ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކީ ހައްސާސް މައްސަލައެއް ގޮތުގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ނުދެކޭ ކަމަށް ނޮޅިވަރަމް ދާއިރާގެ މިނިވަން މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ކަނޑުހުޅުދޫގައި ހިނގާދިޔަ ޖިންސީ އަނިޔާގެ މައްސަލައާއި ގުޅިގެން އެކަން ކުށްވެރިކޮށް އެމްޑީޕީން ބަޔާނެއް ވެސް ނެރެފައި ނުވާކަން ފާހަގަ ކޮށް ޓްވިޓާގަ އެވެ.
އަބަދުވެސް ރައީސް ނަޝީދާއި، އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އެ މެންބަރު ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ޖަލުގައި ބަންދުކުރި އެމްޑީޕީގެ އިސް ބޭފުޅަކު މިނިވަން ކުރުންމުން އެއީ އިންސާނިއްޔަތައްޓަކައި ރައީސް ސޯލިހު ނިންމެވި ނިންމެވުމެއްކަމަށް ބުނެ އެމްޑީޕީއިން ނޫސްބަޔާނެއް ނެރުނު ކަމަށެވެ.
ނަމަވެސް ދެ އަހަރު ނުވާ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އެމްޑީޕީއަށް ބަޔާނެއް ނެރެން ނުކެރުނު ކަމަށެވެ.
"މިއީ ހައްސާސް މައްސަލައެއް ކަމުގައި އެމްޑީޕީން ނުދެކޭ ކަމުގެ ހެއްކެއް." ނަޝީދު ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިސް މަގާމެއް ފުރުއްވި އިބްރާހީމް ރަޝީދު (ހޯރަ) އިއްބެގެ މައްޗަށް ކޮށްފައިވާ ހުކުމްގެ އަދަބު ލުއި ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުމަކީ އިންސާނިއްޔަތައްޓަކައި ނިންމެވި ނިންމެވުމެއް ކަމަށް ބުނެ އެމްޑީޕީން ބަޔާނެއް ނެރެފައިވަނީ ޑިސެންބަރު 8، 2018 އިގަ އެވެ.
ކުޑަ އަންހެން ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށުގައި ޖަލަށްލި އެމްޑީޕީގެ އެކްޓިވިސްޓް ހޯރަ އިއްބެގެ ހުކުމް ލުއިކޮށްދީ މިނިވަން ކޮށްފައި ވަނީ މި ސަރުކާރުގެ ވެރިކަމުގެ އެންމެ ކުރީކޮޅެވެ. ހޯރަ އިއްބެ 2012 ޑިސެމްބަރުގައި ހައްޔަރު ކުރީ 17 އަހަރުގެ އަންހެން ކުއްޖަކާއެކު ކޮޓަރިއެއްގައި އޮއްވަ އެވެ. އެ އަންހެން ކުއްޖައާ ހޯރަ އިއްބެ ފަހުން ކައިވެނިކޮށް އެ ކައިވެންޏަށް ވަނީ ދަރިއަކު ވެސް ލިބިފަ އެވެ.
ނަމަވެސް ފަހުން ރައީސް ސޯލިހް ވަނީ އެއީ އެމަނިކުފާނަށް ނިންމެވުނު ގޯސް ނިންމެވުމެއް ކަމަށާ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
"އެ ނިންމުން އެގޮތަށް ނުނިންމުނު ނަމައޭ އަޅުގަނޑު ހިތައް އަރާ މިއަދު. މާ އަވަހަށް އެކަން ނުކުރެވުނު ނަމައޭ ހިތައް އަރާ. އެކަމާ އަޅުގަނޑު މިއަދުވެސް ހިތާމަ ކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ. "ނިންމުމެއް ނިންމުމަށް ފަހު، ފަހުން އެކަން ބަދަލުކުރަން ޖެހުނީމަ ލިބޭ ގެއްލުން މާ ބޮޑުވާނެ،"