ސްޓްރެސްވުން ނުވަތަ ކަންކަމާމެދު ހާސްވެ ފިކުރު ބޮޑުވުމަކީ ކޮންމެ މީހަކަށް ވެސް އާންމުކޮށް ދިމާވާ ކަމެކެވެ. އެއީ އަހަރުމެންގެ ހަޔާތުގެ ކޮންމެ ދުވަހަކުހެން ކޮންމެވެސް މިންވަރަކަށް އަހަރުމެނާ ބައްދަލުކުރާ ވެސް ކަމެކެވެ. ނަމަވެސް އަބަދު ކަންކަމާމެދު މާ ބޮޑަށް ފިކުރު ބޮޑުވެ ހާސްވެ އެ އިހްސާސްތައް ކޮންޓްރޯލް ނުކުރެވޭ ނަމަ ތިމާގެ ދިރިއުޅުމުން އެކަމުގެ ނުރަނގަޅު އަސަރުތައް ފެންނާން ފަށާނެ އެވެ. އޭގެ ސަބަބުން ރުންކުރުވެ ވަށައިގެންވާ މީހުންނަށް ވެސް އެކަމުގެ ނޭދެވޭ އަސަރުކޮށް މޫޑް ގޯސްވެ ކަންކަން ކުރާ ހިތް ނުވެ އަދި މާޔޫސްވުން ފަދަ އެކި އެކި މައްސަލަތައް ދިމާވެ ދާނެ އެވެ.
ސްޓްރެސްގެ ސަބަބުން ނަފްސާނީ ދުޅަހެޔޮ ކަމަށް ކުރާ މިފަދަ އަސަރުތަކުގެ އިތުރުން ސްޓްރެސްގެ ސަބަބުން މެދުވެރިވާ އެކި އެކި އެހެނިހެން ސިއްހީ މައްސަލަތައް ވެސް ހުރެއެވެ. އޭގެ ތެރޭގައި ލޭގެ ޕްރެޝަރު މައްޗަށް ދިއުން އަދި އެއާ ގުޅިގެން މެދުވެރިވާ އެކި އެކި ހިތުގެ ބަލިތައް ފާހަގަ ކޮށްލެވެ އެވެ. މީގެ އިތުރުން ކަންކަމާމެދު އަބަދު ފިކުރު ބޮޑު ވުމަކީ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ކަމެއްވެސް މެއެވެ. މީގެ ސަބަބުން ފަސޭހައިން ރޯގާ ފަދަ ބަލިތައް ޖެހުމަށް މެދުވެރި ވެއެވެ. އަދި މިނޫން ވެސް ސްޓްރެސްގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ބައިވަރެވެ.
އެފަދަ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ސްޓްރެސް ވުމުން އަމަލުތައް ބަހައްޓާ ގޮތް ވަރަށް މުހިންމެވެ. ސްޓްރެސް ވުމުން އަހަރުމެން އެކަމަށް އިޖާބަ ދޭ ގޮތް ވަރަށް މުހިންމުވެ. އެގޮތުން ފުންކޮށް ނޭވާލުމަކީ ސްޓްރެސް މެނޭޖް ކުރުމަށް ކުރެވޭނެ ވަރަށް ފަސޭހަ ނަމަވެސް ވަރަށް މުހިންމު ކަސްރަތެކެވެ.
ފުންކޮށް ނޭވާލާނީ ކިހިނެތް؟
އަހަރުމެން އާންމުކޮށް ނޭވާލާ ގޮތާ ޑީޕް ބްރީތިން ނުވަތަ ފުންކޮށް ނޭވާލާ ކަސްރަތާ ކުޑަ ތަފާތެއް އުޅެފާނެ އެވެ. ފުންކޮށް ނޭވާއެއް އެތެރެއަށް ލާ ހިނދު، ބަނޑު ފުފެން ވާނެ އެވެ. އަދި ނޭވާ ލަމުންދާ އިރު ހިތުން ފަހަކާ ހަމައަށް ގުނި ދާނެ އެވެ. އަދި އެއަށް ފަހު ދެތިން ސިކުންތަށް ނޭވާ ހިފަހައްޓާލުމަށް ފަހު ދެން ނޭވާ ބޭރަށް ލާ އިރު އަނެއްކާ ވެސް ހިތުން ފަހަކާ ހަމައަށް ގުނަމުން ބަނޑު ވެސް އަނބުރާ ތިރިއަށް ދޫކޮށްލާށެވެ. މިގޮތަށް ނޭވާ ލާއިރު ބަނޑު، ނޭވާލުމާއި އެކު މައްޗަށް ތިރިއަށް ރަނގަޅަށް ދޭ ތޯ ޔަގީން ކުރަން އޮށޮވެލައިގެން ބަނޑުގައި އަތް ބާއްވާލެވިދާނެ އެވެ، ފުންކޮށް ނޭވާލުމުގެ ބައިވަރު އުކުޅުތައް ހުރެއެވެ. މި ފާހަގަ ކޮށްލީ އޭގެ ތެރެއިން އެންމެ ގޮތެކެވެ.
ފަސް މިނެޓާއި 10 މިނެޓާ ދެމެދުގެ ވަގުތުކޮޅަކަށް ކޮންމެ ދުވަހަކު ވެސް ހެނދުނު ހޭލުމަށް ފަހު އަދި ނިދުމުގެ ކުރިން މި ކަސްރަތު ކޮށްލުމަކީ އެއިން ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެކެވެ.
- ސްޓްރެސް ހޯމޯން ކަމަށްވާ ކޯޓިސޯލްގެ ނޭދެވޭ އަސަރުތަށް ކުޑަކޮށްދޭނެ
- ހާޓް ރޭޓް ދަށްކޮށްދީ ލޭގެ ޕްރެޝަރު ދަށް ކުރުމަށް އެހީވޭ
- ފުއްޕާމެއަށް އޮކްސިޖަން ފޯރުކޮށްދޭ މިންވަރު އިތުރުކޮށްދީ ހަށިގަނޑުގެ ސެލްތަކަށް އޮކްސިޖަން ލިބޭ މިންވަރު އިތުރުވޭ
- ގިނަ ހަކަތަ ބޭނުންވާ ކަސްރަތުތައް ފަސޭހައިން ކުރަން އެހީވޭ
ފުންކޮށް ނޭވާލުމަކީ މިނޫން ވެސް އެތަކެއް ގިނަ މަންފާތަކެއް ކުރުވާ ކަސްރަތެކެވެ. އެގޮތުން ގަވައިދުން މި ކަސްރަތު ކުރުމަކީ ރޭގަނޑު ހަމަ ނިދި ލިބުމަށް ވެސަ އެހީތެރިވެދޭ ކަމެއް ކަމަށް ބައެއް ދިރާސާތަކުން ދައަކަ އެވެ. ވީމާ ގަވައިދުން ހެންދުނު ހޭލުމަށް ފަހު އަދި ރޭގަނޑު ނިދުމުގެ ކުރިން އެންމެ މަދުވެގެނަ ފަސް މިނިޓް މި ކަސްރަތު ކޮށްލުމުށް ހޭދަ ކޮށްލުމަކީ ވަރަށް ބުއްދިވެރި ކަމަކަށް ވާނެއެވެ.
މީގެ އިތުރުން ވެސް ދުވަހުގެ އެކި މަސައްކަތްތަކުގައި އުޅޭ އިރުވެސް ކަންކަމާމެދު މާ ބޮޑަށް ހާސްވެ ފިކުރު ބޮޑުވާ ހެން ހީވާނަމަ ތަނެއްގައި އިށީނުމަށް ފަހު ފުންކޮށް ނޭވާލުމަށް ވަގުތު ކޮޅެއް ހޭދަކޮށްލެވި ދާނެ އެވެ. މުހިންމު ކަމަކަށް ވާނީ މި ކަސްރަތު ކުރާ ވަގުތުގައި އެހެން އެއްވެސް ކަމަކާ މެދު ވިސްނުމުގެ ބަދަލުގައި ހަމައެކަނި ނޭވާލުމަށް ފޯކަސް ކުރުމެވެ.