އަންޑަ 19 ގައުމީ ޓީމުގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން މޮޅުވެ، އެންމެ ފަހުގެ ރަނަރަފް ޖޭޖޭ ސްޕޯޓްސް ކުލަބުން ދެ ވަނަ ޑިވިޝަންގެ ސެމީ ފައިނަލަށް ދިއުމުގެ އުންމީދު ބޮޑު ކޮށްފި އެވެ.
ކުޅުނު ދެ މެޗުންވެސް މޮޅުވެ ދެ ވަނަ ޑިވިޝަންގެ ގުރޫޕް އެކެއްގެ އެއް ވަނައިގައި އޮތީ ޖޭޖޭ އެވެ. އެ ގުރޫޕްގައި ހިމެނޭ ސްޕަ ޔުނައިޓެޑުން އިއްޔެ ހަވީރު ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް ދެ ވަނަ ޑިވިޝަންގައި އެ ޓީމު ފުރަތަމަ މޮޅު ވަނީ ހޯދާފަ އެވެ. މިދިޔަ ސީޒަންގެ ތިން ވަނަ ޑިވިޝަންގެ ރަނަރަފް ސުޕައިން ޑީއެސްސީ ބަލި ކުރީ 3-1 ންނެވެ.
މެޗުގައި ފުރަތަމަ ލީޑް ނެގީ ޑީއެސްސީ އެވެ. އެ ޓީމުގެ ލަނޑު 28 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހުސައިން ހާފިޒް އެވެ. މިނެޓެއް ހާއިރުވެސް ޑީއެސްސީއަށް ލީޑްގައި ހިފަހައްޓާ ނުލެވުނެވެ. ޖެހިގެން އައި މިނެޓްގައި ސްޕަ ޔުނައިޓެޑްގެ އަލީ ޝާފިއު ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ސްޕަ ޔުނައިޓެޑުން މެޗް ކާމިޔާބު ކުރީ މެޗުގެ ފަހު 15 މިނެޓްގައި ޖެހި ދެ ލަނޑުންނެވެ. އެ ދެ ލަނޑު ވެސް ކާމިޔާބު ކުރީ ޑީއެސްސީގެ ޑިފެންސަށް ހެދުނު މިސްޓޭކުތަކުން ސްޕާގެ އާދަމް ނިޒާމް އެވެ.
ސްޕަ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި، ފުރަތަމަ ޑިވިޝަންގައި ކުރިން ވާދަ ކުރި މަހިބަދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނިމުނީ 2-2 ން މެޗު އެއްވަރު ވެގެންނެވެ.
އެފްއޭއެމުން މިފަހަރު ނިންމި ނިންމުމުން ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމު ދެ ވަނަ ޑިވިޝަންގައި ވާދަ ކުރާތީ ފުރަތަމަ ޑިވިޝަންގައި ކުޅޭ ބައެއް ކުޅުންތެރިން ރޭ ގެ މެޗުގައި ވަނީ ކުޅެފަ އެވެ. ރޭގެ މެޗުގައި ޖޭޖޭގެ ލަނޑު ކާމިޔާބު ކުރީ އަހްމަދު ހުނައިފެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޖޭޖޭގެ ކޯޗް، އައްސަދު އަބްދުލް ގަނީ ބުނީ އެއަށްވުރެ ތަފާތު ބޮޑު ނަތީޖާ އަކުން ޖޭޖޭއަށް މޮޅު ވެވުނީސް ކަމަށެވެ. އޭނާ ބުނީ އެއް ލަނޑުގެ ލީޑެއްގައި އޮންނައިރު އަބަދުވެސް ލީޑްގައި އޮންނަ ޓީމު ކުޅޭނީ ޕްރެޝަރުގައި ކަމަށާއި ޖޭޖޭގެ ކުޅުންތެރިންނަށް ވެސް މެޗުގައި އެ މައްސަލަ ކުރިމަތިވި ކަމަށެވެ.
"މި ގުރޫޕްގައި އޮތް އެންމެ ވަރުގަދަ ދެ ޓީމު ހަގީގަތުގައި މި ބަލި ކުރެވުނީ،" ކުރީގެ ގައުމީ ކެޕްޓަން ބުންޏެވެ. "ދެ މެޗުން މޮޅު ވެވުނީމަ ކުޅުންތެރިންނަށް ވެސް ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ، އެކަމަކު އަދިވެސް ވަރުގަދަ މެޗުތައް ހުރީ."
ޖޭޖޭ ކުޅުނު ފުރަތަމަ މެޗުގައި ޑީއެސްސީގެ މައްޗަށް ކާމިޔާބު ހޯދީ 3-1 ންނެވެ. އެންމެ ފަހުގެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި ޑީއެސްސީ ކުޅުނު ދެ މެޗުން ބަލިވުމުން އެ ޓީމަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމުގައި އުނދަގޫ ކުރިމަތި ވެފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕެއްގެ ވެސް އެއް ވަނަ ޓީމާއި ދެ ވަނަ ޓީމެވެ.