އިމްރާން އަބްދުﷲ

މުނާޒުގެ ވާހަކަތަކަށް އިމްރާން ރައްދު ދެއްވައިފި

ގައިދީންގެ ބޭސްފަރުވާގެ ކަންކަން އަވަސް ކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަމަލީ ގޮތުން އެއްވެސް ކަމެއް ހަމަޖައްސައި ނުދެވުނު ކަމަށް ވިދާޅުވެ ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ދެއްކެވި ވާހަކަތަކަށް އިމްރާން ރައްދު ދެއްވައިފި އެވެ.

ޖަލުތަކުގެ ކުރީގެ ވެރިޔާ ވަނީ ސަރުކާރާއި، ހޯމް މިނިސްޓަރަށް އަމާޒު ކުރައްވާ ގިނަ ތުހުމަތުތަކެއް ކުރައްވާފަ އެވެ. ނަމަވެސް އެ ތުހުމަތުތަކާއި ގުޅޭގޮތުން އިމްރާން ކުރިން ވާހަކަފުޅެއް ނުދައްކަވަ އެވެ.

ގައިދީންގެ ބޭސްފަރުވާގެ ކަންކަން އަވަސް ކުރަން ކުރި މަސައްކަތުގައި ހޯމް މިނިސްޓަރުގެ އެއްބާރުލުން ލިބިވަޑައިގެންފައި ނުވާ ކަމަށް މުނާޒު ވަނީ ތުުހުމަތު ކުރައްވާފަ އެވެ. މުނާޒް މަގާމުން ވަކިކުރެއްވިއިރު ޖަލުގައި ގައިދީންނަށް އެކަށީގެންވާ ގޮތުގައި ބޭސްފަރުވާގެ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ އޮތީ ވަރަށް ބޮޑުވެފަ އެވެ.

މުނާޒް ވިދާޅުވީ ކަރެކްޝަނަލް ސާވިސްއަށް ސްޕެޝަލިސްޓުން ހޯދަން އެދުމުން އެކަންވެސް ނުކޮށް ދެވުނު ކަމަށެވެ. އަދި އައިޖީއެމް ހޮސްޕިޓަލްގެ ޑޮކްޓަރުން ޖަލަށް ދާގޮތަށް ހަމަޖައްސައިދޭން އެދުމުން އެކަންވެސް ކުރެވިފައިނުވާ ކަމަށެވެ.

"ގައިދީންގެ ބޭސްފަރުވާ އަވަސް ކުރުމަށް އަމަލީ ގޮތުން އިމްރާން އަބްދުﷲ އަށް އެއްވެސް ކަމެއް ނުކޮށްދެވުނު. އެމްސީއެސްއަށް ސްޕެޝަލިސްޓުން ހޯދައި ނުދެވުނު. އައިޖީއެމްޗުން ޑޮކްޓަރުން ޖަލަށްދާ ގޮތަށްވެސް ހަމަޖައްސާ ނުދެވުނު. އަހަރެއް ފާއިތުވެގެން ދިޔައީ." މަޖިލީހުގެ ރައީސް ނަޝީދާއި، އެޗްއާރްސީއެމަށް ޓެގް ކުރައްވާ މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މުނާޒްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިމްރާން ވިދާޅުވީ މުނާޒް ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އަދި މުނާޒް ސީޕީއަކަށް ހުންނެވިއިރުު އެތައް ކަމެއް ފަހިކޮށްދެއްވާފައި ވާނެ ކަމަށާ ބަޖެޓްގައި ނެތް ކިތަންމެ ކަމެއް ކުރެވޭނެ މަގުތައް ވެސް ފަހިކޮށްދެއްވި ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލާނަން ޑޮކްޓަރުންގެ މައްސަލަ ހައްލު ކުރުމަށް، އެބޭފުޅާއަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކިތައް މީޓިންކަން އެބޭފުޅާއަށް ހަމަޖައްސައި ދެއްވީ. އެބޭފުޅާއަށް ފުރުސަތުތައް ފަހިކޮށް ދެއްވީ. ކިތައް އެރޭންޖްމަންޓްތައްކަން ހަދައި ދެއްވީ. ބަޖެޓްގައި ނެތް ކިތައް މަގުކަން ފަހިކޮށް ދިނީ. އަޅުގަނޑު ނީންނާނެ ދެއްތޯ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަޤާމްގައި ހުންނަ ބޭފުޅަކު އަތުގައި ހިފައިގެން ކޮންމެ ދުވަހަކު ޑެއިލީ ކުރަންޖެހޭ ކަންތައްތައް ކިޔައިދޭ މަގާމެއްގައެއް ނޫން އަޅުގަނޑު މިހުރީ. އެވަރުގެ ބޭފުޅެއްގެ އަމިއްލަ ލީޑަޝިޕާ ޒިންމާއާ މަސްއޫލިއްޔަތުތަކެއް ވެސް އޮންނާނެ.." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މުނާޒް މަގާމުން ވަކިކުރެއްވިިއިރު އެތައް ކަމެއް ހުރީ ރަނގަޅު ނުކުރެވި ކަމަށެވެ. އަދި ސީޕީއަކަށް ހުންނެވީ ކޮންމެ ބޭފުޅަކަށްވިޔަސް މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި ފަސޭހަ ކޮށްދެއްވުމަށް ކުރެއްވެން ހުރި ކޮންމެ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު އެދުވަހު ދެންނެވިން އަޅުގަނޑު ރާއްޖެ އަންނަންދެން އެއްވެސް ޑިޝިޝަނެއް ނުނަގާ މަޑުކުރާށޭ، އެއީ ހާލަތު ގޯސްކޮށް ނުރައްކާތެރި ހާލަތަކަށް ދާތަން އަޅުގަނޑަށް ފެންނާތީ. އަޅުގަނޑު އަންނަންދެން މޭޖާ އެއްވެސް ޑިޝިޝަނެއް ނުނަގާށޭ. ޑިޝިޝަންތައް ނަންގަވަމުން ގެންދެވި ގޮތުން އަޅުގަނޑަށް އިނގޭ ވަރަށް ނުރައްކާތެރި ދިމާއަކަށް ދާކަން. ދެން އަޅުގަނޑަކަށް ނޭނގެ އެކަންކަން އެ ކުރެއްވީ ކީއްވެގެން ކަމެއް ސީދާ ދަންނަވާކަށް. އަޅުގަނޑާއެކު މަސައްކަތްކުރާ އެއްވެސް ބޭފުޅަކު އެމަސައްކަތް ރަނގަޅަށް ކުރައްވަންޔާ އެފުރުސަތު ނުދީ އަޅުގަނޑު ނުހުންނާނެ."

މުނާޒް، ސީޕީގެ މަގާމުން ވަކި ކުރެއްވީ މިދިޔަ މަހުގެ 21 ވަަނަ ދުވަހު އެވެ. ނަމަވެސް، އޭނާ މަގާމުން ވަކިކުރެއްވި ސަަބަބު ވިދާޅުވެފައެއް ނުވެ އެވެ.

ނަމަވެސް، މުނާޒް ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން އަދި ބޭރުން ގުޅިގެން ޖަލުތެރެ ހިލުވާލަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މަގާމުން ވަކިކުރީ އެކަން ކާމިޔާބު ނުވުމުން ކަމަށް ވިދާޅުވި އެވެ.

އެގޮތަށް ވަޒީފާއިން ވަކިކުރުމަކީ ލިބުނު ކާމިޔާބީއެއް ކަމަށްވެސް މުނާޒް ވިދާޅުވި އެވެ.