ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން މާޒިޔާއަށް ޔަގީންވި ނަމަވެސް، ކުރިއަށް އޮތް މެޗުތަކަށްވެސް ސަމާލުކަން ކުޑަ ނުކުރާނެ ކަމަށް މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސްކީ ބުނެފި އެވެ.
ކުލަބު ގްރީން ސްޓްރީޓްސްގެ މައްޗަށް ކާމިޔާބު ހޯދައި، މާޒިޔާއިން ރޭ ވަނީ ލީގް ޗެމްޕިއަންކަން ކަށަވަރު ކޮށްފަ އެވެ. އެ ޓީމު ލީގް ކަށަވަރު ކުރީ ލީގް ބާކީ ތިން މެޗު އޮއްވަ އެވެ. ސެކްލޮވްސްކީ ބުނީ ނުވަ މަސް ކުރިން މާޒިޔާއިން ފެށި ޕްރީ ސީޒަންގެ ޓާގެޓް ހާސިލު ވެފައިވާ ކަމަށެވެ. މާޒިޔާއިން ވަނީ މިދިޔަ އަހަރު އޭޕްރީލް މަހު ސީޒަނަށް ތައްޔާރުވާން ފަށާފަ އެވެ.
ލީގް ކަށަވަރު ވެފައި ވުމުން އޭއެފްސީ ކަޕް ކޮލިފިކޭޝަނަށް ސަމާލުކަން ބޮޑުވާނެތޯ ސުވާލު ކުރުމުން ސެކްލޮވްސްކީ ބުނީ ފެއާޕްލޭ އަށް ކުޅުމަކީ އޭނާގެ މަސްއޫލިއްޔަތެއް ކަމަށާއި އެ މަސްއޫލިއްޔަތާއެކު ކުރިއަށް ހުރި މެޗުތަކަށްވެސް ވަރުގަދައަށް ތައްޔާރު ވާނެ ކަމަށެވެ.
"އާން.. ފެބްރުއަރީގައި އަހަރެމެންނަށް މިއޮތީ އޭއެފްސި ކަޕް ކޮލިފިކޭޝަން،" ސެކްލޮވްސްކީ ބުންޏެވެ. "އެހެންނަމަވެސް އަހަރެމެންނަކީ ފެއާޕްލޭއަށް ވެސް ކުޅޭ ޓީމެއް، އަހަރެމެންނަކީ ޗެމްޕިއަކަން ކަމަށްވިޔަސް ސީޒަން ނިމެންދެން ފެއާޕްލޭއަށް ކުޅުމަކީ އަހަރެމެންގެ މަސްއޫލިއްޔަތެއް."
ސެކްލޮސްކީ ބުނީ، މާޒިޔާގެ ބައެއް ކުޅުންތެރިން ގިނަ މެޗުތަކެއް ކުޅެފައި ވުމުން، ކުރިއަށް ހުރި މެޗުތަކުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށެވެ.
"އަހަރެމެން މި ކުޅެނީ ދެ ހަފަުތާއިން ހަތަރު މެޗު، އެހެންވީމަ ޔަގީން ބައެއް ކުޅުންތެރިންނަށް ރެސްޓް ބޭނުންވާނެ،" މެސަޑީނިއާގެ ކޯޗް ބުންޏެވެ. "އަދި ބެންޗުގައި ތިބި ބައެއް ކުޅުންތެރިންނަށް މެޗުތަކުން ފުރުސަތު ލިބުން ހައްގު ވެގެންވޭ، އަހަންނަކަށް މި ވަގަުތު ނޭންގެ ކުޅޭނީ ކޮން ކުޅުންތެރިންނެއް ކަމެއް."
މާޒިޔާއަށް 2017 ވަނަ އަހަރުވެސް ކޯޗް ކޮށްދިން ސެކްލޮސްކީ ވަނީ އެ އަހަރުގެ ގެ ޗެރިޓީ ޝީލްޑާއި މާލޭ ލީގް ޗެމްޕިއަންކަން މާޒިޔާއަށް ހޯދައިދީފަ އެވެ. އޭނާ ބުނީ މާޒިޔާއަށް ދިވެހި ޕްރިމިއާ ލިގް ހޯދައި ދެވުމުން އޭނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިނު ކަމަށެވެ.
މިއަދު 'އަވަސް' އާ ވާހަކަ ދައްކަމުން ސެކްލޮސްކީ ބުނީ ދިގު ބްރޭކްތަކާއި ކުއްލިއަކަށް ސީޒަން މެދު ކަނޑާލުމުން ކުރިމަތިވާ އުނދަގޫ ތަކާއެކުވެސް އެއް ފެންވަރެއްގައި މާޒިޔާއަށް ހިފަހައްޓާލެވުނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށެވެ.