ދެ ވަނަ ޑިވިޝަންގެ ސެމީ ފައިނަލް ދެ ވަނަ މެޗުގައި، ޖޭޖޭ ސްޕޯޓްސްގެ މައްޗަށް 3-2 ގެ ނަތީޖާއަކުން މޮޅުވެ ފައިނަލުގެ ޖާގަ ހޯދައި އަންނަ ސީޒަންގެ ފުރަތަމަ ޑިވިޝަނުން ކުލަބު ވެލެންސިއާ މަގާމު ކަށަވަރު ކޮށްފި އެވެ.
ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު، ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ މިދިޔަ ސީޒަންގަ އެވެ. އެފްއޭއެމުން މިފަހަރު ނިންމާފައި ވަނީ، ދެ ވަނަ ޑިވިޝަންގެ ފައިނަލަށް ދާ ދެ ޓީމަށް ވެސް ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭ ގޮތަށެވެ. އެއީ ފުރަތަމަ ޑިވިޝަންގައި ކުރިން އޮތް ދެ ޓީމު ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓަރީ ފުޓްބޯޅައިގެ ހަރަކާތް ތަކުން ސަސްޕެންޑް ކުރުމާ ގުޅިގެން މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު އެ ދެޓީމަށް ގެއްލުމުންނެވެ. ސަސްޕެންޝަނުން ސަލާމަތް ވެއްޖެނަމަ އެ ދެޓީމު ވާދަ ކުރަން ޖެހޭނީ އަންނަ ސީޒަންގެ ދެ ވަނަ ޑިވިޝަންގަ އެވެ.
ފުރަތަމަ ސެމީ ފައިނަލު މެޗު ކާމިޔާބު ކޮށް ސްޕަ ޔުނައިޓެޑް ސްޕޯޓްސް ވެސް ވަނީ ފުރަތަމަ ޑިވިޝަންގެ ޖާގަ ކަށަވަރު ކޮށްފަ އެވެ. ވެލެންސިއާ ފައިނަލަށް ދަތުރު ކުރީ، ފަހަތުން އަރައި މެޗު ކާމިޔާބު ކޮށްގެންނެވެ.
ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ، ޖޭޖޭއިންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 18 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލީ ނާފިއު (ކަޅޭ) އެވެ. ވެލެންސިއާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ، 40 ވަނަ މިނެޓްގައި ހުސައިން ނިޔާޒު މުހައްމަދު (ބޮކްރީ) ކާމިޔާބު ކުރި ލަނޑުންނެވެ.
ދެ ވަނަ ހާފުގައި ވެލެންސިއާ ލިޑް ނަގައި ދިނީ، ބިދޭސީ ކުޅުންތެރިޔާ އިރީ ސެމިއުލް އެވެ. އޭނާ ވެލެންްސިއާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ 67 ވަނަ މިނެޓްގަ އެވެ. ވެލެންސިއާގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީވެސް އޭނާ އެވެ. މެޗުގެ 81 ވަނަ މިނެޓްގައި ކަޅޭ ވަނީ ޖޭޖޭގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
މުބާރާތުގެ ފައިނަލު މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.