ޗައިނާގައި ފެތުރެމުންދާ "ނޮވެލް ކޮރޯނާ ވައިރަސް" އާއި ގުޅިގެން މުޅި ދުނިޔެ އޮތީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގައި "ނޮވެލް ކޮރޯނާ ވައިރަސް" ފެތުރު މީހުން މަރުވަމުންދާއިރު، އެ ބަލި އެމެރިކާ، ޓައިވާން، ތައިލަންޑް، ޖަޕާނު، ނޭޕާލް، ސިންގަޕޫރު ހޮންކޮން، މަކާއޯ އަދި ދެކުނު ކޮރެއާ އިން ވަނީ ފެނިފައެވެ. އެކަމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްްޔާއިން ވަނީ ކުއްލި ބައްދަލްވުންތައް ބާއްވަން ފަށާފައެވެ.
އަދި ގިނަ ގައުމުތަކުގައި މިހާރު ވަނީ އެއާޕޯޓްތަކުގައި ސްކްރީން ވަރުގަދަ ކޮށްފައެވެ. ހާއްސަކޮށް ޗައިނާއިން އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް ސްކްރީން ކުރެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއެވެ. އެ ގައުމުން އެތައް ހާސް ފަތުރުވެރިން ކޮންމެ މަހަކުވެސް ރާއްޖެ އާދެއެވެ. ޗައިނާއިން އަންނަ ފަތުރުވެރިންގެ ތެރޭގައި "ނޮވެލް ކޮރޯނާ ވައިރަސް" އެންމެ ހަލުވިކޮށް ފެތުރޭ ސިޓީތައްވެސް ހިމެނެއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ތަޖުރިބާ ކާރުން ވިދާޅުވާ ގޮތުގައި ރާއްޖެއަށް ޗައިނާއިން އެންމެ ގިނަ ފަތުރުވެރިން އަންނަނީ މިހާރު އެ ވައިރަސް އެންމެ ހަލުވިކޮށް ފެތުރެމުންދާ ސިޓީީތަކުންނެވެ. ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނީ އެ ވައިރަސް ޖެހިފައިވާ މީހުން އެ ގައުމުގެ 13 ޕްރޮވިންސަކުން މިހާރު ފެނިފައިވާ ކަމަށެވެ. އަދި އިތުރު ސިޓީތަކުން ވައިރަސްގެ އައު ކޭސްތައް ފެންނާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
"ނޮވެލް ކޮރޯނާ ވައިރަސް" އާއި ގުޅިގެން ޗައިނާއިން ބަލިވި ގިނަ މީހުންނަކީ ސީފުޑް އަދި ޖަނަވާރު ވިއްކާ މާރުކޭޓްތަކުގައި މަަސައްކަތްކުރި ނުވަތަ އެތަންތަނަށް ދިޔަ މީހުން ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.
2002 ވަނަ އަހަރު އެ ގައުމުން ފެތުރެންފެށި ސާސް ރޯގާ އާ އެއް ދަރަޖައެއް ޗައިނާ ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. އަދި ގިނަ ގައުމުތަކުންވެސް ވަނީ މިއީ ޗައިނާ ފަތުރުވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެންމެ ގިނައިން ދަތުރުކުރަމުންދާ ދުވަސް ކަމަށްވާތީ އެ ގައުމުތަކުގައިވެސް ސްކްރީން ކަންކަން ވަރަށް ވަރުގަދަކޮށް ހަރުދަނާކޮށްފައެވެ.
ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރަން ފެށުން
ކޮރޯނާ ވައިރަސް އަށް ސްކްރީން ކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައިވެސް އިއްޔެ ވަނީ ފަށާފައެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ، ޗައިނާ އިން ފެނުނު ކޮރޯނާ ވައިިރަސް އާއި ގުޅިެގން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެ މިނިސްޓްރީ އާއި ގުޅުން ހުރި އިދާރާތަކާއެކު އަޅަމުން އަންނަ ކަމަށެވެ. އަދި، އާއްމުންނާއި ރާއްޖެ އަންނަ ފަތުރުވެރިންގެ ސަލާމަތަށް ރައްކާތެރިވުމުގެ ގޮތުން އެއާޕޯޓުގައި ސްކްރީން ކުރުމުގެ މަސައްކަތް އެޗްޕީއޭ އިން ފަށާފައިވާ ކަމަށެވެ.
ރާއްޖެ އަންނަ ފަތުރުވެރިން ސްކްރީން ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ކޮރޯނާ ވައިރަސްގެ އެއްވެސް ކޭސް އެއް މިހާތަނަށް ފެނިފައި ނުވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރަމުން ގެންދަނީ އެންމެ ކެމެރާ އަކުންނެވެ. ނަމަވެސް ކުރިއަށް އޮތް ދިހަ ވަަރަކަށް ދުވަސްތެރޭ ހަ ތާމަލް ކެމެރާ ގެނެސް ރާއްޖެ އެތެރެވާ މީހުންގެ ޓެސްޓުތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހެލްތް މިނިސްޓްރީން ވަނީ މަސައްކަތް ފަށާފައެވެ.
އެ މިނިސްޓްރީން ބުނީ އެއާޕޯޓުގެ އިތުރުން ރާއްޖޭގެ ޕޯޓުތަކާއި ހުރިހާ އެންޓްރީ ޕޮއިންޓުތަކުންވެސް ސްކްރީން ކުރާނެ ކަމަށެވެ. އަދި އައްޑޫ ސިޓީ އެއާޕޯޓުގައިވެސް މި ޓެސްޓުތައް ކުރުމަށް ހަމަޖެހިފައިވެއެވެ. މި ވައިރަސް އަށް ސަސްޕެކްޓު ކުރެވޭ މީހަކު ފެނި އައިސޮލޭޓް ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަންކަމަށް ތައްޔާރު ވުމަށް ކަމާ ގުޅުންހުރި އިދާރާތައް އެކުގައި އިންތިޒާމް ކުރަމުން އަންނައިރު އެއާޕޯޓުގައި އައިސޮލޭޝަން އޭރިއާއެއް މިއަދު ވަނީ ހަމަޖައްސާފައެވެ. އަދި މި ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ކަމުގައި ވާނަމަ، ހޮސްޕިޓާތަކުން ރާއްޖޭން ބޭރަށް ފޮނުވައިގެން ޓެސްޓުތައް ހެދުމަށް ނިންމާފައިވާ ކަމަށްވެސް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސްކްރީން ކުރުން އިތުރަށް ވަރުގަދަ ކުރަންޖެހޭ
ރާއްޖޭގެ ސިއްހީ ދާއިރާގެ ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި "ނޮވެލް ކޮރޯނާ ވައިރަސް" އަށް ސްކްރީން ކުރުން ރާއްޖޭގައި ވަރުގަދަ ކުރަންޖެހެއެވެ. އަދި އެންމެ ކެމެރާއަކުން އެކަން ކުރުމަކީ އެކަން އެންމެ ރަނގަޅަށް ކުރަން އޮތް ގޮންޖެހުމެކެވެ.
ޗައިނާއިން ކޮންމެ ދުވަހަކު އެތައް ފަތުރުވެރިންނެއް ރާއްޖެ އަންނައިރު، އަދި ޗައިނާއިން ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަކީ މިހާތަނަށް "ނޮވެލް ކޮރޯނާ ވައިރަސް" ފެނިފައިވާ ސިޓީތަކުން އަންނަ ފަތުުރުވެރިންނަށްވާއިރު މިހާރަށްވުރެ ސްކްރީން ވަރުގަދަ ކުރަން ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންވެސް ގެންދަވަނީ ގޮވާލައްވަމުންނެވެ.
ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ "ނޮވެލް ކޮރޯނާ ވައިރަސް" ގިނަ ގައުމުތަކަކުން ފެންނަމުންދާއިރު، މިހާރުވެސް އެ ގައުމުތަކުގައި ސްކްރީން ކުރުން ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ ކަަމަށެވެ. އަދި ސްކްރީންގެ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދީ، އެކަން ރަނގަޅަށް ތަންފީޒްވަމުންދާ ކަމުގެ ޔަގީންކަން ރައްޔިތުންނަށްދޭން ޖެހޭ ކަމަށެވެ.
ރާއްޖެއިން ބަލި ފެނިއްޖެނަމަ ޓޫރިޒަމަށް ނުރައްކާ
"ނޮވެލް ކޮރޯނާ ވައިރަސް" ފެތުރެމުންދާއިރު، މި ބަލި ޖެހިފައިހުރި މީހަކު ރާއްޖެއިން ފެނުމަކީ ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. ހާއްސަކޮށް އެފަދަ މީހަކު ރާއްޖެ އެތެރެވެ، ރިސޯޓެއް ނުވަތަ އެހެން ތަނެއްގައި ހުއްޓާ ބަލި ޖެހިފައިވާކަން އެނގިއްޖެނަމަ އެއީ އަދި މާބޮޑު ގެއްލުންތަކެއް ރާއްޖެއަށް ކުރާނެ ކަމެކެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ އެއާޕޯޓްގެ ސްކްރީން ވަރަށް ވަރުގަދަ ކުރަންޖެހޭ ކަަމަށެވެ. އަދި އެއާޕޯޓުން ސްކްރީން ކުރެވިގެން ރާއްޖެ އެތެރެވާ ކޮންމެ މީހަކީ އެ ވައިރަސް އަސަރު ނެތް މީހެއްކަން ޔަގީން ކޮށްދޭން ޖެހޭ ކަމަށެވެ.
"މިސާލަކަށް ފަތުރުވެރިއަކު ރިސޯޓްގައި ހުއްޓާ ވައިރަސްގެ އަސަރު ހުރިކަން މި އެނގުނީ. ދެން ވާނީ ކިހިނެތްތޯ. ފުރަތަމަ ކަމަކަށް އެ ރިސޯޓް ގާތްގަނޑަކަށް ހުއްޓުނީ. އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާނެ. އެހެންވީމަ ވަރަށް އިސްކަންދޭން ޖެހޭ ސްކްރީން ކުރުމަށް. އަދި ޔަގީންވާން އެބަޖެހޭ ރިސޯޓްތަކަށް މި ދެވޭ ފަތުުރުވެރިންނަކީ އޭގެ އަސަރު ނެތް ބައެއްކަން."
އޭނާ ވިދާޅުވީ ވައިގެ މަގުގެ އިތުރުން ކްރޫޒްލައިނާތަކުގައިވެސް ރާއްޖެ އަންނަ މީހުން މިހާރު މަދު ނޫން ކަމަށެވެ. އެހެންވީމަ އެ ގޮތަށް އެރެވޭ ފަތުުރުވެރިންގެ ރައްކާތެރިކަން ސަރުކާރުން ޔަގީންކޮށްދޭން ޖެހޭ ކަމަށެވެ.
"އެ ގައުމުން ޔަގީންކަން ދޭން އެބަޖެހޭ ދެއްތޯ އެ ގައުމެއްގައި ސްކްރީން ކުރުން އޮތީ ވަރަށް ހަރުދަނާކޮށްކަން. އެކަން ކުރަން ހުރީ އެންމެ ކެމެރާއެއް ނޫންކަން. އަދި އެފަދަ މީހަކު ފެނިއްޖެނަމަ ކަރަންޓީންކޮށް ފަރުވާ ދެވޭނެ އިންތިޒާމް ވަކިން ހަަމަޖެހިފައިވާކަން. މުޅި ދުނިޔެއަށްވެސް މަޝްހޫރު ކަމެއް ރާއްޖޭގެ ފަތުރުވެރިކަމުގައި ޗައިނާގެ ހިއްސާ. އެހެންވީމަ އެހެން ގައުމުތަކުން އަންނަ ފަތުރުވެރިންނަށް އެ ގައުމަކުން އަޅާފައިވާ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމު." އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތީ ޗައިނީސް ނިއު އިޔާރ
ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމަށް އަނެއްކާވެސް ބާރު ބޮޑު ދުވަސްވަރެވެ. އެންމެ ގިނައިން ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަ ދުވަސްވަރެވެ. ޗައިނީސް ނިއު އިޔާރ އަށް އެތައްހާސް ފަތުުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އަންނާނެއެވެ.
އެހެން ކަމުން އެ ދުވަސްވަރަށް ސަރުކާރުން އިތުރަށް ތައްޔާރުވާންޖެހެއެވެ.
ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ވަރަށް އަވަހަށް އިތުރު ސްކްރީން ކެމެރާތައް ލިބޭނެ ކަމަށެވެ. އަދި މިއަދު އެއާޕޯޓުގައި އައިސޮލޭޝަން އޭރިއާއެއް ގާއިމްކުރެވޭނެ ކަމަށެވެ. އެހެން ކަމުން ރާއްޖެ އަންނަ ފަތުރުވެރިންގެ ރައްކާތެރިކަމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ދުނިޔޭގެ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާއިރު، ޓްއަރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ މި ގައުމުގައި ހެލްތް ސްކްރީން އަދި އެއާޕޯޓްގެ އިންތިޒާމްތައް ވަރަށް ރަނގަޅުވާން ޖެހޭ ކަމަށެވެ.
"ނަމަވެސް ސަރުކާރު މި ފެންނަނީ މިފަދަ މުހިންމު ކަންކަމުގައި ނިދިޖެހި، އާންމު އުސޫލުން ވަރަށް ލަސް (ސްލޯ) ވެފައިވާ ތަން." ސައީދު ވިދާޅުވިއެވެ.
ދަތުރުކުރާ މީހުން ސަމާލުކަންދޭންވީ ކަންކަން
- ދޫނިސޫފާސޫފި، ޖަނަވާރު ގެންގުޅެ، ވިއްކާ އަދި ކަތިލާ ތަންތަނަށް ނުދިއުން
- ބަލިމީހުންނާ ކައިރީގައި ނޫޅުން
- ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
- ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން ރަނގަޅަށް އަނގައާއި ނޭފަތް ނިވާކުރުން
އަލާމާތެއް ފެނިއްޖެނަމަ އަމަލު ކުރަންވީ ގޮތް
- މާސްކު އަޅައިގެން އުޅުން
- ސިއްހީ ހިދުމަތެއް ހޯދުމަށް މެނުއީ ބޭރަށް ނުނިކުތުން
- އަވަސް ސިއްހީ ފަރުވާ ހޯދުން
- ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ އިރުޝާދާއެކު ދަތުރުކުރި ތަންތަނުގެ މައުލޫމާތު ދިނުން
- ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން ރަނގަޅަށް އަނގައާއި ނޭފަތް ނިވާކުރުން
- ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
"ނޮވެލް ކޮރޯނާ ވައިރަސް" ގެ ނުރައްކާ ބޮޑުވެފައިވާއިރު، މިއީ ރާއްޖޭން ފުންވިސްނަން ޖެހޭ ކަމެކެވެ. އެ ވައިރަސްގެ އެންމެ ކޭސްއެއް ފެނުނަސް އެއީ ރާއްޖޭގެ އިގްތިސާދަށް ލޮޅުން އަރާނެ ކަމެކެވެ.
އަނެއްކޮށް ރާއްޖެއިން ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާކަން ޔަގީން ކޮށްދޭން ޖެހެއެވެ. އެތެރެއާއި ބޭރަށް އެކަން ކަށަވަރުކޮށްދޭން ޖެހެއެވެ. އެ ވައިރަސް ހުރި މީހަކު ފެނިއްޖެނަމަ އޭނާއާއި މުޖްތަމައުގެ ރައްކާތެރިކަމަށްޓަކައި ހަރުދަނާ ފިޔަވަޅުތައް އެޅޭނެ އިންތިޒާމް ހަމަޖެހިފައިވާކަން ޔަގީން ކޮށްދޭން ޖެހެއެވެ.