް ޑާމަޓައިޓިސް އެވެ. މީގެ އިތުރުން ވެސް ބޮލުގެ ހަނގަޑުގައި ހުންނަ ތެޔޮ ކަމުގެ ސަބަބުން ވެސް ބޮލުގެ ހަމުގައި ފަންގަސް އިންފެކްޝަނެއް ހެދި އޭގެ ސަބަބުން ޑޭންޑްރަފް ހެދެން މެދުވެރި ވެދާނެ އެވެ.
ބޮލުން ހަންފޮޅުމަކީ އާންމު ގޮތެއްގައި ސީރިއަސް މައްސަލައެއް ނޫން ނަމަވެސް މިއީ އެހެން ބައްޔެއްގެ ސަބަބުން މެދުވެރިވާ ކަމެއް ކަމުގައި ވެސް ވެދާނެ އެވެ. އެގޮތުން އެކްޒީމާ އަދި ސޮރިއޮސިސް ފަދަ ހަމުގެ ބަލިތައް ހުންނަ ފަރާތްތަކުގެ ބޮލުން ހަންފޮޅުމަކީ އާންމު ކަމެކެވެ. މިފަދަ ހާލަތްތަކުގައި މި ބަލިތަކަށް އެދެވޭ ފަރުވާ ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
ހަންފޮޅުމަށް ދޭނެ ފަރުވާ
ބޮލުން ހަންފޮޅުމާއި ހިރުވުމަކީ ހަގީގަތުގައި ރަނގަޅު ފަރުވާއާއެކު ކޮންޓްރޯލް ކުރެވިދާނެ ކަމެކެވެ. އެގޮތުން ހަންގަނޑާ ގުޅޭ، ބާރުގަދަ ކެމިކަލްތައް ނުހިމެނޭ ޝޭމްޕޫއެއް ބޭނުން ކޮށްގެން ބޮލުގެ ހަންގަނޑުގައި ހުންނަ ތެޔޮކަމާއި ފޮޅިފައި ހުންނަ ހަންތައް ސާފުވާނެހެން ރަނގަޅަށް ދޮންނަން ވާނެ އެވެ. މިގޮތަށް ގަވައިދުން ސާފު ކުރުމަށްފަހު ވެސް ބޮލުގައި ހަންފޮޅުން މަދު ނުވާނަމަ ޑޮކްޓަރެއްގެ ލަފަޔާއެކު މިކަމަށް ހާއްސަ ޝެމްޕޫއެއް ބޭނުން ކުރުން ބުއްދިވެރިވާނެ އެވެ.
ބޮލުން ހަންފޮޅޭ މީހެއް ނަމަ ފިހާރަތަކުން ނުވަތަ ފާމަސީއިން ޝޭމްޕޫ ގަންނައިރު މި މާއްދާތައް ހިމެނޭ ޝޭމްޕޫތައް ގަތުމައް ސަމާލުކަން ދެވިދާނެ އެވެ.
- ޒިންކް ޕައިރިތަޔޯން
- ސެލިސިލިކް އެސިޑް
- ސެލޭނިއަމް ސަލްފައިޑް
- ކީޓޯކޮނަޒޯލް
- ކޯލް ޓާ
މަހެއް ހާ ދުވަހުގެ މުއްދަތަށް ޝޭމްޕޫއެއް ބޭނުން ކުރުމަށް ފަހު ބަދަލެއް ނާންނަނަމަ އަނެއްކާވެސް އެހެން ވައްތަރެއްގެ ޝޭމްޕޫއަކަށް ބަދަލު ކުރެވިދާނެ އެވެ. ތިމާގެ ބޮލުގެ ހަމާ އެންމެ ގުޅޭ ޝޭމްޕޫއެއް ހޯދުމަށް ދެތިން ވައްތަރުގެ ޝޭމްޕޫ ބޭނުންކުރަން ވެސް ޖެހިދާނެ އެވެ. އަދި ޝޭމްޕޫގެ ބޭރުގައި ޖަހާފައި ހުންނަ ޝޭމްޕޫ ބޭނުން ކުރަން ޖެހޭ ގޮތް ކިޔާލުމަކީ ވެސް މުހިންމު ކަމެކެވެ.
ބޮލުން ހަންފޮޅުމަކީ ސްޓްރެސް ބޮޑުވުމުގެ ސަބަބުން ވެސް ވެދާނެ ކަމެކެވެ. ވީމާ އެހެން ގިނަ ސިއްހީ މައްސަލަތަކެކޭ އެއްގޮތައް ކަންކަމާ މެދު މާ ބޮޑަށް ފިކުރުކޮށް ހާސްވުމުގެ ބަދަލުގައި ސްޓްރެސް މެނޭޖް ކުރުމަކީ ވަރަށް މުހިންމު ކަމަކަށް ވާނެ އެވެ. ހަމައެއާއެކު، ސިއްހަތަށް ފައިދާހުރި ކެއުންތައް ކެއުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ހަމަ އެއާއެކު މާ ގިަނއިން ބޮލުގައި ކްރީމްތައް ފަދަ އެކި ހެއާ ޕްރޮޑަކްޓްތައް ބޭނުން ކުރުމަކީ ވެސް ބޮލުގެ ހަންގަނޑު ތެޔޮވެ ހަންފޮޅުމަށް މެދުވެރި ކުރުވާނެ ކަމެކެވެ.