ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

އެއްވަނަ ޑިވިޝަނަށް ސަސްޕަޓީސް ކޮލިފައިވެއްޖެ

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި، ކުލަބު ޕީކޭގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން މޮޅުވެ، ފައިނަލުގެ ޖާގަ ކަށަވަރުކޮށް އަންނަ ސީޒަންގެ ފުރަތަމަ ޑިވިޝަނުން ސްޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސްޕަޓީސް) އިން ޖާގަ ހޯދައިފި އެވެ.

އެފްއޭއެމުން، މިފަހަރު ހަމަޖައްސާފައި ވަނީ، ދެ ވަނަ ޑިވިޝަންގެ ފައިނަލަށް ދާ ދެ ޓީމު، އަންނަ ސީޒަންގެ އެއް ވަނަ ޑިވިޝަނަށް ކޮލިފައިވާ ގޮތަށެވެ. އެއީ ފަސްޓް ޑިވިޝަންގައި މި ސީޒަންގައި އޮތް، ދެ ކުލަބު ކަމަށްވާ ފުޓްބޯޅައިގެ ކުރީގެ ގަދަ ދެ ބާރު ނިއު ރޭޑިއަންޓާއި ވިކްޓަރީ ސަސްޕެންޝަންގައި އޮތުމުންނެވެ. ސަސްޕެންޝަނުން ސަލާމަތް ވެއްޖެނަމަ، ނިއު އާއި ވިކްޓަރީ ވާދަ ކުރަނީ އަންނަ ސީޒަންގެ ދެ ވަނަ ޑިވިޝަންގަ އެވެ.

ފައިނަލްގެ އަނެއް ޖާގައަށް ވާދަ ކުރަނީ، ކުރިން ފުރަތަމަ ޑިވިޝަންގައި ވާދަ ކުރީ، ކުރީގެ ގަދަ ބާރު ކުލަބު ވެލެންސިއަ އާއި މިދިޔަ އަހަރު ދެ ވަނަ ޑިވިޝަންގެ ފައިނަލުގައި ވާދަ ކުރި ޖޭޖޭ ސްޕޯޓްސް ކުލަބެވެ. ވެލެންސިއާ އާއި ޖޭޖޭ ކުޅޭ މެޗު މިރޭ އޮންނާނެ އެވެ.

މިދިޔަ ސީޒަންގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ރަނަރަފްގެ ހައިސިއްޔަތުން، ދެ ވަނަ ޑިވިޝަންގައި މި ފަހަރު ވާދަ ކުރި ސަސްޕަޓީސް ފުރަތަމަ ޑިވިޝަންގެ ޖާގަ ކަށަވަރު ކުރީ އެ ޓީމު ވާދަ ކުރި ފުރަތަމަ ފަހަރުން އެވެ.

މިއަދު ހަވީރު ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ސަސްޕަޓީސް ވަނީ މެޗުގެ ފުރަތަމަ 15 މިނެޓް ތެރޭގައި އެ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހުޒައިފަތު ރަޝިދު (ހުޒޭ) އެވެ. ދެ ވަނަ ލަނޑު އޭގެ ހަތަރު މިނެޓް ފަހު ކާމިޔާބު ކުރީ އާދަމް ނިޒާމް އެވެ.

ކުލަބު ޕީކޭގެ ކުޅުންތެރިންނަށް މެޗުގެ ތެރެއަށް ރަނގަޅަށް ވަދެވުނީވެސް ބައިކޮޅަށް ދެ ލަނޑު ވަން ފަހުންނެވެ. ދެ ވަނަ ހާފުގައި ސަސްޕަޓީސްގެ ކުޅުންތެރިން ވަރުބަލި ވެފައިވުމުން، ޕިކޭގެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ގޯލް ޖަހާނެ ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. އެހެންނަމަވެސް ލިބުނު ފުރުސަތުތައް ގޯލަށް ވައްދާލެވޭ ގޮތެއް ނުވި އެވެ.

އެ ޓީމުގެ ލަނޑު، ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ބިދޭސީ ކުޅުންތެރިޔާ ބޯޑޫ ޕްރިންސް އެވެ.