މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ސީޕީގެ މަގާމުން މުނާޒު ވަކިކޮށްފި

ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަބްދުﷲ މުނާޒު މިއަދު އެ މަގާމުން ވަކިކޮށްފި އެވެ.

ސަރުކާރުގެ އިސް ބޭފުޅަކު އެކަން ވަނީ އަވަސްއަށް ޔަގީން ކޮށްދެއްވާފަ އެވެ.

ސީޕީގެ މަގާމުން މުނާޒް ވަކިކޮށްފައި މިވަނީ ޖަލުތަކުގެ ހާލަތު ދަށްވެ، ޖަލާމެދު އާންމުންގެ ކަންބޮޑުވުން ވަރަށް ބޮޑުވެފައި ވަނިކޮށެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކޮށް މިއަދު މުނާޒަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުން މުނާޒް ވަކިކުރައްވާފައިވާ ކަމަށް ދަންނަވަން ރައީސް ވިދާޅުވި ކަމަށެވެ.

ޖަލުގައި މި ފަހުން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އޮފިސަރުންގެ ފަރާތުން ގައިދީނަށް އަނިޔާތަކެއް ކުރިކަމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަޗއެވެ. އަދި ބައެއް ގައިދީން ޖަލުގައި ބަނޑުހައިހޫނު ކަމުުގެ ހަޅުތާލެއް ވެސް ކޮށްފައއި ވެއެވެ. ޖަލު ހަމައަކަށް ނޭޅުވި ގިނަ ދުވަސްތަކެއް ފާއިތުވުމުން ސަރުކާރަށް ވަނީ ޕްރެޝަރުތަަކަކާ ވެސް ކުރިމަތިލާން ޖެހިފަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ޑިސެމްބަރު މަހު ކޮމިޝަނާ އޮފް ޕްރިޒަންގެ މަގާމަށް މުނާޒް އައްޔަން ކުރި ފަހުން ކަރެކްޝަންސްގެ ފަރާތުން ނޫސްވެރިންގެ ބައްދަލުމެއް ފުރަތަމަ ބޭއްވީ ވެސް ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެނެވެ.

އެ ހަމަނުޖެހުންތަކާއި ގުޅިގެން ކަރެކްޝަނުން ދެއްކި ވާހަކަތަކާއި، ފުލުހުން އަދި އެޗްއާރުސީއެމްގެ ވާހަކަވެސް ދިމައެއް ނުވިއެވެ. މީގެ އިތުރުން ކަރެކްޝަންގެ ވާހަކަތައް ދޮގު ކޮށް އިންސްޕެެކްޓަރު އޮފް ކަރެކްޝަންސް އަހުމަދު މުހައްމަދު ވެސް ވަނީ އޭރު ވާހަކަ ދައްކަވާފަ އެވެ.

ޖަލުގައި އޭރު ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އެޗްއާރުސީއެމުން ބުނީ މާލޭ ޖަލަށާއި މާފުށި ޖަލަށް އެ ކޮމިޝަނުން ޒިޔާރަތްކޮށް ތަނުގެ އާންމު ހާލަތު ބަލައި ގައިދީންނާއި ބަންދުކޮށްފައި ތިބި މީހުންނާއި ޖަލު އޮފިސަރުންގެ ފަރާތުން މައުލޫމާތު ސާފު ކޮށްފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބެލި ބެލުމުން ޖަލުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ގައިދީންނާއި ބަންދު ކޮށްފައި ތިބި މީހުން ކަރެކްޝަންސްގައި ތަކުރާރުކޮށް އެދެމުންދާ ޒަރޫރީ ބައެއް ކަންކަން ފުއްދައި ނުދޭތީ އާއި އެކަށީގެންވާ އަވަސް މިނެއްގައި ސިއްހީ ފަރުވާ ފޯރުކޮށް ނުދެވޭތީކަން އެނގުނު ކަމަށެވެ.

މާލެ ޖަލުގައި ތިބި ބައެއް ގައިދީން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމާއި މާލެ ޖަލުގެ ތިން ތަނެއްގައި އަލިފާން ރޯކުރިކަން ވެސް އެނގިފައިވާ ކަމަށް އެޗްއާރުސީއެމުން އޭރުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަނާގެ މަގާމަށް އަބްދުﷲ މުނާޒް އައްޔަން ކުރެއްވީ ޑިސެންބަރު 25، 2018 ގައެވެ. އޭރު މުނާޒަކީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ.

މުނާޒަކީ އެމްއެންޑީއެފްގައި 24 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. 2011 ވަނަ އަހަރު އޭނާ ވަނީ ޝަރަފުވެރިކަމާއެކު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފަ އެވެ. އޭރު މުނާޒް ހުންނެވީ ފަސްޓް ލެފްޓެނަންޓްގެ މަގާމުގަ އެވެ. އެމްއެންޑީއެފްގެ ވަޒީފާއިން ވަކިވުމަށށް ފަހު ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސް އުފެއްދެވުމާ ގުޅިގެން އޭނާ ވަނީ ސްޕްރިންޓެންޑެންޓްގެ މަގާމަށް އައްޔަން ކުރައްވައި ޖަލުގެ އެންމެ އިސްވެރިޔާގެ މަގާމު އަދާކުރައްވާފައެވެ.