ޝަރުއީ ކޯޓްތަކަށް ހުށައެޅޭ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާއި، ޖިންސީ ގޯނާގެ މައްސަލަތަކުގައި އަވަސްކަމާއި ހަލުވިކަމާއެކު ހުކުމް ކުރެވިގެންދާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކޯޓްތަކުން އެއްބަސްވެއްޖެ އެވެ.
ޖޭއެސްސީން މިއަދު ބުނީ ޝަރުއީ ކޯޓްތަކަށް ހުށައެޅޭ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާއި، ޖިންސީ ގޯނާގެ މައްސަލަތައް އަވަހަށް ނިންމުމާއި ގުޅޭގޮތުން ކޯޓްތަކުގެ އިސް ފަނޑިޔާރުންނާއި، އިދާރީ މުވައްޒިފުން އަދި ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުންނާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. ތިން ދުވަހުގެ މުއްދަތަށް ދެމިގެންދިޔަ މި މަޝްވަރާތަކުގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކަކީ ވަރަށް ހައްސާސް މައްސަލަތަކަށްވާތީ އެފަދަ މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހުރިހާ ފަނޑިޔާރުންވެސް ފާހަގަ ކޮށްފައެވެ.
އަދި މިފަދަ މައްސަލަތައް އަވަހަށް ނިންމުގައި ހުރި ބައެއް ދަތިތައްވެސް ފަނޑިޔާރުން ވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން ކޯޓްތަކުގެ ޖާގައިގެ ދަތިކަން، މުވައްޒިފުންގެ ދަތިކަން، މެޖިސްޓްރޭޓް ކޯޓްތަކުގައި ގާއިމްވެތިބޭ މެޖިސްޓްރޭޓުން ނެތުން، ދިފާއީ ވަކީލުންނަށް ކޯޓަށް ހާޒިރުވުމުގައި ހުރި ދަތިތައް އަދި ތުހުމަތު ކުރެވޭ ފަރާތާއި، ހެކިން ކޯޓަށް ހާޒިރުކުރުމުގައި ހުރި ދަތިތައް ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ.
އެ ދަތިތައް ހުރިނަމަވެސް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އަވަހަށް ނުބެލިއްޖެނަމަ އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ބޮޑުކަންވެސް ފަނޑިޔާރުން ވަނީ ފާހަގަކޮށްފައެވެ.
"ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލައެއް ކޯޓަކަށް ހުށައެޅިއްޖެނަމަ، ގާނޫނީ އިޖްރާތުގެ ތެރެއިން ލިބެންޖެހޭ އެންމެހާ ހައްގުތައް މައްސަލައިގެ ހަސްމުންނަށް ލިބިދިނުމާއެކު، ބްލޮކް ޓްރައިލްސް ނިޒާމުގެ ތެރެއިން މެދުނުކެނޑި މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދެވޭނެގޮތަށް މައްސަލަތައް މެނޭޖްކޮށް، މައްސަލަތައް އަވަސް ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާ، އަވަސް ކަމާއި ހަލުވިކަމާއެކު ހުކުމް ކުރެވިގެންދާނެ ގޮތަށް ކޯޓްތަކުން ހަމަޖައްސަންޖެހޭ އެންމެހާ ކަންކަން ހަމަޖައްސައި އެގޮތުގެ މަތިން ޝަރުއީ ކޯޓްތަކުން އަމަލު ކުރަމުން ގެންދިއުމަށް ވަނީ އެއްބަސްވެފައި." މަޝްވަރާތަކަށްފަހު ޖޭއެސްސީން މިރޭ ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.