ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

10 ލަނޑު ފެނުނު މެޗުން މޮޅުވެ ޖޭޖޭ ސެމީއަށް

މަހިބަދޫ ސްޕޯޓްސް ކުލަބާއި ޖޭޖޭ ސްޕޯޓްސްގެ ކުރިމަތި ލުމުގައި 10 ލަނޑު ފެނުނު މެޗުން މޮޅުވެ، ދެ ވަނަ ޑިވިޝަންގެ ސެމީ ފައިނަލުގެ ފަހު ޖާގަ ޖޭޖޭ އިން ހޯދައިފި އެވެ. ޖޭޖޭ މެޗު ކާމިޔާބު ކުރީ 7-3 ންނެވެ.

ސެމީ ފައިނަލު ދެ ވަނަ މެޗުގައި، އަންނަ ހުކުރު ދުވަހުގެ ރޭ ކުޅޭ ޖޭޖޭ ވާދަ ކުރާނީ ގުރޫޕް ދޭއްގެ އެއް ވަނަ، ކުލަބު ވެލެންސިއާ އާ އެވެ. ސެމީ ފައިނަލު ފުރަތަމަ މެޗުގައި، ހުކުރު ދުވަހު ހަވީރު، ގުރޫޕް އެކެއްގެ އެއް ވަނަ ސްޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސްޕަޓީސް) ވާދަ ކުރާނީ ގުރޫޕް ދޭއްގެ ދެ ވަނަ ޓީމު ކުލަބު ޕީކޭ އާ ދެކޮޅަށެވެ.

މި އަހަރުގެ ދެ ވަނަ ޑިވިޝަންގެ ފައިނަލަށް ދާ ދެ ޓީމު އަންނަ ސީޒަންގައި ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނެ އެވެ. ކުރިން އޮންނަ ގޮތުންނަމަ ފުރަތަމަ ޑިވިޝަންގެ ސީދާ ޖާގަ ލިބެނީ، ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާ ދެ ޓީމަށެވެ. އަންނަ ސީޒަންގައި މިހާރު ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ނިއު ރޭޑިއަންޓާއި ވިކްޓަރީ ސަސްޕެންޝަނުން ސަލާމަތް ވެއްޖެނަމަ އެ ދެ ޓީމު ވާދަ ކުރަން ޖެހޭނީ ދެ ވަނަ ޑިވިޝަން ގަ އެވެ.

މިއަދު ހަވީރު ކުޅުނު މެޗު އެއްވަރު ކޮށްލައިގެންވެސް ޖޭޖޭއަށް ސެމީއަށް ދެވުނީހެވެ. އެ ޓީމުގެ ހަތް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބު ކުރީ ނޭޕާލްގެ ގައުމީ ޓީމުގެ ފޯވަޑް އަބީޝެކް ރިޖާލް އެވެ.

ފުރަތަމަ ލަނޑު ކާމިޔާބު ކޮށް އޭނާ، ޖޭޖޭއަށް ލީޑް ނަގައިދިނީ މެޗުގެ 10 ވަނަ މިނެޓްގަ އެވެ. އޭގެ ފަސް މިނެޓް ފަހުން މަހިބަދޫގެ އަހްމަދު ފުއާދު ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޭޖެއިން އިތުރު ދެ ލަނޑު ޖަހައި ނަތީޖާ 3-1 ށް ބަދަލު ކުރި އެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ އަހްމަދު އައިހަމް އާއި އަލީ ނާފިއު (ކަޅޭ) އެވެ.

ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ 10 މިނެޓް ތެރޭ، ޖޭޖޭއިން ވަނީ އިތުރު ދެ ލަނޑު ކާމިޔާބު ކޮށް ނަތިޖާ 5-1 ބަދަލު ކޮށްފަ އެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު 51 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލީ ހާފިޒު (ހާއްޕެ) އެވެ. ޖެހިގެން އައި މިނެޓްގައި ރިޖާލް ވަނީ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ރިޖާލް ހެޓްރިކް ހެދީ، މެޗުގެ 68 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މަހިބަދޫގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އިސްމާއީލް ނަޒީރެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ 81 ވަނަ މިނެޓްގަ އެވެ. ތިން ވަނަ ލަނޑު 87 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޝުއައިބް ސައީދު އެވެ. ޖޭޖޭގެ ހަތް ވަނަ ލަނޑު ރިޖާލް ކާމިޔާބު ކުރީ 92 ވަނަ މިނެޓްގަ އެވެ.