ގުރޫޕް ސްޓޭޖުގައި ޖޭޖޭ ސަޕޯޓްސް ކުލަބު ގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ގުރޫޕް އެކެއްގެ އެއް ވަނައިގައި ސްޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސްޕަޓީސް) ދެ ވަނަ ޑިވިޝަންގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ސަސްޕަޓީސް އިން ވަނީ ތިން މެޗު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި އެއްވަރުވީ މަހިބަދޫ އަތުންނެވެ. ގުރޫޕްގެ އެއް ވަނަ ހޯދީ 10 ޕޮއިންޓާ އެކު އެވެ. އެ ގުރޫޕްގައި ސެމީގެ ޖާގަ ދެން ލިބެން އޮތީ ޖޭޖޭ އާއި ކުރިން ފުރަތަމަ ޑިވިޝަންގައި ވާދަ ކުރި މަހިބަދޫ ސްޕޯޓްސް ކުލަބުގެ ތެރެއިން ޓީމަކަށެވެ.
ސެމީގެ ފަހު ޖާގަ ކަށަވަރު ވާނީ ޖޭޖޭ އާއި މަހިބަދޫ ކުޅޭ މެޗުންނެވެ. މެޗު އެއްވަރު ކޮށްލިޔަސް ޖޭޖޭ ފައިނަލަށް ދާނެ އެވެ. މަހިބަދުއަށް ޖެހޭނީ މެޗުން މޮޅުވާށެވެ.
ސެމީގައި، ސަސްޕަޓީސް ވާދަ ކުރާނީ ގުރޫޕް ދޭއްގެ ދެ ވަނަ، ކުލަބު ޕީކޭ އާއެވެ. މިއަހަރު ދެ ވަނަ ޑިވިޝަންގެ ފައިނަލަށް ދާ ދެ ޓީމަށް އަންނަ ސީޒަންގެ ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނެ އެވެ. ސެމީގެ ޖާގަ ހޯދާ ފަހު ޓީމު ވާދަ ކުރަން ޖެހޭނީ ގުރޫޕް ދޭއްގެ އެއް ވަނަ ޓީމު ވެލެންސިއާ އާ ދެކޮޅަށެވެ. ސެމީ ފައިނަލު ދެ މެޗުވެސް އޮންނާނީ މަިމަހު 14 ވަނަ ދުވަހު އެވެ.
ރޭ ޖޭޖޭ އާ ދެކޮޅަށް ކުޅުނު މެޗުގައި ސަސްޕަޓީގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ އާދަމް ނިޒާމް އެވެ. ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ 11 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ 52 ވަނަ މިނެޓްގަ އެވެ. ޖޭޖޭގެ ލަނޑު ކާމިޔާބު ކުރީ ނޭޕާލްގެ ގައުމީ ޓީމުގެ އަބީޝެކް ރިޖާލް އެވެ. އޭނާ ލަނޑު ޖެހީ 62 ވަނަ މިނެޓްގަ އެވެ.