ކުޅިވަރު

މޯހަން ބަގާން އާއި އޭޓިކޭ އެއްކޮށްލައި ސުޕަ ލީގަށް

އިންޑިއާގެ އެންމެ ބޮޑު ތާރީހެއް އޮތް ކުލަބު މޯހަން ބަގާން އާއި ހަމަ އެ ސިޓީއަށް ނިސްބަތްވާ އަމަރު ޓޯމާ ކަލްކަޓާ (އޭޓީކޭ) އާއެއްކޮށްލައި ދެ ޓީމު އެއް ނަމެއްގައި އިންޑިއަން ސްޕަ ލީގްގައި ވާދަ ކުރުމަށް ނިންމައިފި އެވެ.

ދުކުނު އޭޝިއާގައިވެސް ފުޓްބޯޅައިގައި އެންމެ ދުވަސްވީ ކުލަބު، މޯހަން ބަގާންގެ 80 ޕަަންޓްގެ ހިއްސާ، އޭޓީކޭ އޮނާޝިޕް އޮންނަ އާރްޕީއެސްޖީން ވަނީ ގަނެފަ އެވެ. ބާކީ 20 ޕަސަންޓަކީ މޯހަން ބަގާން ފުޓްބޯޅަ ކުލަބުގެ ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ އެވެ. މި އެއްބަސްވުމުގެ ދަށުން އަންނަ ސީޒަންގެ ސްޕަ ލީގްގައި މޯހަން ބަގާން ވާދަ ކުރާނެ އެވެ. ދެ ޓީމު އެއްކޮށްލުމުން ދެ ޓީމު ވާދަ ކުރާނީ "އޭޓީކޭ މޯހަން ބަގާން" ގެ ނަމުގަ އެވެ.

"އާރްއެސްޕީޖީގެ ފެމެލީއަށް މޯހަން ބަގާން އަށް މަރުހަބާ ކިޔުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް،" އާރްޕީއެސްޖީ ގުރޫޕްގެ ޗެއާމަން ސަންޖީވް ގޮންއެންކާ ވިދާޅުވެފައި ވެއެވެ. "މިއީ އަހަންނަށް ވަރަށް އިމޯޝަނަލް ވަގުތެއް، އެއީ އަހަރެންގެ ބައްޕަ ޝްރީ އާރްޕީ ގޮންއެންކާ ދުނިޔޭގައި ހުރިއިރު ބައްޕަ އަކީ މޯހަން ބަގާންގެ މެންބަރެއް."

މި ސީޒަންގެ އިންޑިން ސްޕާ ލީގް ހޯދުމުގެ ރޭހުގައި އެންމެ ކައިރިގައި އޮތީ އޭޓީކޭ އެވެ. އަދި އިންޑިއާގެ ރަސްމީ ލީގް އައި ލީގް ހޯދުމުގެ ރޭހުގައި އެންމެ ކުރީގައި އޮތީ މޯހަން ބަގާން އެވެ.

"އަހަރެމެން ބޭނުން ވަނީ މެރޫން އާއި ފެހި ކުލައިގެ ޖޯޒީގެ ލޯއްބެއް، 130 އަހަރުވީ ސަގާފަތް ކުރިއަށް ގެންދަން އަހަރެމެން ބޭނުން، އެ ލޯބި ކުރިއަށް ގެންދަން ބޭނުންނަމަ އެކުއެކީގައި ކުރިއަށްދާން ބައިވެރިޔެއް ބޭނުންވާނެ،" މޯހަން ބަގާންގެ ޗެއާމަން ސްވަޕަން ބޯސް ވިދާޅުވި އެވެ. "ބަދަލު ވަމުން އަންނަ ޒަމާނީ ފުޓްބޯޅައިގައި ވިދަން ބޭނުންނަމަ ބޮޑެތި އިންވެސްޓްތަކެއް ބޭނުން ވާނެ، އަދި އަދި އެކަން ކުރިއަށް ގެންދިއުމަށް ކޯޕަރޭޓް ފޯސްއެއް ބޭނުންވޭ، މިއީ ހަގީގަތަކީ."

އޭނާ ވިދާޅުވީ، އިންޑިއާގެ ފުޓްބޯޅައަށް އޭޓީކޭ އިން ގެންގުޅޭ ފިލޯސަފީ އާއި މޯހަން ބަގާން ގެންގުޅޭ ފިލޯސަފީއާ ދާދި އެއްގޮތް ކަމަށެވެ. އަދި އާ އެއްބަސްވުމާއެކު މޯހަންބަގާން ފުޓްބޯޅައިގެ އުސް މަރުހަލާތަކަށް ދެވޭނެ ކަމަށެވެ.

މޯހަން ބަގާންގެ ކުރީގެ ކެޕްޓަން ބައިޗަން ބުޓިއާ ބުނީ، މޯހަން ބަގާން އާއި އޭޓީކޭ އެއްކޮށްލިޔަސް މޯހަން ބަގާންގެ ތާރިހާއި އެ ޓީމުގެ އައިޑެންޓިޓީ ނުގެއްލޭނެ ގޮތަށް ކަންކަން ކުރިއަށް ގެންދާނެ ކަމަށް އުންމިދު ކުރާ ކަމަށެވެ.

އިންޑިއަސް ސްުޕަ ލީގުން މީގެ ކުރިން ވަނީ މޯހަން ބަގާން އާއި އެ ޓީމާ ވާދަވެރި އީސްޓް ބެންގާލް ސުޕަ ލީގަށް ވާދަ ކުރުމަށް ދައުވަތު ދީފަ އެވެ. އެހެންނަމަވެސް އެ ދެ ޓީމުން ބައިވެރި ނުވީ ސްޕަ ލީގަކީ ފްރެންޗައިސް އުސުލުން ހިންގާ ލީގަކަށް ވުމުން ބައިވެރިވާން ދައްކަން ޖެހޭ ފައިސާގެ އަދަދު ބޮޑު ކަމުންނެވެ.