ނިދޭތޯ އުޅެ އުޅެ އެކަމެއް ނުވިއެވެ. ދެން ނެގީ ފޯނެވެ. ފޭސްބުކަށް ވަދެ ރަހްމަތްތެރިންނާއި އާއިލާގެ މެންބަރުން ޝެއާ ކޮށްފައިހުރި ވީޑިއޯތަކާއި ލިޔުންތައް ބަލަމުން ގެންދަނިކޮށް ސަމާލުކަން ދެވުނީ ކޮވިޑް-19 އިގެ ނުރައްކާ އެންމެ ބޮޑަށް ފެތުރިފައިވާ އެއް ގައުމު ކަމަށްވާ އިޓަލީގެ މަގެއްގެ މަތީގައި ވައިރަހުގެ ސަބަބުން މަރުވެފައިވާ އެތައް ސަތޭކަ ބަޔަކު ވެހިކަލެއްގައި ގެންދާ މަންޒަރު ފެންނަ ވީޑީއޯއެކެވެ. އެ ވިޑީއޯ ފެނުނު މީހަކަށް ވިއްޔާ އަސަރު ކުރާނެ އެވެ.
އެފަދަ އެތައް ވީޑިއޯއެއް ފެނުނެވެ. ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރުންނާއި ނަރުހުން ވަގުތު ފާއިތު ވުމުގެ ކުރިން ބަލިން ސަލާމަތްވުމަށްޓަކައި ގޭގައި މަޑު ކުރުމަށް އެދޭ ވީޑީއޯތަކެވެ. ވީޑިއޯތައް ފެނުމުން ހިތަށް ހާސްކަމާއި ނުތަވަސްކަން ވެރިވެ އެވެ.
ހިޔާލުތަކުގައި ސިއްސައިގެން ދިޔައީ ފޯނު އެލާމްވެގެނެވެ. ފަތިހު 4:45 ވީއެވެ. ނުނިދިގެން އުޅެނިކޮށް ފަތިސް ނަމާދަށް ވެސް ގޮވީ އެވެ. މިއީ މިހާރުގެ ހާލަތެވެ. ދެންް ނިދޭ އިރު ހުންނަނީ އިރު އަރާފަ އެވެ.
އޮފީހަށް ދާން ނުޖެހުނު ނަމަވެސް ގޭގައި ހުރެގެން މަސައްކަތް ކުރަން ޖެހޭތީ މާ ލަސް ވަންދެން ނުނިދާ، ހޭލައި ލެޕްޓޮޕް ދޮށުގައި އެކި ކަންކަން ކުރުމުގައި ވަގުތު ހޭދަ ކުރެވެއެވެ. އެނެއްކޮޅުން މިހާރު ސްކޫލަށް ދާން ނުޖެހުނު ކަމުގައި ވިޔަސް ހަ އަހަރުގެ ދަރިފުޅު، ހެދުނު ހެނދުނާ ހޭލައިގެން ގޮވަ އެވެ. ވީމާ ހެނދުނުގެ ވަގުތު ކިތަންމެ ނިދި އަޔަސް ދެތިން ގަޑިއިރަށް ވުރެން އިތުރަކަށް ނުނިދެ އެވެ.
ގޭގައި ހުރެގެން މަސައްކަތްތައް ކުރި ނަމަވެސް އޮފީހުގައި އޮންނަ އާދަ ހަމަ އެގޮތުގައި ގޭގައި ވެސް އޮވެއެވެ. އެއީ އޮފީހަށް ފުރަތަމަ ގޮސް ފުރަތަމަ ދަންފަޅީގައި ގަޑިއެއްހާ އިރަށް ދުވަހުގެ ހަބަރުތައް ކިޔުމެވެ. ގޭގައި އެ ވަގުތު އޮފީހުގައި ހޭދަ ކުރާ ބައި ގަޑި އިރަށް ވުރެން މާ ގިނަ އިރަށް ދެމިގެން ދެއެވެ.
ލޮލަށް ނުފެންނަ ކުޑަ ކުޑަ ވައިރަހުގެ ސަބަބުން މުޅި ދުނިޔެ މިއޮތީ ހުއްޓުމަކަށް އައިސްފަ އެވެ. ކޮވިޑްއާ ގުޅޭ އެކި އެކި ހަބަރުތައް ކިޔައި ބަލަން ފެށުމުން އެއަށް ނިމުމެއް ނޯވެ އެވެ. އެހެން އިންނައިރު އޮފީހުގެ މަސައްކަތްތައް ފަށަން މަޖުބޫރު ވަނީ އާންމުކޮށް ބޮސް ނުވަތަ އެނޫން ވެސް އޮފީހުގައި އުޅޭ ފަރާތަކުން އަންނަ މެއިލްއެއްގެ ސަބަބުން ނުވަތަ ފޮނުވާލާ މެސެޖެއްގެ ސަބަބުންނެވެ.
ގޭގައި ހުރެ މަސައްކަތް ކުރުން އޮފީހަށްވުރެ މާ ބުރައޭ ވެސް ބައެއް ފަހަރު ހިތަށް އަރައެވެ. އެހެން ވަނީ ގޭގައި ހުރެ މަސައްކަތް ކުރާ އިރު ދުވަހަކު ވެސް މަސައްކަތްތައް ނިމޭ ކަމަށް ނުވާތީ އެވެ. އޮފީހަށް ދާ ނަމަ އެ ދުވަހަކަށް ކޮންމެހެން ނިންމަންޖެހޭ މަސައްކަތްތައް ދޭއް ޖަހާއިރު ނިމެ އެވެ.
މިހާރު ގޭގައި ހުރެ މަސައްކަތް ކުރާއިރު ހީވަނީ މުޅި ހަތަރުދަމު ހޭދަ ވަނީ އޮފީހުން ހަވާލުކޮށްފައި ހުންނަ ނިންމަން ޖެހޭ މަސައްކަތްތައް ނިންމުމުގައި އުޅެވޭ ހެނެވެ. ސްކޫލަށް ދާން ނުޖެހޭތީ ކުދިން ވެސް ގޭ ތެރޭގައި ފޫހިވެގެން އެނބުރެނީ އެވެ. ކުދިންނަށް ދޭންޖެހޭ ސަމާލުކަން ދެމުން ގޭގައިހުރެ އޮފީހުގެ މަސައްކަތްތައް ކުރުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ.
ހަގީގަތަކީ މިދުވަސްވަރު އެއްވެސް ކަމެއް ކުރާ ހިތް ނުވުމެވެ. އޮފީސް މަސައްކަތްތަކަށް ވެސް ދޭންވާ ފުރިހަމަ ސަމާލުކަމެއް ނުދެވެ އެވެ. އަބަދު ހުންނަނީ ވަރުބަލިކަމެއް އިހްސާސް ކުރެވިފައޭ ބުންޔަކަސް ދޮގަކަށް ނުވާނެ އެވެ. އުނދަގޫ ކުރުވާ، ކިޔައިދޭން ނޭނގޭ އިހްސާސްތަކެއް ވެރިވެފައި ވެއެވެ. މި އިހްސާސްތަކާއެކު ވެސް މަސްސޫލިޔައްތަކުން ރެކެވެން ނެތްކަން އެނގޭތީ ނިންމަން ހުރި މަސައްކަތްތަކެއް ނިންމުމަށް ހިތްވަރު ކުރަނީ އެވެ.
ހޭލެވުނީ ދަރިފުޅު އަތުން އެއްޗެއް ވެއްޓުނު އަޑަށެވެ. ދެން ގަޑި ބަލައިލި އިރު، އިރުއޮއްސި ބޮޑު ވެއްޖެ އެވެ. ހާސްވީ މިއަދު ހައެއް ޖެހުމުގެ ކުރިން ޗެކް ކޮށްފައި ފޮނުވަން ޖެހޭ ޑޮކިއުމަންޓްތައް ނުފޮނުވޭކަން ހަދާން ވެގެނެވެ. ސޯފާގައި ނިދުނީ އެ މަސައްކަތް ކުރަން އިންދަ އެވެ. މާޔޫސްވެ ނަފުސްދެކެ ރުޅި އާދެވުނީ ފަރުވާކުޑަކަމާމެދު ހިތްހަމަ ނުޖެހިގެނެވެ. ފޯން ރިންގުވާން ފެށުމުން އެއީ އޮފީހުން ކަމަށް ލަފާކޮށް ފޯނު ނުނަގާ އަވަހަށް ގޮސް މަޣުރިބު ނަމާދުކޮށްލީ މާޔޫސްކަމާއި ހާސްކަމުން ސަލާމަތްވުމަށް އެދެމުންނެވެ.
ފަހުން ފޯނު ބަލައިލިއިރު ގުޅީ ކުރީގެ ރަހްމަތްތެރިއެއްކަން އެނގުނެވެ. ހަމަ ހާލު ބަލައިލަން ގުޅާލީ ކަމަށްބުނެ އެ ރަހްމަތްތެރިޔާ މެސެޖްކޮށްފައި ވެސް އިނެވެ.
ރަހްމަތްތެރިޔާއަކީ އިންޑިޔާގައި އޭނާގެ އާއިލާއާއެކު އުޅޭ ދިވެއްސެކެވެ. ވީމާ މި ދުވަސްވަރު އެ އާއިލާގެ ހާލާ މެދު ގިނަ ސުވާލު ތަކެއްކޮށް އިންޑިޔާގައި އެ އާއިލާ ވަޒަންވެރިވެފައިވާ ސަރަހައްދުގައި ބަލީގެ ސަބަބުން އެއްވެސް ދައްޗެއް ވޭތޯ ގިނަ ސުވާލުތަކެއް ކުރީމެ ސުވާލުތަކަށް ހުއްޓުމެއް އައީ ރަހްމަތްތެރިޔާ ބުނެލި މި ޖުމްލައިންނެވެ.
"ފުންކޮށް ނޭވާއެއް ލާބަލަ؟"
މިހެން ބުނުމުން ހުއްޓުން އެރިއެވެ. އަދި މާ އަވަސްއަވަހަށް ވާހަަކަ ދައްކަމުން ދިޔަކަން ރޭކާލި އެވެ. މި ވާހަކަ ދެއްކެނީ ސައިކޮލޮޖީ ކިޔަވާ ކުއްޖަކާކަން ހަނދާން ނެތުނީ އެވެ.
އަޑުގައި ހުރި ކަންބޮޑުވުންތައް ދެނެގަންނަން ސައިކޮލޮޖީ ކިޔަވަން ނުޖެހޭނެ އެވެ. ވާހަކަ ދައްކައިފި ކޮންމެ މީހަކަށްވެސް މީހަކު ނުހަނު ހާސްވެ ކަންބޮޑުވެފައިކަން ސާފުކޮށް ދެނެގަނެވޭނެ އެވެ.
މީހަކު ހާލު އުހުމުން މާ ބޮޑު ފިކުރެެއްނެތި އެންމެ ފަސޭހައިން ދެވެން އޮންނަ ޖަވާބަކަށް "ހާލު ރަނގަޅު" ކަމަށް ވެފައިވި ނަމަވެސް ހަގީގަތުގައި އިންސާނުންނަކީ އެކި ކަންކަމާ މެދު ވިސްނާ ފިކުރުކޮށް ފަސޭހައިން ކަންބޮޑުވާ ބައެއް ކަމަށް ރަހްމަތްތެރިޔާ ބުނެދިނެވެ. އެ ވާހަކަތައް އިވުމުން ފުން ނޭވާއެއް ލާފައި އޭނާއަށް މިދުވަސްވަރު އިހްސާސް ކުރެވޭ ނުތަނަވަސްކަމާއި ބިރުވެރި ކަމުގެ ވާހަކަތައް ކިޔައި ދެވުނެވެ.
އަޑު އަހުމަށްފަހު ރަހްމަތްތެރިޔާ ފުރަތަމަވެސް ބުނެދިނީ ވަރަށް ބޮޑު ހަގީގަތެއްކަން ވިސްނުނެވެ. އެއީ މިފަދަ ހާލަތެއްގައި ހާސްވެ ކަންބޮޑު ވުމަކީ އެންމެންނަށް ވެސް މެދުވެރިވާނެ ކަމެވެ. ވިޔަފާރިންނަށް މިއީ ނުހަނު ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ ވަގުތެކެވެ. އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިވަނީ ގޭގައި ތިބެގެން މަސައްކަތްކުރަން ޖެހިފައެވެ. ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާތައް މިވަނީ ގެއްލިފައެވެ. ސުކޫލްތައް ބަންދުވެ ކުދިން މިވަނީ ގޭތަކުގައި އިންތިހާއަށް ފޫހިވެފައެވެ. މުދައްރިސުން ވެސް ގޭގައި ތިބެ ދަރިވަރުންގެ ކިޔެވުމާމެދު މިވަނީ ހާސްވެ ކަންބޮޑުވާން ފަށާފައެވެ.
ރަހްމަތްތެރިޔާ މިވަހަކަތައް ކިޔައިދެމުން ދިޔަ ވަރަކަށް ދިމާވެފައިވާ ކޮވިޑް-19 އިގެ ހާލަތުގައި ހާސްވެ ފިކުރު ބޮޑު ނުވާނެ ހަމަ އެކަކުވެސް ނެތްކަން ވިސްނައި ދިނެވެ. ނަމަވެސް ތަފާތަކީ އަހަރެމެންނަށް ކުރެވޭ އިހްސާސްތަކާ އަހަރުމެން ހަނގުރާމަ ކުރާ ގޮތްކަން އޭނާ ބުނެދިނެވެ.
ސޯޝަލް މީޑިއާއަކީ ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން އެއްޗެއް ލިޔުމުގެ މިނިވަންކަން އޮންނަ ތަނެއްކަމުން ސޯޝަލް މީޑިއާ އާއި ނޫސްތަކުގައި ވެސް ގުނާ އަދަދު ނުކުރެވޭހާ ގިނަ ސައްހަ ނޫން ހަބަރުތަކާއި މައުލުމާތުތައް ވާކަން ރަހްމަތްތެރިޔާ ހަދާންކޮށްދިނެވެ.
މި ދުވަސްވަރު މުޅި ދުވަސް ހޭދަވަނީ އެކި އެކި ވައިބާ ގްރޫޕްތަކުގައި މީހުން ޝެއާ ކުރާ އެއްޗިއްސާއި، ފޭސްބުކް، ޓުވިޓާ އާއި ބޭރު އަދި ހަމަ އެހެންމެ ދިވެހި އެކި އެކި ނޫސް ތަކުގައި ވެސް ލިޔާ ކޮވިޑް-19 އާ ގުޅޭ އެކި ލިޔުންތައް ކިޔުމުގަ އެވެ. މިއީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް ގިނަ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. ވީމާ މިކަމާ ބެހޭ މައުލުމާތު ހޯދާނީ ހަމައެކަނި އިތުބާރު ހުރި ސައްހަ މަސްދަރުތަކުންނެވެ.
ކަންތައްތައް ވަކި ގޮތަކަށް ކުރާނެ ތާވަލެއް ނެތި ހަމަ ގޭގައި ހުންނަން ޖެހުމުން ކަންތައްތައް ބޮއްސުންލައިގެން ދާނެ އެވެ. އޮފީހަށް އަދި ސްކޫލަށް ދާން ނުޖެހުނު ކަމުގައިވީ ނަމަވެސް ހެނދުނާ ހޭލާ، ރަނގަޅު ނާސްތާއަކަށް ފަހު މަސައްކަތްތައް ކުރުމަށް ވަގުތު ކަނޑައަޅައިގެން މަސައްކަތްކުރުމުގެ މުހިންމެވެ. އޮފީހަށް ނުދިޔަ ނަމަވެސް މުޅި ދުވަސް ނަގާލއިގެން އޮފީހުގެ މަސައްކަތްތައް ނިންމުމުގައި ވަގުތު ހޭދަކުރުމަކީ އެދެވޭ ކަމެއް ނޫނެވެ.
ކޮވިޑް-19 އިގެ ސަބަބުން އެކި އެކި ނަފްސާނީ ބަލިތައް ހުންނަ ފަރާތްތަކަށް އިތުރު އުނދަގޫތަކެއް މިދުވަސްވަރު މެދުވެރިވުމަކީ ވަރަށް ގާތްކަމެކެވެ. ވީމާ ރަހްމަތްތެރިންނާއި އާއިލާ މެންބަރުންގެ ހާލު ބަލާ އެކަކު އަނެކަކަށް މިވަގުތުގައި އެހީތެރިވެ އަޅާލާ ބަޔަކަށް ވެވޭތޯ ބަލަންވާނެ އެވެ.
އިންސާނުންނަކީ އެކަހެރިކޮށް އެކަނި އުޅެން ދަސްވެފައިވާ ބަޔެއް ނޫނެވެ. އާންމުކޮށް ބޭރަށް ގޮސް އުޅޭ އުޅުމަށް ހުރަހެއް އެޅުމަކީ ހަގީތަގުގައި ވެސް ދިރުއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމެކެވެ. މިއަދު މެދުވެރިވެފައި މިވަނީ އެކަކުވެސް ދެކެން ބޭނުންވާ ހާލަތެއް ނޫނެވެ. ނަމަވެސް މިއަދު މިވަނީ ގިނަ ބަދަލުތަކެއް ކުއްލިޔަކަށް ދިރިއުޅުމުގެ ހާލަތަށް އައިސްފައެވެ. އާންމުކޮށް މަގުމައްޗަށް ނިކުމެ އުޅޭ އުޅުން މިވަނީ މަނާ ވެފައެވެ. ޕާކްތަކާއި މައިޒާންތަކަށް ގޮސް އެއްވެ އުޅުން ވަނީ މަނާވެފައެވެ. އެންމެން ވަނީ ގޭ ބަންދުވެފަ އެވެ. އަދި އެންމެ ހާސް ކުރުވާ ކަމަކީ މި ހާލަތުން އަހަރުމެންނަށް އަރައިގަނެވޭނެ ދުވަހެއް ނޭނގޭތީ އެވެ.